09 ނޮވެމްބަރ 2017 - 12:28

ހުޅުލެ އާއި މާލެ އާ ދޭތެރޭ އަޅާ "ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ކިޔާނެ ދިވެހި ނަމެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބަހުގެ އެކަޑަމީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބްރިޖަށް ކިޔާނެ ނަމެއް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ކޮންމެ މީހަކަށް ވެސް ތިން ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ނަންތައް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން:
* ދިވެހިރާއްޖެ އާއި ޗައިނާ ރަމްޒުކޮށްދޭ ނަމަކަށް ވުން
* ދުލަށް ފަސޭހަ، ނަމަކަށް ވުން
* ގިނަވެގެން ނުވަ އަކުރަށް ވުރެ ދިގު ނަމަކަށް ނުވުން
* ރަނގަޅު މާނައެއް ދޭހަވާ ނަމަކަށް ވުން
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ސަރުކާރުން އިއުލާނު ކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ މިނިވަން ދުވަހު ބްރިޖް ހުޅުވާނެ އެވެ.
ބަހުގެ އެކަޑަމީން މި ގޮތަށް ހުޅުވާލުމާ އެކު، ބްރިޖަށް ކިޔާނެ ނަމަކާ ދޭތެރޭ "މިހާރު"ގެ ކިޔުންތެރިން ކޮމެންޓް މެދުވެރިކޮށް ހިޔާލު ފާޅުކުރާށެވެ.