ޕީޕީއެމްގެ ކައުންސިލް ބާއްވައިދޭން އެދުމުން މައުމޫން އިޖާބައެއް ނުދެއްވި
ޕީޕީއެމްގެ ކައުންސިލް ބާއްވައިދޭން އެދުމުން މައުމޫން އިޖާބައެއް ނުދެއްވި

ތިން ދުވަސް ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން އެދި ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފޮނުއްވި ސިޓީ އަށް އެ މަނިކުފާނު އިޖާބައެއް ނުދެއްވި އެވެ.

ޕީޕީއެމްގެ ކައުންސިލް ބާއްވައިދޭން އެދުމުން މައުމޫން އިޖާބައެއް ނުދެއްވި
ޕީޕީއެމްގެ ކައުންސިލް ބާއްވައިދޭން އެދުމުން މައުމޫން އިޖާބައެއް ނުދެއްވި

ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް ތަމްސީލްކުރައްވާ 33 މެމްބަރުންގެ ތެރެއިން 26 މެމްބަރަކު ސޮއިކުރައްވައި މައުމޫނަށް ފޮނުއްވި ސިޓީގައި ކައުންސިލް ބާއްވައިދޭން އެދިވަޑައިގަތީ ޕާޓީ ހިންގުން ހުއްޓުވާލައްވައި އިސްލާހީ އެޖެންޑާއެއް އިއުލާން ކުރެއްވި ސަބަބު އޮޅުންފިއްލެވުމަށެވެ. ސިޓީގައިވާ ގޮތުން، ކައުންސިލަކީ ޕާޓީގެ އެންމެ ބާރު ގަދަ ގުނަވަނަށްވެފައި މެމްބަރުންނާ މަޝްވަރާކުރުމެއް ނެތި ޕާޓީގެ ނިންމުންތައް މައުމޫނަކަށް ނުނިންމެވޭނެ އެވެ.

އެކަމަކު ތިން ދުވަސް ހަމަވިއިރު ވެސް މައުމޫން ކައުންސިލް ބައްދަލުވުމެއް ބާއްވަވާފައެއް ނުވެ އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ކައުންސިލް މެމްބަރުން އެދިވަޑައިގަތް ގޮތަށް ބައްދަލުވުމެއް ބާއްވަން މައުމޫން ވިސްނުންފުޅު ނުގެން ގުޅުއްވާ ކަމަށެވެ. އެ މަނިކުފާނު މިހާރު އިސްކަން ދެއްވަނީ އިއުލާން ކުރައްވާފައިވާ އިސްލާހީ އެޖެންޑާގެ ތެރެއިން ޕާޓީގެ ކަންކަން ހަމަ މަގަށް އަޅުވަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

- ޕާޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޕާޓީގެ އެތެރޭގެ ނިޒާމްތައް އިސްލާހުކުރުން.

- ޕާޓީގެ މައިގަނޑު އުސޫލްތަކަށް ރުޖޫއަވުން.

- ޕާޓީގެ އިންތިހާބީ މަގާމްތަކުގައި ތިބޭ ފަރާތްތައް އާއްމު މެމްބަރުންނަށް ޖަވާބުދާރީކުރުވުން.

- ޕާޓީގެ ޓިކެޓްގައި އިންތިހާބުވެފައިވާ ފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން ކަށަވަރުކުރުން.

- ގައުމީ ޖަލްސާ އަކީ ދެފުށްފެންނަ ގޮތަށް، ޕާޓީގެ ސައްހަ ގޮފިތައް ތަމްސީލްކުރާ އާއްމު މެމްބަރުންގެ އަޑު އުފުލޭ ޖަލްސާއަކަށް ހެދުން.

ކައުންސިލް ބައްދަލުވުމެއް ނުބާއްވައިފި ނަމަ، މައްސަލަ އަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށަން ރައީސް އަބްދުﷲ ޔާމީނާ އެކު މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވަނީ މަޝްވަރާކޮށްފަ އެވެ.

މެމްބަރުން އެދިވަޑައިގެންނެވި ގޮތަށް ކައުންސިލް ނުބޭއްވެވިއިރު، މައުމޫން ފަޅީގައި ތިއްބެވި ޕީޕީއެމްގެ ބޭފުޅުންނާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންގެ މެދުގައި ބޮޑު މައްސަލަގަނޑެއް ވަނީ ފެށިފަ އެވެ. އެ ގޮތުން، އެއް ބަޔަކު އަނެއް ބައެއްގެ މައްސަލަތައް ބަލައިދޭން އެދި ސުލޫކީ ކޮމެޓީ އަށް އަންނަނީ މައްސަލަތައް ހުށަހަޅަމުންނެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕާޓީ ދެ ފަޅި އަށް ފަޅައިގެން މި ދިޔައީ އިއުލާން ނުކޮށް ރަށްތައް ދޫކުރުމުގެ އިސްލާހަށް ވޯޓު ނުދެއްވަން އެ މަނިކުފާނު އެދިވަޑައިގެންފައި ވަނިކޮށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އެ އިސްލާހު ފާސް ކުރެއްވުމުންނެވެ. އިސްލާހަށް ވޯޓު ނުދޭން މައުމޫން އެދިވަޑައިގަތުމުން ބައެއް މެމްބަރުން ވަނީ ފާޅުގައި އެ މަނިކުފާނަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފަ އެވެ.