09 ނޮވެމްބަރ 2017 - 11:49

ޕީޕީއެމް ވަކި ބަޔަކު ހިސޯރުކޮށްގެން އުޅުނަސް، އެ ޕާޓީއަކީ ވަކި ބައެއްގެ ޕާޓީއެއް ނޫން ކަމަށް، އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޕީޕީއެމަކީ ވަކި ފިކުރަކާ އެކު ނުކުމެ، އެ ފިކުރު ވިއްކަން މަސައްކަތް ކުރި ބައެއް ކަމަށެވެ.
ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ އޭރު މައުމޫންގެ އުސޫލުތަކާއި ހަމަތައް ގަބޫލުކުރި ބަޔަކު މިއަދު އެ އުސޫލްތަކާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ޕީޕީއެމްގެ އޯނާޝިޕް ވަކި ބަޔަކަށް ނުނެގޭނެ. ޑީއާރްޕީ ދެބައިވެ ހިޔާލު ތަފާތުވެގެން ރައީސް މައުމޫން އުފެއްދެވި ޕާޓީ އަށް ކިޔަނީ ޕީޕީއެމް. ތިބޭފުޅުން ގަބޫލުކުރި 30 އަހަރުގެ ބާނީ ކޮބައިތޯ؟ ތި ބޭފުޅުން ގަބޫލުކުރެއްވި އުސޫލު ކޮބައިތޯ،" ޝާހް ސުވާލު ކުރެއްވި އެވެ. "ދެހާސް ނުވައެއްގައި އޮންނާނެ ޕީއޭ ކިޔާ ޕާޓީއެއް. އެ ޕާޓީގެ ހުރިހާ މެންބަރުން ކޮބައިތޯ؟ އޭރު ވެސް ބޭނުން ކުރި ފެހި ގާނޫނުއަސާސީ މިހާރު ވެސް ބޭނުން ކުރަނީ އެއްވެސް ބޭފުޅެއްގެ ގޮނޑިއެއް ނުގެއްލޭ. އެ ބޭފުޅުން އެ ކުރެއްވި ކަމެއް އެހެން ބަޔަކު ކުރީމަ މައްސަލައަކަށް ވީ."
އޭނާ ވިދާޅުވި ގޮތުގައި މިހާރު އިންސާފުން ދެފުށް ފެންނަ ގޮތަށް އެއްވެސް ކަމެއް ނުދާ ކަމަށާއި ދެކުނު އުންމީދުތަކާއި ހުވަފެންތައް ވެސް ބިލާހަކަށްވެއްޖެ ކަމަށެވެ. އެކަމަކު އެންމެން ގުޅިގެން މަސައްކަތްކޮށް، ހުރިހާ ހުރަސްތަކެއް ގިރާކޮށް އިންސާފު ގާއިމުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ މިއަދު ގަޓް ހުރި ބޭފުޅުން ކުރައްވަންވީ ކަމަކީ ތި ބޭފުޅުން އަމިއްލަފުޅަށް ތިކުރައްވާ ކަންތައްތައް ރައްޔިތުންނަށް އަނިޔާ ކުރައްވާ ކަމަށް ވަނީ ނަމަ އެ އަނިޔާ ތި ބޭފުޅުންނަށް ކުރެއްވުނުކަން އިހުސާސް ކުރެވިގެން ރައްތުންގެ ކިބައިން މައާފަށް އެދުމޭ ގަޓް ހުރި ކަމަށް ވާނީ،" ޝާހް ވިދާޅުވި އެވެ.