އެސިސްޓެންޓް ކޮމިޝަނަރު ޖަމްޝީދު ސުޕްރިންޓެންޑެންޓެއްގެ މަގާމަށް ދަށްކޮށްފި
އެސިސްޓެންޓް ކޮމިޝަނަރު ޖަމްޝީދު ސުޕްރިންޓެންޑެންޓެއްގެ މަގާމަށް ދަށްކޮށްފި

ފުލުހުންގެ އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދާދި ފަހުން ދުރުކުރި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ މަގާމު ސުޕްރިންޓެންޑެންޓަކަށް ދަށްކުރަން ނިންމައިފި އެވެ.

ޖަމްޝީދާ މެދު ފިޔަވަޅު އަޅައި ކުރިން ނިންމީ، ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑު އަށް ފޮނުވާށެވެ. އެނގިފައިވާ ގޮތުގައި އެ ނިންމުމާ މެދު އޭނާ ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ.

ޖަމްޝީދުގެ މަގާމު ދަށްކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމާ ގުޅޭ މައުލޫމާތެއް ފުލުހުން ނުދެ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ކަންކަމުގެ ތަފްސީލް މީޑިއާ އަށް ހާމަނުކުރާ ކަމަށެވެ.

ދާދި ފަހުން ވަނީ، ޕޮލިސް ކޮމިޝަނަރުގެ ބިއުރޯގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލްމަންނާން ޔޫސުފް މަގާމުން ދުރުކޮށް އެ ބިއުރޯ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ބިއުރޯގެ ޑެޕިއުޓީއަކަށް ހުންނެވި ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝުހާދު ބަދަލުކުރީ ކޮމިނިއުނިކޭޝަން ޑައިރެކްޓަރޭޓްގެ ޑެޕިއުޓީ ހެޑަކަށެވެ. ބިއުރޯގެ ލީގަލް އެޑްވައިޒަރު ހަސަން ހަމީދު ބަދަލުކުރީ ނޮދަން އޮޕަރޭޝަން ކޮމާންޑަށެވެ.

މި ބަދަލުތަކުގެ ކުރިން، އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް އާއި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ރިޔާޒު ވެސް ފުލުހުންގެ ވަޒީފާ އިން ވަނީ ވަކިކޮށްފަ އެވެ.

ފައިރޫޝް ވަކިކުރީ ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ.

ފުލުހުންގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް ވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި މައްސަލަ އޮތީ ހޫނުވެފަ އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން، ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަހްމަދު ސައުދީއާ ދެމެދު ހިނގި ދެބަސްވުމެއްގެ މައްސަލަ ވެސް ރައީސް އޮފީހުން އަންނަނީ ބަލަމުންނެވެ.

މި މައްސަލަ ހަތަރު ބޭފުޅުންގެ ކޮމިޓީން ބަލަމުން އަންނަ އިރު، ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބައެއް އޮފިސަރުން މިހާރު ވަނީ އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. ނަމަވެސް އެ ކޮމިޓީން ބަލަމުން އަންނަނީ، ކޮމިޝަނަރު އަރީފާއި ޑެޕިއުޓީ ކޮމިޝަނަރު ސައުދީގެ ސީދާ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.