09 ނޮވެމްބަރ 2017 - 14:03

ތަޖިކިސްތާނުގައި ކުރިއަށްދިޔަ 19 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އިން ރާއްޖޭގެ ޒުވާން ޓީމަށް ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި މުސްތަގުބަލުގައި ޓީމު އިތުރަށް ވަރުގަދަކޮށް ނަތީޖާ ނެރޭނެ ކަމަށް ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.
"ކުޅުންތެރިންނަށް ޝަކުވާއެއް ނެތް. މިއީ މި ކުޅުންތެރިންގެ ފުރަތަމަ ނޫނީ ބައެއް ކުޅުންތެރިންގެ ދެ ވަނަ މުބާރާތް. ކުޅުނު ވަރަކަށް ރަނގަޅުވާނީ. މި ކަހަލަ މުބާރާތްތަކުގައި ގިނައިން ކުޅެންވީ. މިއޮތްހާ ދުވަހު ކަމެއް ނުކޮށްތިބެފައި އަދި މި ފެށީ. އަދި މި ކުޅުންތެރިން އެއްކޮށް އުޅޭތާ ތިން މަހާއި ބައި މިވީ. މިއީ ފެށުމެއް ކަމަށް މި ބަަލަނީ،" އޭނާ ބުންޏެވެ.
ކޮލިފައިން ގްރޫޕް ބީ އިން ރާއްޖެ ދިޔައީ ހަތަރު ވަަަނަ އެވެ. ގްރޫޕްގެ އެއް ވަނަ ދިޔައީ 10 ޕޮއިންޓް ހޯދި ތަޖިކިސްތާނެވެ. ދެ ވަނަ އަށް ދިޔަ އުޒްބެކިސްތާނަށް 9 ޕޮއިންޓް ލިބުނުއިރު، ބަންގްލަދޭޝް އޮތީ ހަތް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އާއި ފަސް ވަނައިގައި އޮތް ބަންގްލަދޭޝަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ސާންތީ ޓީމު ގޮވައިގެން ކޮލިފައިން އަށް ދިޔައިރު އެންމެ ބޮޑަށް ޓާގެޓްކުރީ ސްރީލަންކާ އާއި ބަންގްލަދޭޝް މެޗުން ޕޮއިންޓް ހޯދުމަށެވެ. ސްރީލަންކާއާ ކުޅެ ރާއްޖެ 2-2 އިން އެއްވަރުވިއިރު، ބަންގްލަދޭޝް އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.
"ފުރަތަމަ ލަންކާއާ ދެކޮޅަށް ކުޅުނީ އެއް ޕޮއިންޓުން ފަރުޖައްސާލުމަށް ވުރެ ތިން ޕޮއިންޓް ނެގޭނެ މެޗެއް. އެއީ ދެން އަޅުގަނޑުމެންގެ ފުރަތަމަ މެޗު ވީމަ ދިމާވި މައްސަލައެއް. ދެން ލިބުނު ފުރުސަތުތައް ބޭނުންނުކުރެވުނީ. ދެ ވަނަ އަށް ކުޅުނީ ބަންގްލަދޭޝްއާ އެކު އެ މީހުންގެ އޮތީ ވަރަށް ވަރުގަދަ ޓީމެއް މި ކޮޅުގައި. އެމީހުން އަތުން ވެސް އަޅުގަނޑުމެންނަށް މެޗު މި ގެއްލުނީ ފަހު ވަގުތު. ޑިފެންސާ ގޯލްކީޕަރުން ދޭތެރެއިން ހެދުނު ގޯހަކުން. އަޅުގަނޑުމެން އައީ މި ދެ މެޗުން ކުރެ މެޗަކުން ތިން ޕޮއިންޓް ނެގޭނެ ކަމަށް،" އޭނާ ބުންޏެވެ.
އުޒްބެކިސްތާނާއި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ނުކުތީ ބައިކޮޅަށް ވަންނަ ގޯލު މަދުކުރުމަށެވެ. އުޒްބެކިސްތާން އަތުން 6-0 އިން ބަލިވިއިރު، ތަޖިކިސްތާން އަތުން ބަލިވީ 5-0 އިންނެވެ. ސާންތީ ބުނީ ދެ މެޗުގައި ވެސް ޓީމުން ހިތްވަރު ކުރި ކަމަށެވެ.
"އުޒްބެކިސްތާނާއި ތަޖިކިސްތާނަކީ މާ ވަރުގަދަ ދެ ޓީމު. މި ކަހަލަ ޓީމުތަކާ ދެކޮޅަށް ގޯލު މަދުކުރަން މަސައްކަތް ކުރެވޭނީ. ދެ މެޗަށް ވެސް ނުކުތީ ގޯލު މަދުކުރަން. ދެން މެޗަށް ނުކުމެފައި މި އިންނަނީ ވަރަށް ފަސޭހަ ތިން ގޯލެއް ވަރު ދެވިފައި،" އޭނާ ބުންޏެވެ.
ކްލަބް އީގަލްސްގެ މަގާމު ދޫކޮށް ސާންތީ ޒުވާން ޓީމާ ހަވާލުވީ މިދިޔަ އޮގަސްޓް މަހުގަ އެވެ. ސާންތީ އެ ޓީމު ގޮވައިގެން ކުރިމަތިލި ފުރަތަމަ މުބާރާތަކީ ބޫޓާނުގައި އޮތް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތާއި ކޮލިފައިންގައި ރާއްޖޭގެ ނަތީޖާތައް ދަށްވި ނަމަވެސް ސާންތީ ބުނީ އަދި އުއްމީދު ދޫކޮށްނުލާނެ ކަމަށެވެ.
"ކުރިއަށް އޮތްތާގައި އަޅުގަނޑު ފުޓްބޯލް ފެމިލީ (އާއިލާ) އަށް ޔަގީންކަން ދެން މި ޓީމަކީ. އަޅުގަނޑުމެންގެ މީހުން ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނަށް ހިނިތުންވުން ގެނުވާނެ ނަތީޖާތައް ނެރޭނެ ޓީމެއް. އަޅުގަނޑުމެން ވަގުތު އެބަ ބޭނުންވޭ. ތިން މަހުން ހަތަރު މަހުން ވާނެ ކަމެއް ނޫން. އެ ކުދިންނަށް އިތުބާރު ކޮށްފައި އަޅުގަނޑުމެންނަށް ވެސް އިތުބާރުކޮށްފައި ކެތްތެރިކަމާ އެކު ތިބެންވީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އަޅުގަނޑުމެން ނަތީޖާ ނެރެ ދައްކާނަން،" ކުރިން ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ސާންތީ ބުންޏެވެ.
އޭނާ ބުނީ ޓީމު އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ވަރަށް ރަނގަޅު ޕްލޭނެއްގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.
"މި މުބާރާތުން އަޅުގަނޑުމެންނަށް ވަކިވަކި ކުޅުންތެރިން އެނގިއްޖެ. ދެން އެނގިއްޖެ އަދި މީގެ ތެރެއަށް ކުޅުންތެރިން ހޯދަން ޖެހިއްޖެކަން. ހާއްސަކޮށް އަޅުގަނޑުމެންގެ ފުޓްބޯޅައިގައި ދިމާވެފައި މިއޮތް އެންމެ ބޮޑު މައްސަލަ ގޯލްކީޕަރުންގެ. އަދި މި ޓީމަށް ވެސް އެބަ ބޭނުންވޭ މަދުވެގެން ތިން ކީޕަރުން. ދެން ހުރި ޑިޕާޓްމަންޓްތަކަށް ވެސް އަޅުގަނޑުމެން ކުޅުންތެރިން ހޯދަން ޖެހޭ ހަމައެކަނި މާލޭގައި މިތިބި ކުޅުންތެރިންނެއް ނޫން. އެގޮތަށް ފަރުޖެއްސެއް ނެތް. މުޅި ރާއްޖޭން ކުޅުންތެރިން ހޯދަން ޖެހޭ. މި ނޫން ގޮތަކަށް މި ކަމެއް ކުރިއަށް ނުދާނެ،" ސާންތީ ބުންޏެވެ.
އެފްއޭއެމުން ވަނީ ފުޓްބޯޅަ ކުރިއަރުވަން "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި މަސައްކަތްތަކެއް ފަށައިފަ އެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދަނީ ސާންތީގެ ބެލުމުގެ ދަށުންނެވެ.