ރީސް ވިދަސްޕޫންއާ އެކު ޖެނިފާ އެނިސްޓަން އަނެއްކާވެސް ޓީވީ އަށް
ރީސް ވިދަސްޕޫންއާ އެކު ޖެނިފާ އެނިސްޓަން އަނެއްކާވެސް ޓީވީ އަށް

"ފްރެންޑްސް" އިން މަޝްހޫރުކަން ހޯދި ހޮލީވުޑް ތަރި ޖެނިފާ އެނިސްޓަން އަނެއްކާވެސް ޓީވީ އަށް އެނބުރި އައުމުގެ ގޮތުން ރީސް ވިދަސްޕޫންއާ އެކު އާ ސީރީޒްއެއްގެ މަސައްކަތް ފަށައިފި އެވެ.

މި ދެ ތަރިން އެކުގައި ފެނިގެންދާނީ އެޕަލްގެ ސްޓްރީމިން ސާވިސް އަށް އުފައްދާ ސިލްސިލާއަކުންނެވެ. އެހެން ކުންފުންޏަކާ އެކު އެ ޝޯގެ މިލްކުވެރިކަން ހިއްސާކުރުމުގެ އިތުރުން އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް އެނިސްޓަން އާއި ވިދަސްޕޫން މަސައްކަތްކުރާނެ އެވެ. އަދި ނަމެއް ދީފައި ނުވާ ސީރީޒްގައި ދައްކާނީ ޓީވީ ޗެނަލެއްގެ މޯނިން ޝޯއެއްގެ ކެމެރާގެ ފުރަގަހުގައި ހިނގާ ކަންތައްތަކެކެވެ.

ވަރަށް ވާދަވެރި ބިޑަކުން މި ސިލްސިލާ ކާމިޔާބުކުރި އެޕަލް އިން ވަނީ ފުރަތަމަ ދެ ސީޒަން އެކުގައި، ޖުމްލަ 20 އެޕިސޯޑު އުފައްދަން އޯޑަރު ދީފަ އެވެ.

މިއީ 1994 އިން 2000 ވަނަ އަހަރާ ހަމައަށް ދެއްކި "ފްރެންޑްސް" ނިންމާލިތާ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު، އެނިސްޓަން ގަވާއިދުން ޓީވީ ސިލްސިލާއަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

"ފްރެންޑްސް"ގެ ކާމިޔާބީ އަށް ފަހު މިހާތަނަށް އެނިސްޓަން މަސައްކަތްކޮށްފައި ވަނީ ފިލްމުތަކުގަ އެވެ. އޭގެ ތެރޭގައި "އޮފީސް ސްޕޭސް،" "ބްރޫސް އޮލްމައިޓީ،" އަދި "މާލީ އެންޑް މީ" ހިމެނެ އެވެ.

އޮސްކާ އެވޯޑް ހޯދާފައިވާ ވިދަސްޕޫން މި ސީރީޒް މި ފަށަނީ އެމީ އެވޯޑް ހޯދާފައިވާ އެޗްބީއޯގެ ސިލްސިލާ "ބިގް ލިޓްލް ލައިސް"ގެ ކާމިޔާބީ އަށް ފަހު އެވެ.

މިއީ "ފްރެންޑްސް"ގެ އެޕިސޯޑެއްގައި ދައްތަ އާއި ކޮއްކޮގެ ބައި ކުޅެފައިވާ އެނިސްޓަން އާއި ވިދަސްޕޫން އެކުގައި އަނެއްކާވެސް ޓީވީ ޝޯއަކުން ފެންނަ ފުރަތަމަ ފަހަރެވެ.

ސިލްސިލާ ނެރޭނެ ދުވަހެއް އެޕަލް އިން އިއުލާނެއް ނުކުރެ އެވެ.