އިދިކޮޅު ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާވުންތައް އެބަހުރި، އެކަމަކު އެކުގައި މަސައްކަތް ކުރެވޭނެ: ނިޒާރު
އިދިކޮޅު ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާވުންތައް އެބަހުރި، އެކަމަކު އެކުގައި މަސައްކަތް ކުރެވޭނެ: ނިޒާރު

އިދިކޮޅު ހަރަކާތުގައި ހިމެނެނީ އެކި ފިކުރުގެ ޕާޓީތައް ކަމަށާއި އެކުގައި މަސައްކަތް ކުރަމުން އަންނައިރު ވެސް އެ ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާވުންތައް އެބަހުރި، އެކަމަކު އެކުގައި މަސައްކަތް ކުރެވޭނެ: ނިޒާރު
އިދިކޮޅު ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާވުންތައް އެބަހުރި، އެކަމަކު އެކުގައި މަސައްކަތް ކުރެވޭނެ: ނިޒާރު

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އެ ހިޔާލު ތަފާތުވުންތައް ހުރި ވާހަކަ ސަރުކާރުގައި ހިމެނޭ ބޭފުޅުން ވިދާޅުވެ ދެއްވާކަށް ނުޖެހޭ ކަަމަށެވެ.

އޭނާ އެހެން ވިދާޅުވީ އިދިކޮޅު ހަރަކާތުގައި ހިމެނޭ އެކި ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ބައިބައިވެފައިވާ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެވެ.

"މި ޕާޓީތައް ގުޅިގެން މަސައްކަތް ކުރާ އިރު ވެސް އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ހުރިކަން އަޅުގަނޑުމެން ގަބޫލު ކުރަން. އަދި [އެކަން] ރާއްޖޭގެ ރައްޔިތުން ވެސް ގަބޫލު ކުރޭ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވުން ހުރި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހާމަނުކުރެއްވިޔަސް އެކަން އާންމުންނަށް އެނގޭނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް އެނގޭ ކަންތައްތަކެއް. އެކަން ނޭނގިނެއް ނޫން މިއުޅެނީކީ އެއް. 2013 ގެ ރިޔާސީ އިންތިޚާބުގައި ވެސް ތަފާތު ކެންޑިޑޭޓުން ނެރެެގެން އަޅުގަނޑުމެން މަސައްކަތް ކުރީ. އޭގެ ހަތަރު އަހަރު ފަހުން އެކަން ހަނދާން ނެތިފައި އަޅުގަނޑުމެން ނުތިބޭނެ ނޫންތޯ؟ ނިޒާރު ވިދާޅުވި އެވެ.

"އެހެންވީމާ އެ ވާހަކަތައް އަޅުގަނޑުމެންނަށް ކިޔައި ދޭކަށް ނުޖެހޭ."

ނިޒާރު ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އިދިކޮޅު ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ވިސްނުން ހުރީ އެއް ދިމާއަކަށެވެ.

"އެއީ މި ދައުލަތް ސަލާމަތް ކުރުން. މުޅި ދައުލަތް ފެއިލް ވެފައި ވަނީ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަކާއި ހުރިހާ ތަނެއް ފެއިލްވެފައި ހުރީ." އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިކަންކަން މިހެން ހުރީމާ މިކަމުން ސަލާމަތްވާން އެއީ އަޅުގަނޑުމެން ސިޔާސީ ޕާޓީތައް ގުޅިގެން މިކުރާ މަސައްކަތުގެ އެންމެ ބޮޑު މަގުސަދަކީ."

ނިޒާރު ވިދާޅުވީ ގައުމު އަމާޒަކީ ހެޔޮ ގޮތުގައި ކުރިއަށް ދާނެ ގޮތެއް ހޯދުން ކަމަށެވެ.

"ރިޔާސީ އިންތިހާބަކީ [އަދި] މާ ފަހުގެ ކަމެއް. [އެކަމަކު] އެ ކަންތައް ވެސް ކުރާނަން. ޕާޓީގެ ލީޑަރުންނަށް ނިންމޭނެ ގޮތްތަކެއް. ރައީސް ޔާމީންގެ ކިބައިން ރައްޔިތުންނާއި ގައުމު ސަލާމަތްވުމަށްޓަކައި، އަޅުގަނޑުމެން ގުރުބާން ނުކުރާނެ ކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފިކުރުތައް ގުރުބާންކޮށްގެން ނަމަވެސް ރައީސް ޔާމީންގެ ކިބައިން ސަލާމަތް ނުވަނީސް މި ޕާޓީތައް އޮތުމެއް ބޭނުމެއް ނެތް."

ނިޒާރު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަ ވަރަށް ގަދައަށް ދެކެވެމުންދާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެވޭނެ ގޮތް ވާނެ ކަމަށެވެ.

"...އެހެންވީމާ އަޅުގަނޑުމެން [އެމްޑީޕީ] ގެ ކެންޑިޑޭޓަކީ މުހައްމަދު ނަޝީދު. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.