ދިއްލީގައި ދުންބޯވެ ސިއްހީ އިމަޖެންސީ އިއުލާންކޮށްފި
ދިއްލީގައި ދުންބޯވެ ސިއްހީ އިމަޖެންސީ އިއުލާންކޮށްފި

ނިއު ދިއްލީ (ނޮވެމްބަރު 8) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވިހަ ދުންބޯވެ އާއްމު ސިއްހީ ހާލަތާ ގުޅޭ ކުއްލި ހާލަތު މެޑިކަލް އެސޯސިއޭޝަނުން އިއުލާންކޮށްފި އެވެ.

"މިއީ އެންމެންނަށް ވެސް އަމަލުކުރުން ލާޒިމް އިމަޖެންސީއެއް. މި ދުވަސްވަރު އެންމެ ރައްކާތެރި ގޮތަކީ ގޭގައި ތިބުން. ދުވަން ނުކުތުމާއި ހިނގަން ނުކުތުން ރަނގަޅެއް ނޫން،" އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ އިސްވެރިޔާ ޑރ. ކްރިޝާން ކުމާރު އަގަރްވާލް ވިދާޅުވި އެވެ.

އިއްޔެ ހެނދުނު ދިއްލީގައި ޕޮލިއުޝަން ލެވެލް ޕީއެމް2.5 ހުރީ 703 ގައި ކަމަށް އެމެރިކާ އެމްބަސީގެ ޓްރެކާ އިން ދެއްކި އެވެ. ޕޮލިއުޝަލް ލެވެލް އިއްޔެ މެންދުރު ހުރީ 728 ގަ އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ ދިއްލީ މިހާރު ހީވަނީ ގޭސް ޗެމްބަރެއްހެން ކަމަށެވެ.

އަގަރްވާލް ވިދާޅުވީ މިދުވަސްވަރު އެންމެ ރައްކާތެރި ގޮތަކީ ވެސް ސްކޫލްތައް ބަންދު ކުރުން ކަމަށެވެ. އެހެންވެ ދިއްލީ ސަރުކާރުން މިހާރު ވަނީ މިއަދުން ފެށިގެން ޕްރައިމަރީ ސްކޫލްތައް ބަންދު ކުރަން ނިންމައިފަ އެވެ. މެޑިކަލް އެސޯސިއޭޝަނުން މިހާރު ވަނީ މި މަހު 19 ގައި ބާއްވަން ހަމަޖެހިފައިވާ ދިއްލީ ހާފް މެރަތަން ވެސް ކެންސަލް ކުރުމަށް ލަފާދީފަ އެވެ.

ތަޖްރިބާކާރުން ބުނި ގޮތުގައި ދިއްލީގެ ވައިގެ ކޮލިޓީގެ ހާލަތު ގޯސްވީ ކައިރީގައިވާ ހިސާބުތަކުގެ ދަނޑުތަކުގައި އަލިފާން އެންދުމާއި ސިނާއީ ޕޮލިއުޝަނުގެ ސަބަބުން ކަމަަށެވެ. ހަރިޔާނާ ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ބުނީ އުތުރު އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ ޕަންޖާބު، ހަރިޔާނާ އަދި ރާޖަސްތާނުގައި އަހަރުގެ މި ދުވަސްވަރު އެތައް ޓަނެއްގެ ދަނޑުވެރިކަމުގެ ކުނި އަންދާ ކަމަށެވެ. ހަރިޔާނާ އާއި ޕަންޖާބުގައި އެކަނިވެސް 35 މިލިއަން ޓަނުގެ ތަކެތި ކޮންމެ އަހަރަކު ވެސް އަންދަ އެވެ.