08 ނޮވެމްބަރ 2017 - 19:41

އޮޑިޓަރުން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އެކައުންޓިން ބޮޑީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

އޮޑިޓާއި އެކައުންޓިން ދާއިރާ އަށް ޚާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ފޯރަމް "މޯލްޑިވްސް އެކައުންޓެންްޓްސް ފޯރަމް 2017" ނިންމުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮޑިޓަ ޖެނެރަލް ޒިޔަތު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ޕުރޮފެޝަނަލް އެކައުންޓިން ބޮޑީއެއް އޮންނައިރު އެފަދަ ގުނަވަނެއް ރާއްޖޭގައި އުފެއްދުމުގެ ބިލެއް ހަދައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރުން އޮޑިޓަރުން ރެގިއުލޭޓް ކުރާނީ އެތަނުންނެވެ.
"އެފަދަ ބޮޑީއެއް އައީމަ އެ ބޮޑީން އޮޑިޓަރުން ރެގިއުލޭޓް ކުރާނީ. އޮޑިޓަރުންނަށް ލައިސެންސް ދޭނީ. އޮޑިޓަރުންގެ ޑިސިޕްލިން ބަލައި އޮޑިޓަރުންނަށް ބޭނުންވާ ކޮލިޓީ އެސްއަރެންސްގެ ކަންކަން ކުރާނީ،" ޒިޔަތު ވިދާޅުވި އެވެ.
ރާއްޖެ ތަރައްގީ ވަމުން އަންނައިރު އެ މިންވަރަށް އެކައުންޓެންޓުން ވެސް ތައްޔާރުވާން ޖެހޭ ކަމަށާއި އޮޑިޓް އޮފީހުން، ރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ނިންމާފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"އާންމުކޮށް ޕްރޮފެޝަނަލް އެކައުންޓެންޓެއް އެބަޖެހޭ އަހަރެއްގެ މައްޗަށް ވަކި އަދަދެއްގެ ގަޑިތަކެއް ހަމަކުރަން ޕުރޮފެޝަން ޑިވެލޮޕްމެންޓުގައި. އެކަމަކު ރާއްޖޭގައި މިފުރުސަތު ވަރަށް މަދު. ގިނަ ފަހަރަށް ދަނީ ރާއްޖެ އިން ބޭރަށް ނުވަތަ ކައިރި ގައުމުތަކަށް. އެހެންވީމަ އަޅުގަނޑުމެން މި ގަސްތުކުރަނީ އަޅުގަނޑުމެން އޮފީހުން އެ ފުރުސަތުތައް ހޯދަ ދިނުން،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
މިއަދު ނިންމާލި ފޯރަމްގެ ބައިވެރިން ވަނީ އެ ދާއިރާ ކުރިއެރުވުމަށް ކުރަންޖެހޭ ކަންތައްތަކެއް ވެސް އޮޑިޓަ ޖެނެރަލަށް ހުށަހަޅައިފަ އެވެ. މި ކަންކަން ހުށަހަޅަމުން، އޮޑިޓް ފާމެއް ކަމަށްވާ ފާރިސް އެންޑް ކޯގެ ޕާޓްނަރު އަލީ ފާރިސް މުހައްމަދު ވިދާޅުވީ އޮޑިޓަރުން ރެގިއުލޭޓް ކުރާނެ ބޮޑީއެއް ބޭނުންވާއިރު އޮޑިޓް ފާމްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ ކަމަށެވެ.
ޒިޔަތު ވިދާޅުވީ އެއީ އޮޑިޓް އޮފީހަށް ވެސް ފާހަގަވެފައިވާ ކަންކަން ކަމަށާއި ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ވިޔަފާރިތައް ކުރިއަށްދާ ގޮތާއި އެކައުންޓިން ބެލެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި ބަލައި ކޮންމެ އަހަރަކު ފޯރަމް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އޮޑިޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ދޫކުރާ ވަކި ލައިސެންސެއްގެ ދަށުންނެވެ. އެކަން ތައާރަފްކުރީ އޮޑިޓާ ޖެނެރަލްކަމާ ޒިޔަތު ހަވާލުވެ ވަޑައިގަތުމަށް ފަހު އެވެ.