08 ނޮވެމްބަރ 2017 - 20:31

އިންތިގާލީ ވެރިއަކު ކަނޑައެޅުމުގެ ވާހަކަ ފެށުމާއެކު އިދިކޮޅު ފަރާތްތައް ބައިބައިވެފައިވާ ކަމަށް ބުނެ، ވެރިކަން ކުރާ ޕީޕީއެމުން މިއަދު ފާޑު ކިޔައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ދައްކަވާފައިވާ ވާހަކައަށް ބަލާއިރު އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަން ސާފުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެކަމަށް އެއްބަސް ނުވެވޭ ކަމަށް. އަނެއްކާ އަޅުގަނޑުމެން އެހާ ބޮޑު ސަމާލު ކަމެއް ދޭ ކަމެއް ނޫން އެބޭފުޅުން ނެރެނީ އެއް ކެންޑިޑޭޓުތޯ، ދެ ކެންޑިޑޭޓުތޯ، ތިން ކެންޑިޑޭޓުތޯ ނޫނީ އެމީހުން ކެންޑިޑޭޓެއް ބޭރުން ވައްދައިގެން ގެންނަނީތޯ މިއީ އަޅުގަނޑުމެންނަށް މުހިންމު ކަމެއް ނޫން، އަޅުގަނޑުމެން މިދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނީ އެއް ބުރުން ކަމަށެވެ. އެއީ ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި ނިޔަތަކާއެކު ރައީސް ޔާމީން މަސައްކަތް ކުރައްވާތީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލް ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓެއް ނެރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމަށް އިޖާބަ ދެއްވާފައި ނުވާ ކަމަށެވެ.
އިއްތިހާދުގެ ފަރާތުން އިންތިގާލީ ވެރިއަކު ނެރޭއިރު އެމްޑީޕީން ވާދަކުރާނެ މީހަކު ނިންމާނީ ޕްރައިމަރީއަކުން ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ މީހަކު އެމްޑީޕީން ކަނޑައެޅުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމެއް ކަމަށް އިންޓަވިއުގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ގެންދަވަނީ ޖަލު ހުކުމެއް އައިސް އޮތަސް، އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
"މިކަމުން އެނގެނީ އިއްތިހާދު އެ އޮތީ އެމްޑީޕީން ހިސޯރުކޮށްފައި ކަން. ދެވަނަ ކަމަކަށް އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ނެރެން ނުރުހޭކަން. މި ދެ ވާހަކަ ހާމަވެގެން އެބަދޭ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވަނީ ބޮޑެތި ގައުމުތައް ބޭނުންކޮށްގެން އެ ގައުމުތަކުގެ ނަންތައް ހަރާބު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. ތަރައްގީވެފައި ހުރި ގައުމުތަކުން އަބަދުވެސް އެދެނީ ގާނޫނީ ވެރިކަމެއް ހިންގަން ކަމަށާއި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗާޓުން ބޭރުން މަސައްކަތް ކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅިން ޗާޓުގެ ތެރޭގައި ނެރެވެން ހުރި ހައްލުތައް ނެރުމަށް މަސައްކަތް ކުރައްވާ މަންޒަރު މި ފެންނަނީ،" ނިލަންދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ހަލީލް ވިދާޅުވި އެވެ.
އެމްޑީޕީ ނޫނީ ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ ނަމަ، ކުށްވެރިންނަށް ވެސް ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނެއް ހުށަހެޅުމަށް އޭނާ ގޮވާލެއްވި އެވެ. ނަމަވެސް އެފަދަ ކަމެއް ކުރަން އެމްޑީޕީއަށް ނުކެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ނޯންނާނެ ކަމަށާއި ނަޝީދަކީ ވެރިކަމަށް ގެނައުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.
ނިހާނު ވިދާޅުވީ ނަޝީދަށް އިންތިހާބުގައި ކުރިމަތިލެވޭނެ ކަމަށް ވިދާޅުވަނީ ރައްޔިތުންނަށް އޮޅުވާލައި މަކަރު ހެދުމުގެ ސަގާފަތުގެ ތެރެއިން ކަމަށެވެ. ނަޝީދަކީ ރައްޔިތުން "އަނދިރި ކަމެއްގެ ތެރެއަށް" ގެންދަން ބޭނުންވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ނަޝީދަށް އިންތިހާބުގައި ވާދަކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ވިދާޅުވި އެވެ.
"ހިޔާލީ ފޮލާ ކެއްކުމުގައި ނަޝީދު އުޅުއްވަނީ. ނަޝީދު ގަބޫލުކުރައްވަނީ ބައެއް ފަހަރު މީހުން މޮޔަ ހެއްދޭނެތީ ހުރިހާ ފަހަރަކު ހުރިހާ އެންމެން މޮޔަ ހެއްދިދާނެ ކަމަށް. ހިލާ އެހެނެއް ނުވާނެ،" ނިހާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ އާއި އެމެރިކާއިން ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭ ގޮތް ވާނެ އެވެ. އަދި ސިޔާސީ ލީޑަރުން މިނިވަންވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.