08 ނޮވެމްބަރ 2017 - 18:06

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފައި އެމަނިކުފާނު އަލުން ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެ ވާހަކަތަކަށް ރައްދު ދީ، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދަށް، ބޭރުގެ ބަޔަކު ނުފޫޒު ފޯރުވައިގެން، ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތް ހަދަން ޕީޕީއެމުން ޖާގަ ނުދޭނެ ކަމަށެވެ. އެއީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމެރިކާއިން އިންޑިއާއާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވުމެވެ. އަދި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ގާނޫނު ދަމަހައްޓާނެ ކަން އެއީ އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުންދާ ވާހަކައެއް. ގާނޫނާ ހިލާފަށް ނަޝީދަށް ފުރުސަތު ދޭ ނަމަ، ދޭން ޖެހޭނީ. އެ ފުރުސަތެއް ޕީޕީއެމުން ނުދޭނަން. އެ ހުކުމުގައި (ނަޝީދު) ހުންނަވައިގެން، ރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ބައިވެރިވުމަށް އަޅުގަނޑުމެން ޕާޓީން އެއްބަސް ނުވާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަޝީދަށް ފުރުސަތު ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި ވާހަކަތަކަށް ތާއީދު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތް ހެދުމަށް ދިވެހި ސަރުކާރާއި ބޭރުގެ އެއްވެސް ގައުމެއްގެ ސަރުކާރުން ވާހަކަ ނުދައްކާ ކަމަށެވެ. ނަޝީދު ހުވަފެންތަކެއް ދެކެވަޑައިގަތް ނަމަވެސް، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
ބޭރުގެ ނުފޫޒުތަކަށް ދައުވަތު ދީގެން، ރާއްޖެ ހަލަބޮލިކޮށް މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ފަދަ ކަމެއް ހިންގާ ކަމަށްވާނަމަ، އެއީ ބަޣާވާތް ކުރުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން އަނެއްކާ ވެސް މަސައްކަތް ކުރަނީ ބަޣާވާތެއް ގެނެސްގެން ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން ކަމަށް، ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން ވެސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހަދާކަށް ޕީޕީއެމުން ބޭނުމެއް ނުވެ އެވެ. ނަޝީދަކީ ގައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީ، ގާނޫނުއަސާސީއާ ހިލާފަށް މަސައްކަތް ކުރި ވެރިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވެރިކަމުގައި (ނަޝީދު) ހުރެގެން ގާނޫނުއަސާސީގެ ބާރު ކަނޑުވާލީ. ރައްޔިތުންނަށް އެތައް އަނިޔާއެއް ދީ، މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ އެތައް އަމަލުތަކެއް ހިންގާފައިވާ ބޭފުޅަކަށްވާތީ ޝަރުއީ ދާއިރާއިން އައިސް އޮތް ހުކުމެއް ބާތިލްކޮށްފައި ދެވަނަ ފަހަރަށް ވެރިކަމަށް އަންނަން ފުރުސަތު ދޭން ޕީޕީއެމުން ބޭނުން ނުވަނީ،" ފޯރީގައި ހުންނަވައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަކީ ރައީސް އަބްދުﷲ ޔާމީނަށް ގޮންޖެހުމަކަށް ވާވަރުގެ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ މާހައުލު އޮތް ގޮތުން ރައީސް ޔާމީނާ ވާދަކުރެވޭނެ އިދިކޮޅު ކެންޑިޑޭޓެއް ރާއްޖޭގައި ނެތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައި ހުރި ބޭފުޅެއް ވެރިކަމަށް އަންނަން ޕީޕީއެމުން ބޭނުން ނުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ ދުނިޔޭގެ ނުފޫޒު ގަދަ ގައުމުތައް ބޭނުންކޮށްގެން ނަޝީދު ވެރިކަމަށް ކުރިމަތިލެއްވޭ ގޮތަށް ހަދަން މަސައްކަތް ކުރައްވާ ނަމަ، އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޕީޕީއެމްގެ މީހަކު އެކަމަކަށް ޖާގަ ދެއްވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީން ތިބީ މިކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައިގެން މިކަންތައްތައް ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ޒަމީރު ވިދާޅުވި އެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ބޭރުގެ ބޮޑެތި ގައުމުތަކުގެ ނަންތައް ބޭނުންކޮށްގެން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވައްދައި ނަޝީދު ކުރައްވަނީ ހަޑިމުޑުދާރު އަމަލުތަކެއް ކަމަށެވެ. އަދި ނަޝީދަކީ އަމިއްލަ އިއުތިރާފުން ބޮޑު ޖަރީމާއެއް ހިންގަވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
"އެކަމަކު ބޭރުގައި ހުންނަވައި ގާނޫނުތަކަށް ގޮންޖަހަމުން ދަނީ. ޕީޕީއެމުން ބަލައިގަންނާނެ ކަމެއް ނޫން. ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކޮށްގެން ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހަދަން ޖެހޭނީ. އެހެންނޫނީ ދިވެހި ކޮންމެ ރައްޔިތަކަށް ހިނގާ ގާނޫނު ނަޝީދަށް ވެސް ހިންގާނީ،" އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލައި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން ނަޝީދު މަސައްކަތް ކުރައްވަ އެވެ. އެ މަސައްކަތަކީ ޕީޕީއެމުން ޖާގަ ދޭނެ ކަމެއް ނޫން ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ.