11 ނޮވެމްބަރ 2017 - 06:14

އޮސްކާ ހޯދާފައިވާ ވަރުގަދަ ބައެއްގެ ފިލްމެއް ބަލާލަން ބޭނުން ނަމަ "ދަ ޕޯސްޓް" އަކީ ކޮންމެހެން ވެސް ބަލަން ޖެހޭ ކަހަލަ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އެހާމެ ކުޅަދާނަ އަދި އޮސްކާ ހާސިލްކޮށްފައިވާ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގެވެ.
"ދަ ޕޯސްޓް" ގެ ލީޑް ރޯލުން ފެނިގެން ދާނީ އެކްޓް ކުރުމުގައި ދެވަނައެއް ނެތް ވަރުގަދަ ދެ ތަރިން ކަމަށްވާ ޓޮމް ހޭންކްސް އާއި މެރީލް ސްޓްރީޕެވެ. މިއީ މި ދެ ތަރިން އެއް ފިލްމަކުން އެކީގައި ފެންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަންނަ މަހުގެ 22 ގައި ރިލީޒް ކުރާ ފިލްމްގެ ޓްރެއިލާ ދައްކައިލުމާ ވެސް އެކު، މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އަދި އެހާމެ މޮޅު ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނަން ފަށައިފަ އެވެ.
އަނެއްކޮޅުން "ދަ ޕޯސްޓް" އަކީ ސްޕީލްބާގަށް ވަރަށް މުހިއްމު ފިލްމެއް ވެސް މެ އެވެ. އެއީ އޭނާ މިދިޔަ އަހަރު ގެނެސް ދިން "ދަ ބީއެފްޖީ" ބޮޑު ފްލޮޕަކަށްވެފައިވާތީ، "ދަ ޕޯސްޓް" ކޮންމެހެން ވެސް ބްލޮކްސްބަސްޓާއަކަށް ވާން އޭނާ ވެސް ބޭނުންވާތީ އެވެ. އަދި މިއީ ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ދެ ތަރިއެއް އެކުގައި ފެނިގެންދާ ފިލްމަކަށްވާތީ، ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ.
ލިޒް ހަނާ އާއި ޖޯޝް ސިންގާގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ދަ ޕޯސްޓް" އަކީ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުން އޮތް މިންވަރުގެ މައްޗަށް ވަރުގަދަ ދިރާސާއެއްކޮށް، ވޮޝިންޓަން ޕޯސްޓްގައި ދެ އެޑިޓަރަކު ހަގީގަތް ހާމަކޮށް ދޭން ކުރި މަސައްކަތް ދައްކުވައިދޭ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ފިލްމްގައި ހޭންކްސްގެ ރޯލަކީ އެޑިޓަރު ބެން ބްރެޑްލީގެ ރޯލެވެ. ސްޓްރީޕް ކުޅޭނީ ވޮޝިންޓަން ޕޯސްޓްގެ ޕަބްލިޝާ ކޭ ގްރަހަމްގެ ރޯލެވެ. "ދަ ޕޯސްޓް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އެލިސަން ބްރީ، ކެރީ ކޫން، ޑޭވިޑް ކްރޮސް، ންރޫސް ގްރީންވުޑް އަދި ސާރާ ޕޯލްސަން ފަދަ ތަރިން ހިމެނެ އެވެ.