ބިގް ބޮސް 11: ޕްރިޔަންކް އާއި ހީނާ ގަވައިދާ ޚިލާފުވެއްޖެ
ބިގް ބޮސް 11: ޕްރިޔަންކް އާއި ހީނާ ގަވައިދާ ޚިލާފުވެއްޖެ

"ބިގް ބޮސް"ގެ މިފަހަރުގެ ސީޒަން ވެފައިވަނީ އެހެން ގިނަ ސީޒަންތަަކަށް ވުރެ ހަލަބޮލިކަން ގަދަ ސީޒަނަކަށެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ބިގް ބޮސްގެ ގެއަަށް ވައްދާފައި ވަނީ މަޝްހޫރު މީހުންނާއި އާދައިގެ މީހުންގެ ތެރެއިން ހޮވާލެވުނު ބައެކެވެ.

މި މީހުންނަށް ކުރަން ޖެހޭ ކަމަކީ ބެލުންތެރިންނަށް ވީހާވެސް ޝައުގުވެރިވާ ކަހަލަ ކަންތައްތަކެއް އެ ގޭގައި ތިބެގެން ކުރުމެވެ. ނަމަވެސް މިކަންކަންކުރަން ޖެހޭނީ ހެދިފައިވާ ގަވާއިދުތަކާއި ހަމަތަކުގެ މަތިންނެވެ. ނަމަވެސް މިހާރު ބިގް ބޮސްގެ ގޭގައި ތިބި ސެލެބްރިޓީންގެ ތެރެއިން ހީނާ ޚާން އާއި ޕްރިޔަންކް ޝަރުމާ ވަނީ މި ގަވާއިދުތައް މުގުރާފަ އެވެ. ނަމަވެސް އެމީހުންނާ ދެކޮޅަކަށް އެއްވެސް ފިޔަވަޅެއް ވެސް ބިގް ބޮސް އެއް ނާޅަ އެވެ.

"ބިގް ބޮސް"ގެ ގޭގައި އެއްވެސް މީހަކު އެމީހުން އަޅައިގެން ތިބޭ މައިކްރޮފޯނަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ކުރުން ގަވާއިދުގައި މަނަލެވެ. ނަމަވެސް ބައެއް ޓާސްކްތަކުގައި އަމިއްލަ ދިފާއަށް މައިކްރޮފޯން ބޭނުންކުރުމުގެ ސަބަބުން ހީނާ ޚާނާއި ޝިލްޕާ ޝިންޑޭގެ މައިކަށް ގެއްލުން ވެފައި ވެ އެވެ. އަދި އަރްޝީ ޚާން ވެސް ޕްރިޔަންކް ޝަރުމ އާ އަރާރުންވެފައި މައިކްރޮފޯން އެއްލައިލި އެވެ.

ނޮމިނޭޓްކުރާނީ ކާކުތޯ އެކަކު އަނެކަކާ މަޝްވަރާ ކުރުމަކީ ވެސް މަނާ ކަމެކެވެ. އެއީ އަތުގެ އިޝާރާތުން ނަމަވެސް އަދި އެނޫން ގޮތަކުން ނަމަވެސް މަނާ ކަމެކެވެ. ނަމަވެސް މިދިޔަ ހަފުތާގައި ނޮމިނޭޝަންސްއާ ބެހޭ ގޮތުން ޕްރިޔަންކް ވާހަކަ ދައްކާފައިވެ އެވެ. އެ ވާހަކަ އެއްވެސް ހާލެއްގައި ނުދެއްކޭނެ ކަމަށް ގަވާއިދު ބުނެ އެވެ.

ކޮންމެ ހަފުތާއެއްގައި ވެސް ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހޭ މީހާ އިއުލާން ކުރަނީ ޝޯގެ ހޯސްޓް ސަލްމާން ޚާނެވެ. ލިވިން އޭރިޔާއިން ނުކުމެވޭނީ ބޭރަށް ނުކުންނަން ޖެހޭ މީހާ އެކަންޏެވެ. ނަމަވެސް އެންމެން ވެސް އޭނާއާ އެކު ދޮރާހަމައަށް ދާތީ ފެނެ އެވެ.

ބިގް ބޮސްގެ ގޭގައި ހުތުރު ބަހުން މުޚާތަބު ކުރުމާއި ހުތުރު ބަހުން ވާހަކަ ދެއްކުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް ބައިވެރިން އަބަދު ހުތުރު އެއްޗެހި ކިޔާއިރުވެސް ބިގް ބޮސް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އަދި ބޭރަށް ނުކުމެފައި ވައިލްޑް ކާޑުން އެނބުރި އަންނަ މީހުންނަށް ބޭރު ތެރޭގައި ހިނގާ ކަންތައްތަކުގެ ވާހަކަ ބިގް ބޮސްގެ ގޭގައި ތިބޭ މީހުންނަށް ކިޔައިދިނުން ވެސް މަނަލެވެ. ނަމަވެސް ޕްރިޔަންކް ވަނީ ބޭރު ތެރޭގައި ހިނގާ ކަންތައްތަކުގެ ތެރެއިން ބައެއް ވާހަކަތައް ބިގް ބޮސްގެ ގޭގައި ތިބި ބައެއް މީހުންނަށް ކިޔައިދީފަ އެވެ.

ކޮންމެއަކަސް ބިގް ބޮސް 11 ވެފައިވަނީ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާތޯ ނުބަލާ ދޫކޮށްލާފައި އޮތް ސީޒަނަކަށެވެ.