ޕްރިންސިޕަލް ނާޒިމްގެ ހަނދާނުގައި ޣިޔާސުއްދީން ސްކޫލުން އެވޯޑެއް ދޭން ފަށައިފި
ޕްރިންސިޕަލް ނާޒިމްގެ ހަނދާނުގައި ޣިޔާސުއްދީން ސްކޫލުން އެވޯޑެއް ދޭން ފަށައިފި

ދަރިވަރުން ސަލާމަތް ކުރުމުގެ ތެރޭގައި ގެނބިގެން އަވަހާރަވި، ހިރިޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ ނާޒިމްގެ ހަނދާނުގައި، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އެވޯޑެއް ތައާރަފްކޮށްފި އެވެ.

ޣިޔާސުއްދީން ސްކޫލުން ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް "ލޭޓް ނާޒިމް މެމޯރިއަލް އެވޯޑު" ގެ ނަމުގައި ދޭންފެށި މި އެވޯޑް، މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހާސިލްކުރީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރުމީނާ ފަހީމެވެ.

ޝިރުމީނާ އަށް ވަނީ އެވޯޑުގެ އިތުރުން ފައިސާގެ އިނާމެއް ދީފަ އެވެ.

ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް މިއަދު ވިދާޅުވީ، މީގެ ހަ އަހަރު ކުރިން، ނާޒިމް އަވަހާރަވި ހާދިސާގެ ހަނދާން އާ ކުރުމަށް އެކަށީގެންވާ ގޮތެއްގައި ކަމެއް ނުކުރާތީ ޣިޔާސުއްދީން ސްކޫލުން އިސް ނެގީ ކަމަށެވެ.

ނާޒިމް މެމޯރިއަލް އެވޯޑު ލިބޭ މީހަކު ހޮވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލެވެ. އެގޮތުން އެ އެވޯޑު ލިބޭ މީހަކު ހޮވާއިރު، ކުރީ އަހަރުގެ މަސައްކަތުގެ ފެންވަރާއި ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާނެ ކަމަށް ތޯހާ ވިދާޅުވި އެވެ.

ތޯހާ އާއި ނާޒިމަކީ އީޕީއެސްގައި އެއްކޮށް ކިޔަވައި ވިދާޅުވި ދެ ބޭފުޅުންނެވެ. ކިޔެވުމަށް ވަރަށް މޮޅު، އަޚުލާގު ރަނގަޅު އަދި ހިތްވަރާއެކު މަސައްކަތް ކުރުމަކީ ނާޒިމްގެ ކިބައިން ފެނުނު ވަރަށް ފާހަގަކޮށްލެވުނު ކަމެއް ކަމަށް ތޯހާ ވިދާޅުވި އެވެ.

"ވަރަށް މަޑުމައިތިރިކޮށް ހުންނަވާނީ. ވަރަށް އިންޓެލިޖެންޓް. އެހެން ދަރިވަރުންނަށް ވެސް ވަރަށް އެހީތެރިކަން ދެން. އަޅުގަނޑުމެން ދެ މީހުން ގްރޭޑް 2-10 އާ ހަމައަށް އެއްކޮށް މި ކިޔެވީ. އޭގެ ފަހުން ޕްރޮފެޝަނަލީ ގުޅިގެން މި މަސައްކަތް ކުރީ،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހުރާގައި ދަރިވަރުން ގެނބުނު ހާދިސާ ބަލައިލުމުން ވެސް ނާޒިމް އަވަހާރަވީ، އެހެން ދަރިވަރުން ސަލާމަތް ކުރުމުގެ ތެރޭގައި ކަން ފާހަގަވާ ކަމަށެވެ.

"އެ ހާދިސާ ތަހުގީގު ކުރަން މިނިސްޓްރީން އެކުލަވާލި ޓީމުގައި އަޅުގަނޑު ހިމެނޭ. އަމިއްލަ ނަފުސަށް ވުރެ ދަރިވަރުންގެ ފުރާނަ ސަލާމަތް ކުރަން އުޅުނުކަން އެނގިގެން ދޭ. ނާޒިމަކީ ލައިފްގާޑު ޓްރެއިނިން ހަދާފައި ހުންނެވި ބޭފުޅެއް. އަމިއްލަ ނަފުސު ސަލާމަތް ކުރަން އުޅުނު ނަމަ އެކަން ކުރެވުނީސް. އެކަމަކު ނާޒިމް އިސްކަން ދެއްވީ އޭނާގެ ދަރިވަރުންގެ ފުރާނަ ސަލާމަތް ކުރަން،" ތޯހާ ވިދާޅުވި އެވެ.

ކ. ހުރަ އަށް ގޮސް އުޅެނިކޮށް ސެޕްޓެމްބަރު 9، 2011 ގައި ނާޒިމް އަަވަހާރަވީ، އެ ހާދިސާގައި ގެނބުނު ހަތަރު ދަރިވަރުން ސަލާމަތް ކުރުމުގެ ތެރޭގަ އެވެ.