ޔަމަނަށް އެހީދެވެން ހުރި މަގުތައް ސައުދީން ބަންދުކޮށްފި
ޔަމަނަށް އެހީދެވެން ހުރި މަގުތައް ސައުދީން ބަންދުކޮށްފި

ރިޔާޒް (ނޮވެމްބަރު 8) - އެއްގަމާއި ކަނޑާ އަދި ވައިގެ މަގުން ސައުދީ ކޯލީޝަނުން ޔަމަން ބަންދުކޮށްލުމާ ގުޅިގެން ހަނގުރާމައިގެ ސަބަބުން ހީނަރުވެފައިވާ ގައުމަށް އެހީފޯރުކޮށް ދިނުމަށް ދަތިވެފައިވާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.

އދ. އާއި ރެޑް ކްރޮސް އިން ބުނެފައި ވަނީ އެހީ އަށް ބޭނުންވެފައިވާ ޔަމަނަށް އެހީ ފޯރުކޮށްދެވެން ހުރި މަގުތައް ބަންދުކުރުމުން ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށެވެ. ރެޑް ކްރޮސް އިން ބުނެފައި ވަނީ ކްލޮރިން ބޭހުގެ ޝިޕްމަންޓެއް ޔަމަނަށް އެތެރެ ނުކުރެވި ހުއްޓުވިފައިވާ ކަމަށެވެ. ޔަމަނުގައި ކޮލެރާ ފެތުރި 900،000 މީހުންނަށް ވަނީ އެ ބަލިޖެހިފަ އެވެ.

އދ. އިން ބުނެފައި ވަނީ ޔަމަނުގެ ހަތް މިލިއަން މީހުންނަށް ބަނޑަށް ޖެހުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. ޔަމަނަކީ ބޭނުންވާ ގިނަ ތަކެތި އިމްޕޯޓްކުރާ ގައުމެކެވެ.

ސައުދީ އަރަބިއާ އިން ބުނެފައި ވަނީ އެ ފިޔަވަޅު އެޅީ އީރާނުން ޔަމަނުގެ ހޫތީންނަށް ހަތިޔާރު ފޯރުކޮށްދޭތީ ކަމަށެވެ. އަދި އީރާނުން އުޅެނީ ސައުދީއާ ދެކޮޅަށް އުދުވާނެއް ފަށައިގެން ކަމަށް ސައުދީން ވަނީ ބުނެފަ އެވެ. އެކަމަކު ހޫތީންނަށް ހަތިޔާރު ދޭ ކަމަށް ބުނާ ވާހަކަތައް އީރާނުން ދޮގު ކުރެ އެވެ.

ޔަމަނުގެ ހޫތީން ސައުދީ ވެރިރަށަށް މިދިޔަ ހޮނިހިރު ދުވަހު ދޭން އުޅުނު މިސައިލް ހަމަލާއެއް ވަނީ ހުއްޓުވައިފަ އެވެ. ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ރިޔާޒަށް ހަމަލާ ދޭން ބޭނުން ކުރި މިސައިލަކީ އީރާނުން ހޫތީންނަށް ސަޕްލައިކޮށްދިން އެއްޗެއް ކަމަށެވެ.

ކޯލީޝަނުގެ ހަމަލާތައް މާޗް 2015 ގައި ޔަމަނަށް ދޭން ފެށި ފަހުން މިހާތަނަށް ވަނީ 8،670 މީހުން މަރުވެފަ އެވެ. އޭގެ ތެރޭން 60 ޕަސެންޓަކީ އާއްމުންނެވެ.