ނަޝީދަށް ފުރުސަތެއް ނެތް، އެކަމާ މަޝްވަރާއެއް ވެސް ނުކުރޭ: ޝައިނީ
ނަޝީދަށް ފުރުސަތެއް ނެތް، އެކަމާ މަޝްވަރާއެއް ވެސް ނުކުރޭ: ޝައިނީ

އަންނަ އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުވަފެންތަކެއް ދެކެވަޑައިގަތް ނަމަވެސް، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ އެއްވެސް ފުރުސަތެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ފުރުސަތެއް ނެތް، އެކަމާ މަޝްވަރާއެއް ވެސް ނުކުރޭ: ޝައިނީ
ނަޝީދަށް ފުރުސަތެއް ނެތް، އެކަމާ މަޝްވަރާއެއް ވެސް ނުކުރޭ: ޝައިނީ

މިނިސްޓަރު މިހެން ވިދާޅުވީ ލަންޑަންގައި ނަޝީދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިންތިހާބުގައި އެ މަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށާއި އެމެރިކާ އާއި އިންޑިއާ ގުޅިގެން ކުރާ މަޝްވަރާތަކުން އެ މަގު ތަނަވަސްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ޝައިނީ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު، އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އެއްވެސް ގައުމަކާ އެކު މަޝްވަރާ ނުކުރާ ކަމަށެވެ. ރިއާސީ އިންތިހާބު އޮންނާނީ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނާ ގޮތަށް ކަމަށާއި އިންތިހާބު ބާއްވާނެ ގޮތަކާ ގުޅޭ ގޮތުން އެހެން އެއްވެސް ގައުމެއްގެ ލަފާ ހޯދަމުން ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ދިވެހިންގެ ރާއްޖެ. މި ގައުމުގެ ކަންކަމުގައި ގޮތް ނިންމާނީ ދިވެހިން. އިންތިހާބާ ގުޅޭ ގޮތުން އެމެރިކާ އިން ދައްކާ ވާހަކަތަކަކީ ދިވެހިންނާ ގުޅުން ހުރި ވާހަކަތަކެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ ނުފޫޒުތަކާ އެކު އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަނީ ހަގީގަތަކަށް ނުވާނެ "ހުވަފެންތަކެކެ"ވެ. ރާއްޖޭގެ ގާނޫނުއަސާސީ ބަދަލުކޮށްގެން ނޫން ގޮތަކަށް ނަޝީދަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ތަކުރާރުކޮށް ޝައިނީ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ބަދަލުކުރަން އިންތިގާލީ ސަރުކާރެއް ބޭނުންވާ ކަމަށް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ވެސް ޝައިނީ ފާޑުވިދާޅުވި އެވެ.

އިންތިގާލީ ކެންޑިޑޭޓާއި އިންތިގާލީ ސަރުކާރަކީ، ޝައިނީ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނުއަސާސީ ދަންނަ ކަންކަމެއް ނޫނެވެ. ގާނޫނުއަސާސީގެ އެއްވެސް ތަނެއްގައި އެފަދަ ވާހަކައެއް ނެތް އިރު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ބަޣާވާތެއްކޮށް، ރާއްޖެ އިން ބޭރުން ބަޔަކު ގެނެސް ދިވެހިންތަކެއް ޝަހީދު ކޮށްގެން އެކަން ވެދާނެ. އެ ނޫން ގޮތަކަށް، އެކަން ވާކަށް ނެތް، ގާނޫނުއަސާސީގައި އިންތިގާލީ އެއްވެސް ވާހަކައެއް ނެތް،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ނަޝީދު ދައްކަވަމުން ގެންދަވާ "ކޮސް" ވާހަކަފުޅުތަކަށް ދިވެހިން ތިބީ ލޯ ހުޅުވައިގެން ކަމަށެވެ. ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި "ބޮޑުފަޅިކަން" އެންމެން ވެސް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ދިވެހިންގެ ގިނަ ބަޔަކު ތިބީ ރައީސް އަބްދުﷲ ޔާމީން، ގައުމަށް ގެންނަވާ ތަރައްގީއާ އެކު ކުރިއަށް ދާށެވެ. އިންތިހާބުގައި ރައީސް ޔާމީން ބަލިކުރެވޭ ވަރުގެ އިދިކޮޅު ކެންޑިޑޭޓަކު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެމަނިކުފާނު [ނަޝީދު] އެކަނި ހުވަފެން ބައްލަވައިގެން ކޮސް ގޮވަނީ. އެކަން ހަގީގަތަކަށް ނުވާނެ،" ޝައިނީ ވިދާޅުވި އެވެ.

ލަންޑަންގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިންތިހާބުގައި އެ މަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށެވެ. އެމެރިކާ އާއި އިންޑިއާ ގުޅިގެން ކުރާ މަޝްވަރާތަކުން އެ މަގު ތަނަވަސްވާނެ ކަމަށާއި އަދި ޖަލުގައި ތިބި އެހެން ސިޔާސީ ލީޑަރުން ވެސް މިނިވަންކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި 13 އަހަރުގެ ޖަލު ހުކުމެއް އޮތަސް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެއްވޭނެ އެވެ.

"އަޅުގަނޑަށް ޔަގީންކަން އޮވޭ ކުރިމަތިލެވޭނެކަން. އެހެން ނަމަވެސް ޕާޓީތަކުން ނިންމަންވީ އަޅުގަނޑުމެން ކުރިޔަށް ދާނެ ގޮތެއް. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުހިނގާ. އަދި ހާއްސަކޮށް މިހާރު އެބަ ފެނޭ އެ މަންޒަރު ވަރަށް ބޮޑަށް ތަފާތުވާތަން،" އިންތިހާބަށް ކުރިމަތިލެއްވޭނެ ކަމަށް ކުރައްވާ އުއްމީދު އާ ކުރައްވަމުން ވިދާޅުވި އެވެ.