09 ނޮވެމްބަރ 2017 - 06:54

ދަރިފުޅާ އެއް އެނދެއްގައި ނިދުމަކީ ބައެއް މީހުން ދެކޭ ގޮތުގައި އެހާ ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް މިއީ ގޯސް ކަމެއް ކަމަށް ނުދެކޭ މީހުން ވެސް މަދެއް ނޫނެެވެ. އެހެންކަމުން މި މައުލޫއަކީ ވަރަށް ޚިޔާލު ތަފާތުވެފައިވާ މައުލޫއަކަށް ވަނީ ވެފަ އެވެ.
އެންމެ ތުއްތުއިރު، ކައިރީގައި ދަރިފުޅު ބާއްވައިގެން ނިދާ ނަމަ ނިދީގައި ކުއްޖާ ފިތި މަރުވެދާނެ ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި މަދުން ނަމަވެސް މި ކަހަލަ ހާދިސާތައް ހިނގާފައި ވެސް އެބަހުއްޓެވެ. އަދި މިގޮތަށް އެއް އެނދުގައި ނިންދަވާ ނަމަ ފަހުން ވަކިން ނިދަން ދަރިފުޅު ބޭނުން ނުވާނެ ކަމަށާއި ތަންކޮޅެއް ބޮޑުވުމުން މި މައްސަލަ ވަރަށް ބޮޑަށް ދިމާވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި މިއީ ކުއްޖާގެ ސައިކޮލޮޖިކަލް ޑިވެލޮޕްމަންޓަށް ނޭދެވޭ އަސަރުތަކެއް ފޯރާނެ ކަމެއް ކަމަށް ވެސް މިކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނެ އެވެ.
މިކަހަލަ ވަރަށް ގިނަ ކަންބޮޑުވުންތައް ގިނަ ބަޔެއްގެ ހުރި ނަމަވެސް ކުޑަކުދިންގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ޔޯނީ ޝްވޯބް، ޕޭރަންޓް މަޖައްލާއަށް ވިދާޅުވެފައިވާ ގޮތުގައި މިގޮތަށް ކުދިން ކައިރީގައި ނިންދެވުމަކުން އެކުދިންނަކަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ނުކުރާނެ އެވެ. ދަރިންނާއި މައިންބަފައިންގެ މައްސަލައެއް މިކަމުގައި ނެތް ނަމަ އެއީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މިއީ އާއިލާގެ މީހުންގެ މެދުގައި އާއްމުކޮށް ކުރާ ކަމަކަށްވާ ނަމަ އެކަމުން ކުއްޖާއަށް ނޭދެވޭ އަސަރުތަކެއް ކުރުމުގައި ބަދަލުގައި ކުރާނީ ރަނގަޅު އަސަރުތަކެއް ކަމަށް ޑރ. ޔޯނީ ދެކެވަޑައިގަންނަވަ އެވެ.
ޖާނަލް އާކައިވްސް އޮފް ޕީޑިއެޓްރިކްސް އެންޑް އެޑޯލަސަންޓް މެޑިސިންގައިވާ މިފަދަ އެއް ހޯދުމެއްގެ ނަތީޖާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތުއްތުއިރު ކައިރިގައި ނިންދެވުމުން ގާތުން ދޭން މައިންނަށް ފަސޭހަވެ އެވެ. އަދި ފޮކްސް ނިއުސްގައިވާ ރިޕޯޓެއްގައިވާ ގޮތުން ތުއްތު ކުދިން ވަކި އެނދެއްގައި ބޭއްވުމަށް ވުރެ މަންމަ ކައިރީގައި ބޭއްވުމުން މާ ރީތިކޮށް ގިނައިރު ނިދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ކައިރިގައި ނިންދެވުމުން ކުރާ ނަފްސާނީ ނުރަނގަޅު އަދި ރަނގަޅު އަސަރުތަކާ ބެހޭ ގޮތުން އެހާ ރަނގަޅު ހޯދުންތަކެއް މިހާތަނަށް ހޯދިފައި ނެތް ކަމަށް އޯޕަން ޔުނިވަސިޓީގެ ޕްރޮފެސާ އޮފް ޗައިލްޑް ޑިވެލޮޕްމަންޓް ޑރ. ޑޭވިޑް މެސާ ވިދާޅުވި އެވެ.
ބައެއް އެތިކަލް ސަބަބުތަކާހެދި ސައިންސްވެރިންނަށް މިފަދަ ދިރާސާތައް ކުރިޔަށް ގެންދަން އުނދަގޫ ވެފައިވާ ކަމަށާއި ސަބަބަކީ މިކަމުގައި މީހުންގެ ޚިޔާލު ތަފާތުވާލެއް ބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާނަލް އޮފް އެފެކްޓިވް ޑިސްއޯޑާޒްގައި ޝާއިއުކޮށްފައިވާ 2016ގެ ދިރާސާއެއް ބުނާ ގޮތުން ގާތުގައި ނިންދަވާ ކުދިންނަށް ޑިޕްރެޝަނާއި ހިތް ނުތަނަވަސްވުމުގެ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.
ތުއްތުކުދިންނާއި ކުޑަކުދިން ބެލެހެއްޓުމުގައި ވަރަށް ތަފާތު ގޮތްތައް ތަޖުރިބާކުރުން ވަރަށް މުހިއްމު ކަމަށް ޑރ. މެސާ ގަބޫލު ކުރައްވަ އެވެ. އެހެންކަމުން އެއް އެނދުގައި ނިންދެވުން އެކުދިން ބޮޑުވާއިރު މާ ބޮޑު ނަފްސާނީ އަސަރުތަކެއް އެކުދިންނަށް ކުރާނެކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.