ނުކުޅެދުންތެރިކަމާ އެކު ވެސް ނަމޫނާއެއް
ނުކުޅެދުންތެރިކަމާ އެކު ވެސް ނަމޫނާއެއް

ނަތަން ރިޑްލިކާ އުފަންވި އިރު ވެސް ފައިގެ ފަލަމަސްގަނޑު ހިމެނޭ ބައެއް ނެތެވެ. އޭނާގެ އުކުޅުވަޅާ ގުޅިފައިވަނީ ކަކުލު ހުޅެވެ. ނަމަވެސް މި ބޮޑު އައިބާއެކު އުފަންވިޔަސް މިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރިޔަ ނުދިނުމަށް ނަތަން ވަނީ އަޒުމު ކަނޑައަޅައިފަ އެވެ.

މިގޮތަށް މީހުން އުފަން ވަނީ ވަރަށް މަދުންނެވެ. ދުނިޔޭގައި މިހާތަނަށް އުފަންވެފައި ވަނީ މިފަދަ އެންމެ 25 މީހުން ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ނިއު މެކްސިކޯގެ ސަންޓާ ފޭގައި ދިރިއުޅޭ ނަތަން، 34، އަކީ މި މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި މައްސަލަ ހުންނަ މީހުންނަށް އެންމެ އުނދަގޫވަނީ ހިނގާބިނގާވެ އުޅޭށެވެ. ސަބަބަކީ ފައި މާ ބޮޑަށް ހިމަވެފައި ކުރުކަމުން މާ ދުރަށް ނުހިނގޭތީ އެވެ.

ނަތަންގެ އުފެދުމުގައި ހުރި މި ބޮޑު މައްސަލައާ އެކު ވެސް އޭނާއަށް މިހާރު ވަނީ އޭނާ ދެކެ ވަރަށް ލޯބިވާ މީހަކު ވެސް ލިބިފަ އެވެ. ނަތަންގެ ލޯބިވެރިޔާ ޗެލްސީ ސްޓުއާޓް، 19، އަކީ އޭނާއަށް ވުރެ އިސްކޮޅުން ފޫޓެއް ވަރު ދިގު މީހެކެވެ. ނަތަންގެ އިސްކޮޅުގައި ހުންނަނީ ހަތަރު ފޫޓު ހަ އިންޗި އެވެ.

ޑޮކްޓަރުން ނަތަން ގާތި ބުނެފައިވާ ގޮތުގައި އޭނާގެ ފަލަމަސްގަނޑު ހުރި ނަމަ އޭނާގެ އިސްކޮޅުގައި ހަ ފޫޓު ހަތަރު އިންޗި ހުންނާނެ އެވެ.

ނަތަން ބުނި ގޮތުގައި އޭނާ އަކީ ފަލަމަސްގަނޑު ނެތި އުފަންވި 25 މީހުންގެ ތެރެއިން މީހަކަށް ވާތީ އޭނާއަކީ ވަރަށް ހާއްސަ މީހެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މި މައްސަލަ ހުރި މީހުންގެ ތެރެއިން އޭނާ ނޫން މީހަކަށް ހިނގާބިނގާވެ އުޅެން ދަސްވެފައި ނުވާކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ނަތަން ބުންޏެވެ.

ނަތަން އާއި ޗެލްސީ ބައްދަލުވީ ފޭސްބުކްގެ ޕޭޖަކުންނެވެ. ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން ވެސް ދެ މީހުންނަށް އެކަކު އަނެކަކާ ގަޔާވެވި ވަރަށް ބަދަހި ގުޅުމަކުން ވަނީ ގުޅިފަ އެވެ.

ޗެލްސީ ބުނި ގޮތުގައި ނަތަންއާ ފުރަތަމަ ބައްދަލުވުމުން ދެ މީހުންގެ އިސްކޮޅުގައި ހުރި ތަފާތަކީ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެކަމަށް އޭނާއަށް ހީވި އެވެ. އެހެންވެ ނަތަންއާ އެކު އުޅެން ޖެހުނީ ދަސްކުރާށެވެ. މިހާރު އެމީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޗެލްސީ އަކީ ހައިކިން އަށް ދިއުމާއި ޖަންގަލީގައި ދަތުރުކޮށް އުޅުމަށް ޝައުގުވެރިވާ ޒުވާނަކަށް ވެފައި ނަތަން އަށް އެފަދަ ކަންތައްތައް ކުރަން އުނދަގޫވުމެވެ. އެހެންވެ އޭނާ އެ ތަންތަނަށް ދާން ޖެހެނީ އެހެން އެކުވެރިންނާ އެކުގަ އެވެ.

ނަތަން ބުނި ގޮތުގައި ޗެލްސީ އަކީ ޖަޒުބާތީ ގޮތުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭ ވަރަށް ގާތް އެކުވެރިއަކަށް ވަނީ ވެފަ އެވެ. މީގެ ކުރިން އޭނާގެ އެއްވެސް އެކުވެރިޔަކު ނުހުންނަ ކަމަށް ވެސް ނަތަން ބުންޏެވެ. އަދި ނަތަން ބަލިވިޔަސް ޗެލްސީ އޭނާއަށް ވަރަށް ކަމޭ ހިތާ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ނަތަން ބުންޏެވެ.

ނަމަވެސް ދެ މީހުން އެކުގައި ބޭރަށް ނުކުތުމަކީ ޗެލްސީ އަށާއި ނަތަން އަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ސަބަަބަކީ އެމީހުންނާ ބައްދަލުވާ މީހުންގެ މަލާމާތާއި ފުރައްސާރަ ކުރުމާ ކުރިމަތިލާން ޖެހޭތީ އެވެ.

"ބައެއް މީހުން ކަޅިޖަހާ ނުލައި ބަލަން ތިބޭނެ. އަނެއް ބަޔަކު އައިސް އެކި ކަހަލަ ސުވާލުތައް ވެސް ކޮށް ހަދާނެ. ކޮންމެއަކަސް ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން އަހަރެމެންނަށް ލިބޭ ބޭރު ތެރޭން،" ޗެލްސީ ބުންޏެވެ.

ނަތަންގެ އުންމީދަކީ އޭނާގެ މި ނުކުޅެދުންތެރިކަން ކުރިއަށް އޮތް ދުވަސްތަކުގައި ތަންކޮޅެއް ބޮޑަށް ކޮންޓްރޯލް ކުރެވުމެވެ. އަދި އޭނާގެ ތަޖުރިބާތައް ހިއްސާކޮށްގެން މިފަދަ ވޭންތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ދިރިއުޅުމުގެ އުންމީދު ލިބޭނެ ގޮތް މެދުވެރިވުމެވެ.