ބެންޒެމާގެ ދިފާއުގައި ވިއޭރީ ތެދުވެއްޖެ
ބެންޒެމާގެ ދިފާއުގައި ވިއޭރީ ތެދުވެއްޖެ

ރޯމް (ނޮވެމްބަރު 8) – ފޯމް ކަޓާފައިވާ ރެއާލް މެޑްރިޑުގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާގެ ދިފާއުގައި އިޓަލީގެ ކުރީގެ މަޝްހޫރު ފޯވާޑް ކްރިސްޓިއަން ވިއޭރީ ތެދުވެއްޖެ އެވެ.

ވިއޭރީ ވަނީ ބެންޒެމާ އަށް ފާޑުކިޔަމުން އަންނަ އިންގްލެންޑުގެ ކުރީގެ ފޯވާޑް ގެރީ ލިނެކާ އަށް ބަހުގެ ހަމަލާ ދީފަ އެވެ.

މި ސީޒަނުގައި ބެންޒެމާ 12 މެޗުން ޖެހީ އެންމެ ދެ ގޯލެވެ. ރެއާލް މެޑްރިޑް ވެސް ފޯމުން ކަޓާފައިވުމާ އެކު ބެންޒެމާ އަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި މިހާރު ޓީވީ އެނަލިސްޓަކަށް މަސައްކަތްކުރާ ލިނެކާ ވެސް ވަނީ ޓީވީގައި ބެންޒެމާ އަށް ފާޑުކިޔައިފަ އެވެ.

"އަހަންނަކަށް ނޭގޭ ގެރީ ލިނެކާ ޓީވީގައި މަސައްކަތްކުރަނީ ކީއްވެ ކަމެއް. ލިނެކާ (ކެރިއަރުގައި) ހުރިހާ ގޯލެއް ޖެހީ ޕެނަލްޓީ އޭރިއާ ތެރެއިން. މީގައި ވިސްނަން ޖެހޭ ކަމަކީ ލިނެކާ އަކީ ފޯވާޑަކަށް ވުން، އަދި ފޯވާޑަކަށް ވެ ހުރެ އެހެން ފޯވާޑަކު ލަނޑެއް ނުޖެހި މެޗުތަކެއް ދާއިރަށް އޭނާ އަށް ފާޑުކިޔާތީ،" ވިއޭރީ ބުންޏެވެ. "ލިނެކާ އަށް މިކަން މާ ރަނގަޅަށް އެނގޭނެ."

އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ސެންޓަ ފޯވާޑް ކަމަށްވާ ވިއޭރީ ވަނީ ކެރިއަރުގައި ޔުވެންޓަސް އާއި ލާޒިއޯ އާއި އިންޓަ އާއި އޭސީ މިލާނާއި އެތުލެޓިކޯ މެޑްރިޑަށް ކުޅެފަ އެވެ.