ފްލޮޕްތަކާ މެދު ފަހުން ނުވިސްނަން: ވިދްޔާ ބާލަން
ފްލޮޕްތަކާ މެދު ފަހުން ނުވިސްނަން: ވިދްޔާ ބާލަން

ވިދްޔާ ބާލަން އަކީ މޮޅު ޕާފޯމަންސްތަކުން އެތައް މިލިއަން ބައެއްގެ ހިތްތައް އަތުލާ ކުޅަދާނަ ބަތަލާ އެކެވެ. ނަމަވެސް ކާމިޔާބީގެ ދަތުރަކީ ވިދްޔާއަކަށް އެހާ ފަސޭހަ ކަމަކަށް ނުވި އެވެ.

ފިލްމީ ކެރިއަރުގައި ވަރަށް ގިނަ ގޮންޖެހުންތައް ވިދްޔާ އަށް ދިމާވެފައިވެ އެވެ. ކޮންމެ ނާކާމިޔާބީއަކާ އެކު އަލުން އަނބުރާ އަންނަނީ ކުރިޔަށް ވުރެ ވެސް ހިތްވަރާ އެކުގަ އެވެ. ވިދްޔާ ބުނި ގޮތުގައި އޭނާގެ ފިލްމުތައް ނާކާމިޔާބުވުމުން ވަރަށް ހިތްދަތިކަން ލިބެ އެވެ.

ފިލްމްފެއާ އަށް ދިން އިންޓަވިއުއެއްގައި ވިދްޔާ ބުނި ގޮތުގައި ބޮކްސް އޮފީހުގައި އޭނާގެ ފިލްމަކަށް ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަަމަ އޭނާގެ ހިތް ހަލާކުވެ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރުމަށްފަހު ދެން އެކަމާ ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާތީ އެކަންތައްތައް ހަނދާން ނައްތާލާފައި ކުރިޔަށް ދާން މަސައްކަތް ކުރަނީ ކަމަށް ބުންޏެވެ.

"އަހަރެންގެ ފިލްމެއް ފެއިލް ވެއްޖެ އަހަރެން އެ ވާހަކަ ދައްކާފައި ރޯލާފައި އެހިސާބުން އެކަން ނިންމާލާފައި ކުރިޔަށް ދާން ފަށަނީ. ނަމަވެސް ފިލްމެއްގެ ސެޓުގައި އުޅޭ ވަގުތުގައި އަހަރެން ކުރީގެ ފިލްމަށް ވީ ގޮތާ މެދަކު ނުވިސްނަން،" ވިދްޔާ ބުންޏެވެ.

ވިދްޔާގެ އާ ފިލްމު "ތުމާރީ ސޫލޫ" މިހާރު ވަނީ ރިލިޒްކުރަން ތައްޔާރުވެފަ އެވެ. އޭނާ މިހާރު އެ ފިލްމު ބަލައިފި ކަމަށާއި ފިލްމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

މާނަވް ކޯލް ބަތަލުގެ ބައި ކުޅެފައިވާ "ތުމާރީ ސޫލޫ"އަކީ ކޮމެޑީ ފިލްމެކެވެ. އަދުމަން ސްރޭޝް ތުރިވާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.