ބޮޑެތި ކުށްތަކުގައި ނުހިމެނޭ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދެނީ
ބޮޑެތި ކުށްތަކުގައި ނުހިމެނޭ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދެނީ

ޖިނާއީ ބޮޑެތި ކުށްތަކުގައި ނުހިމެނޭ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދޭ ގޮތަށް ނިންމައި އެކަމާ ގުޅޭ ގަވައިދު މިއަދު އިސްލާހުކޮށްފި އެވެ.

ފުލުހުން މިއަދު ގެޒެޓު ކުރި "ޕޮލިސް ރެކޯޑު ހާމަކުރުމުގެ ގަވައިދު"ގެ އިސްލާހުގައި ބުނެފައިވާ ގޮތުން ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ ކުށްތައް ކޮށްފައިވާ މީހުންގެ ކުށުގެ ރެކޯޑު، ވަޒީފާގެ ބޭނުމަށް މިއަދުން ފެށިގެން ސާފުކޮށްދޭނެ އެވެ.

މި އިސްލާހުގެ ދަށުން ބޮޑެތި ކުށުގެ ގޮތުގައި ބަލާފައި ވަނީ ކުޑަކުދިންނަށް (އެކި ގޮތްގޮތުން) ގޯނާ ކުރުމާއި ރޭޕް ކުރުން އަދި ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ތަހުގީގު ހިނގަމުންދާ މައްސަލަތަކެވެ. އަދި މިއިން މައްސަލައެއް ތަހުގީގުކޮށް، ޝަރީއަތް މެދުވެރިކޮށް ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މި އިސްލާހުގެ ދަށުން ކުށުގެ ރެކޯޑު ސާފުކޮށްދެނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ތަކުރާރުކޮށް ކުށް ނުކުރާ މީހުންނަށެވެ.

ފުލުސް އޮފީހުން ބުނީ މި ޝަރުތުތައް ފުރިހަމަވާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށެވެ. އަދި އެ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދޭނީ ވަޒީފާގެ ބޭނުމަށް، އެކަމަށް އެދުމުން ކަމަށް ފުލުހުން ބުންޏެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް، 2014 ވަނަ އަހަރު ވެސް ވަނީ ހާހަކަށް ވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑު ފުލުހުން ސާފުކޮށްދީފަ އެވެ.