08 ނޮވެމްބަރ 2017 - 12:20

ސޯލް (ނޮވެމްބަރު 8) - އެމެރިކާއާ މެދު ހީކުރާހާ ލުއިކޮށް ނުނެގުމަށް އެދި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންޒާރު ދެއްވައިފި އެވެ.
ސައުތު ކޮރެއާގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ކިމް އަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ "ތިޔަ ހޯއްދަވާ ހަތިޔާރުތަކުން ހިމާޔަތެއް ނުލިބޭނެ" ކަމަށެވެ.
ޓްރަމްޕް ސައުތު ކޮރެއާ އަށް ވަޑައިގެންނެވީ އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ 12 ދުވަހުގެ ދަތުރުފުޅުގަ އެވެ. ދަތުރުގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހިމަނައިފަ އެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ނޯތު ކޮރެއާ އިން ވަނީ އދ.ގެ ގަރާރުތަކަށް ގޮންޖެހުމަށް ފަހު ނިއުކްލިއާ ޓެސްޓްތައް ކޮށްފަ އެވެ. އެންމެ ފަހުން ސެޕްޓެމްބަރު ވަނީ ހަ ވަނަ ނިއުކްލިއާ ޓެސްޓްކޮށްފަ އެވެ.
"ނޯތު ކޮރެއާގެ ލީޑަރުގެ ވެރިކަން ދަނީ ނުރައްކާތެރި ކަށްވަޅަކަށް ވެއްޓެމުން. މި އަނދިރި މަގުގައި އަޅާ ކޮންމެ ފިޔަވަޅަކީ އިތުރުވާނެ ނުރައްކަލެއް،" ސައުތު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މުޚާތަބް ކުރައްވާ ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ ބައެއް ވާހަކަތަކަށް ނޯތު ކޮރެއާ އިން ހަރުކަށި ރައްދެއް ދޭނެ ކަމަށް ބެލެވެ އެވެ. ކިމްގެ ކާފަ ކިމް 2 ސަން އަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ "ނޯތު ކޮރެއާ އަކީ ކިމްގެ ކާފަ އުއްމީދު ކުރި ކަހަލަ ސުވަރުގެއެއް ނޫން" ކަމަށެވެ. އަދި އެއީ އެއްވެސް މީހަކު އުޅެން ހައްގު ނޫން، ނަރަކައެއް ފަދަ ތަނެއް ކަމަށް ވިދާޅުވި އެވެ.
ކޮރެއާ ޕެނިންސުލާ ސަރަހައްދަށް އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރާއި ހަނގުރާމަ މަތީ ޖެޓުތައް ޖަމާކޮށްފައިވާކަން ފާހަގަ ކުރައްވާ ޓްރަމްޕް ވިދާޅުވީ ބޭނުން ވަނީ ބާރާ އެކު ސުލްހަ ކަމަށެވެ.
ޓްރަމްޕުގެ ތަގްރީރުގައި ވަނީ ކޮރެއާ ހަނގުރާމަ އަށް ފަހު ސައުތު ކޮރެއާ އިން ހޯދަމުންދާ ކުރިއެރުމަށް ތައުރީފް ކުރައްވައިފަ އެވެ.
ޓްރަމްޕުގެ އޭޝިއާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ޖަޕާނަށެވެ. މިއަދު ޗައިނާ އަށް ވަޑައިގަތުމަށް ފަހު ވިއެޓްނާމާއި ފިލިޕީންސް އަށް ވެސް ވަޑައިގަންނަވާނެ އެވެ.