ޕިރްލޯ ކުޅޭތަން ފެނުމުން ކުޅުން ހުއްޓާލަން ހިތަށް އެރި: ގަޓޫސޯ
ޕިރްލޯ ކުޅޭތަން ފެނުމުން ކުޅުން ހުއްޓާލަން ހިތަށް އެރި: ގަޓޫސޯ

މިލާން (ނޮވެމްބަރު 8) – އަންދްރޭ ޕިރްލޯ ކުޅޭތަން ފެނުމުން ފުޓްބޯޅަ ކުޅުން ހުއްޓާލައި އެހެން ކަމެއް ކުރަން ހިތަށް އެރި ކަމަށް އޭނާއާ އެކު އިޓަލީ އާއި އޭސީ މިލާނަށް ކުޅުނު ޖެނާރޫ ގަޓޫސޯ ބުނެފި އެވެ.

ހޯމަ ދުވަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ޕިރްލޯއާ އެކު ގަޓޫސޯ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް އަދި އޭސީ މިލާނާ އެކު 2003 އާއި 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި ޕިރްލޯގެ މޮޅު ކުޅުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ގަޓޫސޯ އެވެ. ސަބަބަކީ ޑިފެންސް ލައިން ކުރިމަތިން ޕިރްލޯ ކުޅެ އެޓޭކް އުފައްދާއިރު، އޭނާ އަށް ނުކުރެވޭ ޑިފެންސްތައް ގަޓޫސޯ ކުރުމެވެ. ޕިރްލޯ އަކީ ޖިސްމާނީ ގޮތުން އެހާ ވަރުގަދަ ކުޅުންތެރިއެއް ނޫނެވެ. އަދި އޭނާގެ ދުވެލި ވެސް މަޑެވެ. އޭނާގެ އެންމެ މަތީ ހުނަރަކީ އުފެއްދުންތެރިކަމެވެ. އެއާ ހިލާފަށް ގަޓޫސޯ އަކީ މާބޮޑު އުފެއްދުންތެރިކަމެއް ނެތް އެކަމަކު އިދިކޮޅު ޓީމުގެ ކުޅުން ރޫޅާލުމުގައި ދެ ވަނަ އެއް ނެތް ފަދަ ކުޅުންތެރިއެކެވެ.

ގަޓޫސޯގެ މަސައްކަތުގެ ސަބަބުން ޕިރްލޯގެ ވިދުން ގަދަވިތޯ "ރޭޑިއޯ 24" އިން ސުވާލުކުރުމުން ގަޓޫސޯ ބުނީ ޕިރްލޯއާ އޭނާ އެއްވަރުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ޕިރްލޯއާ އަޅާކިޔާއިރު އޭނާ އަކީ އެއްވެސް މީހެއް ނޫން ކަމަށް ގަޓޫސޯ ބުންޏެވެ.

"އޭނާ ކުޅޭތަން ފެނުމުން އަހަރެން ޕްރޮފެޝަން ބަދަލުކުރަން ޖެހެޔޭ ވިސްނުމަށް އައި. އަހަންނަށް ވުރެ ބޮޑަށް އެކަން ނޭގޭނެ އެއްވެސް މީހަކަށް. ސަބަބަކީ އަހަރެން އޭނާއާ އެއްކޮށް ކުޅެން ފަށައިފިން އިޓަލީގެ 15 އަހަރުން ދަށުގެ ޓީމަށް އަދި އޭގެ ފަހުން ހުރިހާ ޔޫތު ޓީމުތަކަށް،" މިލާނުގެ ޔޫތު ޓީމުގެ މިހާރުގެ ކޯޗު ބުންޏެވެ.

ގަޓޫސޯ ބުނީ ޔޫތު ލެވެލް އިން ފެށިގެން ޕިރްލޯއާ އެކު ވިއްސަކަރަށް އަހަރު ކުޅުނު ކަމަށާއި އުނދަގޫ ކޮންމެ ހާލަތެއްގައި ބޯޅަ ދެނީ ޕިރްލޯ އަށް ކަމަށެވެ. އަދި ޕިރްލޯއާ އެކު ކުޅޭއިރު އަބަދުވެސް ޔަގީންކަން އޮންނަ ކަމަށް ގަޓޫސޯ ބުންޏެވެ.