09 ނޮވެމްބަރ 2017 - 06:47

ފިލްމު އިންޑަސްޓްރީގައި އެކުވެރިން ތިބި ކަމަށް ގަބޫލު ނުކުރާ ކަމަށް، މަޝްހޫރު ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ. އޭނާ ބުނީ ރައްޓެހިން ތިއްބަސް ތިބީ ވަރަށް މަދު ބައެއް ކަމަށް ވެސް އަނުޝްކާ ބުންޏެވެ.
އަނުޝްކާ ބުނި ގޮތުގައި އެންމެންނާ ވެސް އޭނާގެ އެކުވެރިކަން އޮވެ އެވެ. އަދި އެމީހުން ކުރާ މަސައްކަތް ބަލައިގަނެ އެމީހުންނަށް އޭނާ އިހްތިރާމް ވެސް ކުރެ އެވެ. އަދި އެމީހުންނާއެކު ހޭދަކުރާ ވަގުތުތައް ވެސް މަޖަލެވެ. ނަމަވެސް އޭނާއަކީ ވަރަށް އަމިއްލަވަންތަ ސިފަތަކެއް ހުންނަ، ވަރަށް މިނިވަން ވިސްނުމެއް ގެންގުޅޭ މީހަކަށް ވާތީ އެހެން މީހުންނަށް އަމިއްލަ ވާހަކަތައް ކިޔައިދީ ނޫޅޭ ކަމަށް އޭނާ ބުންޏެވެ. އެހެންވެ އޭނާއަކީ މާ ގިނަ އެކުވެރިން ގެންގުޅޭ މީހެއް ނޫން ކަމަށް ބުންޏެވެ.
ފިލްމު ކުޅުމުގެ އިތުރުން ފިލްމު ޕްރޮޑިއުސް ވެސް ކުރާ އަނުޝްކާ ބުނި ގޮތުގައި އޭނާގެ ޕާޓީތަކަށާއި ތަންތަނަށް ގޮސް އެހެން މީހުންނާ ވާހަކަ ދައްކާ މަޖާކޮށް އުޅުމަކީ އޭނާގެ މިޒާޖުގައި ހުންނަ ކަމެއް ނޫނެވެ. އަދި އެފަދަ ކަންތައް ކުރާނެ ވަގުތެއް ވެސް އޭނާއަކަށް ނުލިބެ އެވެ. ހުސް ވަގުތެއް ލިބިއްޖެ ނަމަ އަރާމުކޮށްލާ ކުރަން ހުންނަ މަސައްކަތްތައް ކޮށްލާ ހެދުން އޭނާއަށް މާ މުހިއްމެވެ.
"އަހަރެންނަށް ބޭކާރު ވާހަކަ ދައްކަން ވަރަށް އުނދަގޫ. ޕާޓީއެއް ފަދަ ތަނަކަށް ދިޔައަސް އެނބުރި އަންނައިރު އަހަރެން ހުންނާނީ ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވެފައި. އެހެންވެ ޓީވީ ބަލާލާ ފޮތެއް ކިޔާލާ ހަދައިގެން އަލުން ޖެހެނީ އަމިއްލަ ނަފްސަށް ހަމަޖެހުން ގެންނަން. ޕާޓީތަކުގައި މިއުޒިކްގެ އަޑުގަދަކަމުން މީހުންނާ ވާހަކަ ދައްކާ ހަދަން ވެސް އުނދަގޫ. އެހެންވެ އެ ކަހަލަ ތަންތަނުގައި ވަގުތު ހޭދަކުރާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ،" އަނުޝްކާ ބުންޏެވެ.
އަނުޝްކާ ބުނީ މިދިޔަ ދެތިން އަހަރަކީ އޭނާއަށް ނޭވާލާނެ ފުރުސަތެއް ވެސް ނުލިބި ބުރަކޮށް އުޅެން ޖެހުނު ތިން އަހަރެވެ. އެހެންވެ އޭނާއަކަށް އަމިއްލަ ކަމެއް ކުރާނެ އެއްވެސް ވަގުތެއް ނުވެ އެވެ. ހުސް ވަގުތެއް ލިބިއްޖެ ނަމަ އާއިލާއާ އެކު ހޭދަކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އަނުޝްކާ އެންމެ ފަހުން ކުޅުނު "ޖަބް ހެރީ މެޓް ސޭޖަލް" އަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބާ އެވެ. މިހާރު އޭނާ ކުޅެމުންދަނީ ވަރުން ދަވަން އާއެކު ކުޅޭ "ސުއި ދާގާ" އާއި ޝާހްރުކް ޚާނާއެކު ކުޅޭ ޑައިރެކްޓަރު އާނަންދް އެލް ރާއީގެ ފިލްމެވެ. މީގެ އިތުރުން އޭނާ ޕްރޮޑިއުސްކޮށް އެކްޓްކުރާ "ޕަރީ" ވެސް 2018 ފެބްރުއަރީގައި ރިލީޒްކުރަން އަންނަނީ ތައްޔާރު ވަމުންނެވެ.