"ޓައިގާ ޒިންދާ ހޭ" ބޮކްސް އޮފީހަށް ތޫފާނެއް ގެންނާނެ
"ޓައިގާ ޒިންދާ ހޭ" ބޮކްސް އޮފީހަށް ތޫފާނެއް ގެންނާނެ

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ"ގެ ފުރަތަމަ ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ބޮކްސް އޮފީހަށް ތޫފާނެއް ގެނުވާނެ ވަރުގެ ފިލްމެކެވެ.

"ޓައިގާ ޒިންދާ ހޭ" ބޮކްސް އޮފީހަށް ތޫފާނެއް ގެންނާނެ
"ޓައިގާ ޒިންދާ ހޭ" ބޮކްސް އޮފީހަށް ތޫފާނެއް ގެންނާނެ

އެކްޝަން ޑައިރެކްޓަރު ޓޮމް ސްޓްރޫތާޒްގެ ކުޅަދާނަކަމާއެކު މި ފިލްމުގެ މަންޒަރުތަކުގެ ފުރިހަމަކަން ފާހަގަކޮށްލެވެ އެވެ. އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބިނާކޮށްފައިވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކަމަށް ޓްރެއިލާގައި ބުނެ އެވެ.

ފިލްމުގައި ކެޓުރީނާގެ ވެސް ވަރަށް ގިނަ އެކްޝަން މަންޒަރުތައް ހިމެނެ އެވެ. އަދި އެކްޝަން މަންޒަރުތަކުގައި ސަލްމާނަށް އެންމެ ތަންފުކެއް ވެސް ކެޓުރީނާ ދުލެއް ނުކުރެ އެވެ. މީގެ ފަސް އަހަރު ކުރިން ރިލީޒްވި "އޭކް ތާ ޓައިގާ"ގައި މި ދެ ތަރިން ދެއްކި ކެމިސްޓްރީ އޭގެ ސީކުއަލްގައި ވެސް ވަނީ ދަަމަހައްޓާފަ އެވެ.

ފުރަތަމަ ޓްރެއިލާގައި މާބޮޑަށް ސަލްމާނާއި ކެޓުރީނާގެ ލޯބީގެ މަންޒަރުތަކެއް ނުހިމެނެ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއީ ސަލްމާން ބޭނުންވި ގޮތެވެ. ފިލްމުގެ ދެ ޓްރެއިލާއެއް ތައްޔާރުކުރި ކަމަށާއި އެއް ޓްރެއިލާގައި އެކްޝަން މަންޒަރުތައް ގިނަކޮށްފައި ލޯބީގެ މަންޒަރުތައް މަދުން ބެހެއްޓި ކަމަށާއި އަނެއް ޓްރެއިލާގައި ލޯބީގެ މަންޒަރުތައް ގިނަކޮށްފައި ހުރި ކަމަށްވެ އެވެ. އަދި މި ދެ ޓްރެއިލާގެ ތެރެއިން ސަލްމާނަށް ކަމުދިޔައީ އެކްޝަން މަންޒަރުތައް ގިނަ ޓްރެއިލާ ކަމުން އެ ޓްރެއިލާ ފުރަތަމަ ރިލީޒްކުރީ އެެވެ.

އެކްޝަން ކޯރިއޯގްރާފާ ޓޮމް ސްޓުޓަޒްއާ ބެހޭ ގޮތުން ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ޓޮމް އަކީ ވަރުގަދަ އެކްޝަން މަންޒަރުތައް ނެގުމުގައި ވަރަށް ކުޅަދާނަ މާހިރެކެވެ. ފިލްމުގައި ވަރަށް ބޮޑެތި ގޮވުންތައް ގޮވާ މަންޒަރުތައް ހިމެނޭ ކަމަށާއި އެގޮތުން 15 ވެހިކަލެއް ގޮވާ މަންޒަރު ފެންނާނެ ކަމަށް ޑައިރެކްޓަރު ބުންޏެވެ. އަދި މީގެ ތެރެއިން ވެސް ހަތަރު ވެހިކަލެއް ގޮއްވާލަނީ ދުއްވާފައި ދަނިކޮށް ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރެއިން އެއް ވެހިކަލަކީ 40 ޓަނުގެ ޓްރަކެއް ކަމަށާއި އޭތި ގޮވާ އަޑު ވަރަށް ގަދަކަމަށް ވެސް އަލީ ބުންޏެވެ.

ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ މި ފިލްމަކީ ޔާޝްރާޖް ފިލްމްސް އިން މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު އެއް ފިލްމެވެ. އެއީ މިހާރު ކުޅެމުންދާ އާމިރު ޚާނާއި އަމީތާބު ބައްޗަންގެ "ތަގްސް އޮފް ހިންދުސްތާން" ނުލަ އެވެ.

ދުނިޔޭގެ ފަސް ގައުމެއްގައި ޝޫޓްކޮށްފައިވާ "ޓައިގާ ޒިންދާ ހޭ"ގެ ބަޖެޓަކީ 140 ކްރޯޑު (14 ބިލިއަން) ރުޕީސް އެވެ. މިއީ އަދި އިޝްތިހާރުކުރުމުގެ ޚަރަދުތަކާއި ސަލްމާންގެ ފީ ނުލަ އެވެ.

"ޓައިގާ ޒިންދާ ހޭ"ގައި ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނޭތީ ފިލްމުގެ ނުބައިބައި ބޮޑު މީހަކަށް ވެސް ހުންނާނީ ވަރަށް ވަރުގަދަ މީހެއްތާއޭ ކޮންމެ މީހަކު ވެސް ހިތަށް އަރާނެ އެވެ. ޚާއްސަކޮށް އެއީ ފިކްޝަނަލް ޓްރަރިސްޓް ގްރޫޕެއްގެ ލީޑަރަކަށް ވާނަމަ އެވެ. ފިލްމުގައި މި ގްރޫޕުން ބިރު ދެއްކުމުގެ ގޮތުން 25 ނަރުހަކު ކިޑްނެޕް ކުރެ އެވެ. މި ގްރޫޕްގެ އެންމެ އިސް މީހާ އަބޫ އުސްމާންގެ ރޯލު އަދާކުރަނީ ސައްޖާދު ދެލަފްރޫޒް އެވެ. ސައްޖާދު އަކީ ޔޫއޭއީގައި ދިރިއުޅޭ އީރާން މީހެކެވެ.

ބޮލީވުޑް ފިލްމުތަކުން އޭނާ އަކީ އެހާ ދެކެފަރިތަ މީހަކަށް ނުވިޔަސް ބައިނަލްއަގުވާމީ ވަރަށް ގިނަ ފިލްމުތަކާއި ސިލްސިލާތައް ސައްޖާދް ކުޅެފައި ވެއެވެ. އަދި އަކްޝޭ ކުމާރުގެ "ބޭބީ"ގައި ވެސް ސައްޖާދު ވަރަށް ކުޑަ ރޯލެއް އަދާ ކޮށްފައިވެ އެވެ.

މި ފިލްމުގައި ސައްޖާދު ފެންނާނީ ވަރަށް ބިރުވެރި އެހާމެ ނުލަފާ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް ހަގީގަތުގައި ސައްޖާދު އަކީ ވަރަށް ރީތި ސިފަ ތަކެއް ލިބިފައިވާ މީހެކެވެ.