07 ޖުލައި 2016 - 07:32

އިނގިރޭސި ވިލާތުގައި 43 ޕަސެންޓް މީހުން ގަބޫލުކުރަނީ ފިނިކޮށްފައި ބަހައްޓަންޖެހޭ ކާބޯތަކެތި ގަންނަ ދުވަހު ފިނި ނުކުރެވިއްޖެ ނަމަ ދެން ބޭނުންކުރަން ނުވާނެ ކަމަށެވެ. އަދި 38 ޕަސެންޓް މީހުން ބުނަނީ ގެރިމަސް ކެއްކުމަށް ފަހު އަލުން ފިނިކޮށްގެން ބޭނުންކުރުން ނުރައްކާތެރި ކަމަށެވެ. މީގެ އިތުރުން، ފިނިކޮށްފައި ހުއްޓަސް ކާނާ ނުބައިވެ ބޭނުންކުރަން ނުވާ ހިސާބަށް ދާނެ ކަމަށް 36 ޕަސެންޓް މީހުން ދެކެ އެވެ. އެކަމަކު އެ ގައުމުގެ ފުޑް ސޭފްޓީ އެޖެންސީ (އެފްއެސްއޭ) އިން ބުނަނީ މިއީ މުޅިން ކުށް ހީ ކަމަށެވެ.
އެފްއެސްއޭ އިން ބުނާ ގޮތުގައި ކާބޯތަކެތި ފިނިކޮށްގެން ގެންގުޅުމުގައި އަމަލުކުރަންޖެހޭ ގޮތް ގިނަ މީހުންނަކަށް ނޭނގެ އެވެ. އަދި މިކަމާ ބެހޭ ރަނގަޅު މައުލޫމާތު މީހުންނަށް އެނގޭ ނަމަ ގިނަ އަދަދެއްގެ ކާބޯތަކެތި އިސްރާފު ނުވެ ސަލާމަތް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ދިރާސާއަކާ ހަވާލާދީ ބުނެފައި ވަނީ، ކާބޯތަކެތި ފިނިކޮށްގެން ގެންގުޅެންޖެހޭ ރަނގަޅު ގޮތް އެނގޭ ނަމަ މިހާރު އުކާލާ ކާނާގެ ވަރަށް ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށް 31 ޕަސެންޓް މީހުން ބުނެފައިވާ ކަމަށެވެ. އިނގިރޭސި ވިލާތުގައި ކޮންމެ އަހަރަކު ހަތް މިލިއަން ޓަނުގެ ކާބޯތަކެތި އުކާލަ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބައި ތަކެއްޗަކީ ބޭނުން ކުރެވިދާނެ ރައްކާތެރި އެއްޗެހި ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ.
ފުޑް ސްޓޭންޑާޑްސް އޭޖެންސީން ވަނީ ފިނިކޮށްގެން ކާނާ ބޭނުންކުރެވޭނެ ގޮތްތައް ދަސްކޮށް އިސްރާފު ކުޑަކުރެވޭނެ ގޮތްތައް ދެނެގަތުމަށް އާންމުންނަށް ގޮވާލައިފަ އެވެ.
އެފްއެސްއޭގެ ޑިރެކްޓަރު ސްޓީވް ވީން ވިދާޅުވެފައި ވަނީ ގަންނަ ދުވަހު ކާނާ ފިނިކުރަން ނުޖެހޭ ކަމަށާއި އެއްކޮށް ފިނި ކެނޑުމަށް ފަހު 24 ގަޑިއިރު ވުމުގެ ކުރިން އަލުން ފިނިކޮށްގެން ބޭނުންކުރުން ރައްކާތެރި ކަމަށެވެ. މިގޮތަށް، ގޮސް، މުއްދަތު ހަމަވާ ތާރީހާ ހިސާބަށް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ފްރީޒަރަކީ ހަމަ 'ޕޯސް ބަޓަން' އެއް. ފިނިކޮށްގެން ބޭނުންކުރެވޭނެ މުއްދަތު ހަމަވާ ތާރީހާ ހިސާބަށް. ފިނިކުރަން ފަށާ ހިސާބުން ޕޯސް ބަޓަން އޯފް ވާނެ. ފިނި ކަނޑުވައިގެން ބޭނުންކުރަންވީ 24 ގަޑިއިރު ތެރޭ އެއްކޮށް ފިނި ނުކެނޑެނީސް،" ވީން ވިދާޅުވެފައިވެ އެވެ.
އެފްއެސްއޭ އިން ބުނަނީ ފިނިކޮށްގެން ގެންގުޅޭ ކާނާގެ ރަހަޔަށް ބަދަލެއް ނައިސް ހަ މަސް ދުވަހުގެ މުއްދަތަކަށް ގެންގުޅެވޭނެ ކަމަށެވެ.
އެކަމަކު ފްރީޒަރުން ކާނާ ނެގުމާ އެކު ބެކްޓީރިއާތައް ހަރަކާތްތެރިވާން ފަށަ އެވެ. އެކަމަކު ފްރީޒަރަށް ލުމާ އެކު ހުއްޓެ އެވެ. މިއީ ފިނިކުރުމަށް ފަހު ފިނި ކަނޑުވާ ކާނާގެ ސަބަބުން ކާނާ ވިހަވުމަށް މެދުވެރިވާ ސަބަބެވެ. ފްރީޒަރުން ނަގާފައި ހުންނަ ވަގުތު ނުރައްކާތެރި މިންވަރަކަށް ބެކްޓީރިއާ އަށަގެންފި ނަމަ ކާނާ ވިހަވުމުގެ ނުރައްކާ އޮންނާނެ އެވެ.