08 ނޮވެމްބަރ 2017 - 11:29

ލަންޑަން (ނޮވެމްބަރު 8) - ޓެކްސް އަށް މަކަރު ހެދުމުގެ ނިޔަތުގައި އެޕަލް ކުންފުނިން ބޭރު ގައުމުތަކުގައި ފައިސާ ޖަމާކޮށްފައިވާކަން ޕެރަޑައިސް ޕޭޕާސް އިން ފަޅާއަރުވާލުމާ އެކު އެކަމުގެ ދިފާއުގައި އެޕަލް އިން ތެދުވެއްޖެ އެވެ.

އަޔަލެންޑުގައި ފައިސާ ޖަމާކޮށްގެން އެޕަލް އިން ދިޔައީ ވިހި އަހަރުވަންދެން ޓެކްސް އަށް ލުއިތައް ހޯދަމުންނެވެ. އެޕަލްގެ ފައިސާ އެމެރިކާގައި ޖަމާކުރަން ދެކޮޅު ހަދާފައި ވަނީ އެ ގައުމުގައި ބޮޑު ޓެކްސްއެއް ދައްކަން ޖެހޭނެތީ އެވެ.
އެމެރިކާ އިން ބޭރުގައި އެޕަލް އިން ކުރަމުންދިޔަ ވިޔަފާރީގެ ފައިދާ ޖަމާކުރަމުން ދިޔައީ އަޔަލެންޑަށެވެ. އެޕަލް އިން ދިޔައީ 0.005 ޕަސެންޓުގައި އަޔަލެންޑަށް ޓެކްސް ދައްކަމުނެވެ. އޭގެ މާނައަކީ އެޕަލް ކުންފުނިން އައިފޯނާއި އައިޕެޑް ވިއްކައިގެން ލިބޭ ފައިދާގެ ކޮންމެ އެއް މިލިއަން ޑޮލަރަކުން 50 ޑޮލަރު ޓެކްސްގެ ގޮތުގައި ދެއްކުމެވެ.
ޓެކްސްގެ މައްސަލަ ތިން އަހަރު ވަންދެން ތަހުގީގު ކުރުމަށް ފަހު އެޕަލް ކުންފުނިން ޓެކްސްގެ ގޮތުގައި 13 ބިލިއަން ޔޫރޯ (14.3 ބިލިއަން ޑޮލަރު) ދައްކަން ޖެހޭ ކަމަށް ޔޫރަޕިއަން ކޮމިޝަނުން މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ.
އެތައް ހާސް ބަޔަކު ގައުމުން ބޭރުގައި ހިންގާ ވިޔަފާރީގެ މައުލޫމާތު ޖަރުމަނުގެ ނޫހަކަށް ފޯރުކޮށްދީފައި ވަނީ ގާނޫނީ ޚިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ އެޕަލްބީންނެވެ. އަދި މައުލޫމާތު ވަނީ އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އަށް ވެސް ފޯރުކޮށްދީފަ އެވެ.
އައިސީއައިޖީން ބުނެފައި ވަނީ އަޔަލޭންޑުން ދިން ޓެކްސްގެ ލުއިތައް ބަންދުކުރަން 2014 ވަނަ އަހަރު ޔޫރަޕިއަން ކޮމިޝަނުން ޕްރެޝަރު ކުރުމާ ގުޅިގެން ޓެކްސްގެ ލުއި ލިބޭނެ އެހެން ތަނެއް ހޯދުމުގެ މަސައްކަތް އެޕަލްއިން ކުރި ކަމަށެވެ. އެ ގޮތުން އިންގްލެންޑާއި ފްރާންސާ ދެމެދު އޮންނަ ޗެނެލް އައިލެންޑްސްގެ ޖާޒީ ވަނީ އެޕަލްގެ ފައިދާ ޖަމާކުރަން އިޚްތިޔާރުކޮށްފައި ކަމަށް އައިސީއައިޖީން ބުންޏެވެ. ބޭރުގެ ކުންފުނިތަކުގެ ފައިދާ އިން ޖާޒީގައި މާބޮޑު ޓެކްސްއެއް ނުނަގަ އެވެ.
ގައުމުން ބޭރުގައި 252 ބިލިއަން ޑޮލަރު ގެންގުޅޭ އެޕަލް ކުންފުނިން ބުނެފައި ވަނީ އަޔަލެންޑުން 2015 ވަނަ އަހަރު ޓެކްސްގެ ގާނޫނުތައް ބަދަލު ކުރުމާ ގުޅިގެން ކޯޕަރޭޓް ސްޓްރަކްޗާ ބަދަލު ކުރަން ޖެހުނު ކަމަށެވެ. އަދި މި ބަދަލުގެ ތެރޭގައި އެޕަލް އިން ގައުމުން ބޭރުގައި ހިންގާ ވިޔަފާރީގެ ފައިސާގެ ކަންކަން ބަލަހައްޓާ ސަބްސިޑަރީ، ޖާޒީ އަށް ބަދަލު ކުރަން ޖެހުނު ކަމަށް ބުންޏެވެ. މި ބަދަލުން ޓެކްސްގެ ލުޔެއް ނުލިބޭ ކަމަށް ވެސް އެޕަލް އިން ބުންޏެވެ.
އެޕަލް އިން ދިޔައީ މި ސަބްސިޑަރީގެ އިންވެސްޓްމަންޓް އިންކަމްގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް އެމެރިކާ އަށް ދައްކަމުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
"އެޕަލް އަށް ދުނިޔޭގެ ކޮންމެ ތަނަކުން ލިބޭ ކޮންމެ ޑޮލަރެއްގެ ސްޓޭންޑަޑް ރޭޓް ކަމަށްވާ 35 ޕަސެންޓްގައި އެމެރިކާ އަށް ދިޔައީ ޓެކްސް ދައްކަމުން،" އެޕަލް އިން ބުނެފައިވެ އެވެ.