08 ނޮވެމްބަރ 2017 - 06:32

ކޮންޕިއުޓަރުގެ މޮނީޓަރަށް ބަލަހައްޓައިގެން އަހަރެން އިނީމެވެ. ހިތާހިތުން އަހަރެންގެ އަމިއްލަ ނަފުސަށް މަލާމާތްކުރީމެވެ. ދިރިއުޅުމާ މެދު އަހަރެން ފުންކޮށް ނުވިސްނީ ކީއްވެގެން ހެއްޔެވެ؟ ތިން އަހަރު ތެރޭގައި ތިން ދަރިފުޅެވެ. ހަތަރުވަނަ ދަރިޔަކަށް އާޝިޔާ ބަނޑުބޮޑުވީއެވެ. ލިބޭ އާމްދަނީ ވީ ކުޑައެވެ. އާޝިޔާ ވަޒީފާއަދާކުރާ ނަމަ ފިކުރެއް ނެތެވެ. އެކަމަކު، ދެ ކުދިން ލިބުނީމައި އޮފީހުން ކެނޑެން އާޝިޔާއަށް އެންގީ ވެސް އަހަންނެވެ. އެ ގޮތް ކަމުދާތީއެއް ނޫނެވެ. އެހެން ގޮތެއް ނެތުނީއެވެ. އޮފީހުގެ ފިރިހެނުންނާއި އާޝިޔާ ބާއްވަނީ މާ 'ވަރުގަދަ' ގުޅުމެކެވެ. ވަކި ހިސާބަކުން، ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން އަހަންނަށް މަޖުބޫރުވީއެވެ. ހަމަ އެ ގޮތަށް، ދަރިން ހޯދުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ އަހަރެން ހުރީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ވިސްނޭނީ ކިތެއް ކުދިން ލިބުނީމަ ހެއްޔެވެ؟
ވަރަށް ދުރުދުރުން އާޝިޔާއާ ވާހަކަދެއްކީމެވެ. ހެދިދާނެ ގޮތްތަކެއް ކިޔައިދިނީމެވެ.
"ޚަލީލު ބުންޏަސް ތި ކަމެއް ނުވާނެ،" އާޝިޔާ ޖަވާބުދިނެވެ. "ކަންތައް ވާނެ ގޮތް ކިހިނެއް އެނގެނީ؟"
"ވާނެ ގޮތް މިހިރަ ފެންނަނީނު،" އަހަރެން ބުނީމެވެ. "ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު މި ޖެހެނީ. އެޕާޓުމަންޓުގަ މިހިރީ ދެ ކޮޓަރި."
އަހަރެން ދެއްކި ވާހަކަތައް އާޝިޔާ އަޑެއް ނޭހިއެވެ. ކުދިން ނުލިބޭ އޮޕަރޭޝަނެއް ކުރާކަށް އޭނަ އެއްބަހެއް ނުވިއެވެ. ނުވާތާކަށް، އެ ފަދަ އޮޕަރޭޝަނެއް އަހަރެން ކުރާކަށް ވެސް އޭނަ ގަބޫލެއް ނުވިއެވެ. އާޝިޔާގެ ނަޒަރުގައި ދަރިންނަކީ ނިޢުމަތެވެ. އެ ކުދީންނަށް މިންވަރު ކުރައްވައިފައިވާ ރިޒުޤު އެ ކުދީންނަށް ލިބޭނެއެވެ. އަހަރުމެންނަށް ވުރެ މާ ނިކަމެތި މީހުންނަށް ދިހަ ބާރަ ދަރިން ގެންގުޅެވެންޏާ، އެންމެ ހަތަރު ކުދީން އަހަރުމެންނަށް ނުގެންގުޅެވޭނީ ކީއްވެ ހެއްޔެވެ؟ އުފާވާ ކަހަލަ ވާހަކަތަކެވެ. އާޝިޔާގެ ހިތްވަރަށް އަހަރެން ކުރުނީސް ކުރަމެވެ. އެ ފަދަ އަންބެއް ލިބުނީތީ ޝުކުރު ވެސް ކުރަމެވެ. އެހެންނަމަވެސް، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީމައި ސިކުނޑި ދަނީ ސުމަކަށެވެ.
ހަތަރުވަނަ ދަރިފުޅު ލިބުނު ދުވަހު، އޮފީހުން އަހަންނަށް ކޯހެއް ލިބުނެވެ. ޔަގީނުން ވެސް ހެޔޮ ފާލެކެވެ. އަހަރެން ހުރީ ސިކުނޑި ހަމަޖައްސައިލަން ބޭނުންވެފައެވެ. ވަކިން އެޕާޓުމަންޓެއްގައި ދިރިއުޅުނަސް، އަހަރެންގެ ޢާއިލާގެ އެންމެން އަހަރެންގެ ދަރިންދެކެ އިންތިހާއަށް ލޯބިވެއެވެ. ވަކީން ޚާއްޞަކޮށް އަހަރެންގެ މައިންބަފައިންނެވެ. އަހަރެން ރަށުން ބޭރަށް ދިޔުމަކުން އާޝިޔާއަށް ވާނެ އުނދަގުލެއް ނޯންނާނެއެވެ.
އަހަރެން ކޯހަށް ފުރިތާ ހަފުތާއެއް ނުވަނީސް އާޝިޔާގެ ހިތުގެ ރަސްކަން އެހެން މީހަކަށް ދީފިއެވެ. އެކުވެރިޔަކު އަހަންނަށް އެ ޚަބަރު ދިނީ، އާޝިޔާ ފޮނުވައިފައިހުރި މެސެޖުތަކާއި، ޗެޓުލޮގުތަކާ އެކުގައެވެ. އަހަރެން ގަބޫލުކުރަމެވެ. މީހަކަށް ކުށެއް ކުރެވިދާނެއެވެ. އަހަންނަށް ވެސް ކުށެއް ކުރެވިދާނެއެވެ. އެކަމަކު އާޝިޔާ ކަނޑައެޅިގެން ހެދީ ދޮގެވެ. އެ ކަމަކަށް އަހަންނަކަށް ރުހިގެނެއް ނީނދެވުނެވެ. މަންމަމެންނަށް ގުޅައި އެ ފުއްޕާހަން ފަޅައިލީމެވެ. އަހަރެންގެ މައްސަލައަކީ އާޝިޔާ ބޭވަފާތެރިވުމެވެ. މައިންބަފައިންގެ މައްސަލައަކީ ހަތަރު ދަރިންގެ މުސްތަޤުބަލެވެ. އެ ހިސާބުން އަހަންނާއި މައިންބަފައިންގެ ވިސްނުން ދެކަފި ވިއެވެ. އަހަރެން މާލެއައިސް، މައިންބަފައިން ހޯހޯ ގޮވަގޮވައި ތިއްބައި އާޝިޔާ ވަރިކުރީމެވެ. އެންމެ ކުޑަ ދަރިފުޅު ދިނީ އާޝިޔާއަށެވެ. އެހެން ކުދިން ބެއިތިއްބީ އަހަރެން ގާތުގައެވެ. ދެން ވީ ގޮތް އަދި މާ ގޯހެވެ. މަންމަ ހިތްދަތިވެއްޖެއެވެ. ބައްޕަ ކަންބޮޑުވެއްޖެއެވެ. މަންމަ ބަލިވެއްޖެއެވެ. ބައްޕަ ރުޅިގަދަވެއްޖެއެވެ. ކަންތަކާ ލައިގަތީ ދެނެވެ.
ކޮންމެ ދުވަހަކު އެތައް ފަހަރަކު ބައްޕަގެ ނަޞޭޙަތް އަޑުއަހަން ޖެހިއްޖެއެވެ. އޭގެ އިތުރަށް، މަންމަ ހަނދާންވާތީ ދަރިންނަށް ރޮވެން ފަށައިފިއެވެ. އަހަންނަށް ހަމަނިންޖެއް ނުލިބެއެވެ. އޮފީހަކު ނީނދެވެއެވެ. އެ ވަރުން ވެސް އާޝިޔާއަކަށް ނުގުޅަމެވެ. އެއްގޮތަކަށް ވެސް ޝައުޤުވެރިކަން ނެތީއެވެ. ބައްޕަ ރުޅިއައިސްގެން ހަޅޭއްލެވުމުން އަހަރެން ވެސް އަންނަނީ ރުޅިއެވެ. އެކަމަކު ބައްޕަޔާ ޒުވާބެއް ނުކުރަމެވެ. ފޯނު ބާއްވައިފައި ކުދިކިޔަން އިންނަނީއެވެ. އެ ހުރިހައި މަންޒަރެއް ނަޖްދާއަށް ފެނެއެވެ. އޮފީހުގައި އަހަރުމެން ދެ މީހުންގެ މޭޒު ހުންނަނީ ޖެހިޖެހިގެންނެވެ. ނަޖްދާގެ ހިތަށް ހަމްދަރުދީ ވަނެވެ. އަހަރެންނާ އެކުގައި ސަޔަށް ގޮސް، ވާނުވާ އޮޅުންފިލުވަން ފެށިއެވެ. ނަޖްދާއަކީ، އޮފީހުގައި އުޅޭ އެންމެ ރީތި ކުއްޖާއެއް ނޫނެވެ. އަހަރެން އަޅައިގަންނަ މާ ގިނަ ސިފަތަކެއް ނަޖްދާގެ ކިބަޔަކު ނުވެސް ހުރެއެވެ. އެކަމަކު، ގަޔާވާ ގޮތެއް ހުރެއެވެ. އަހަންނާ މެދު ނަޖްދާ ކަންތައް ކުރާ ގޮތާއި، ބުނެލާ ހިތްހެޔޮ ބަސްތަކުން ހިތަށް ހަމަޖެހުން ލިބެން ފެށިއެވެ. ލޯތްބާ ދާދި އެއްކަހަލަ ކުރިތަކެއް ފަޅައި ފޯދެން ފެށިއެވެ. ނަޖްދާއަކީ އަންހެނެއް ކަމަކު، ބޭވަފާތެރި އަންހެނަކަށް މާފު ނުކުރަން ނަޖްދާ ވަރަށް ހިތްވަރުދިނެވެ. އެ ސިފަޔާ އަހަރެން ވަރަށް ގަޔާވިއެވެ. ލޮލަށް ލޮނު، ފޮންޏަށް ފޮނި ބުނާ މީހުން އަހަންނަށް ވަރަށް ކަމުދެއެވެ. ނަޖްދާގެ ފުރަތަމަ ކައިވެނި ވަނީ ރޫޅިފައެވެ. ދަރިޔަކު ނެތެވެ. އޭނަ ބޭނުންވަނީ، މީހަކާ އިނދެގެން ދިރިއުޅުމެއް ފަށާށެވެ.
އަހަރެންގެ ގޮތުގައި ފިސާރި ސާބިތުވެ އަހަރެން ހުރީމެވެ. އެހެން ހުއްޓައި، ބައްޕަ އާދޭސްކުރަން ފަށައިފިއެވެ. އެ ހިސާބުން އަހަރެންގެ ހިތަށް ތަދުވާން ފަށައިފިއެވެ. އާޝިޔާއަކަށް މާފެއް ނުކުރެވޭނެއެވެ. ބައްޕަގެ ހިތް ފަޅައިގެންދިޔަސް އަހަންނަކަށް ގިރިޓީލޯތްބެއް ނުވެވޭނެއެވެ. އޭރު ނަޖްދާއަށް އަހަރެންގެ ހިތް ހިބައިން ދިނުމާ ވަރަށް ގާތަށް ދެވިއްޖެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދެ ހިތެއް ނެތެވެ. ހިތް ފަޅިއެއް ނުކުރެވޭނެއެވެ. އެހެން އިންދައި އާޝިޔާގެ ކޯލެއް އައެވެ. އެ ފަދަ ކޯލުތަކަށް އަހަރެން ވަރަށް ޖަވާބު ނުދެމެވެ. ދެ ޚިޔާލެއްގައި އިނދެފައި ފޯނު ނެގީމެވެ.
"މަންމަ މިހާރު ދުވާލަކު ތިންހަތަރު ފަހަރު އެބަ ގުޅާ،" އާޝިޔާ ބުންޏެވެ. "ދަރިންނަށް ޓަކައި ދެ މީހުން ސުލްހަވެގެން ކައިވެނި.."
"ނީންނާނަން މަށެއް،" އަހަންނަށް ބުނެވުނެވެ. "މަ މިހާރު މި އުޅެނީ އެހެން މީހަކާ އިންނަންވެގެން."
"މަ ވެސް ބޭނުމެއް ނޫނޭ ޙަލީލާ އިންނާކަށް،" އާޝިޔާ ތަންކޮޅެއް ބާރަށް ބުންޏެވެ. "ފޯ ޔުއާ ކައިންޑް އިންފޮމޭޝަން، މަ ވެސް މި އުޅެނީ މީހަކާ އިންނަން. އެކަމަކު ޚަލީލުގެ މަންމަ އިރުއިރުކޮޅާ އެބަ ގުޅާ. މަގޭ މަންމައެއް ނޫން އެއީ. އެކަމަކު މަންމަ ކިހާ ބަލިކަން ވެސް ޚަލީލަށް އެނގޭނީ، މަށަކަށް ނޫން. ބޮޑަށް ހީވަނީ ކުޑަމަންޖެ ގޮވައިގެން މަ ދިޔައިމަހެން އެހާ ވަރަކުން އެ އުޅެނީ. މަ ހިތަށްއަރަނީ ކިހިނެއް ވާނެބާއޭ މިހެން ހެދިއްޔާ. ދުވަސްކޮޅަކަށް މަ ތިކޮޅަށް ދާނީ..."
"ނީނދެ ކިހިނެއް އެހެން ހަމަ އައިސް މި ގޭގަ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"އިންނާނީއޭ!" އާޝިޔާ ޖަވާބުގައި ބުންޏެވެ.
"މަ ނުވެއޭ ލޯތްބެއް! ބައްޔެއްނު އާޝިޔާ!" ޗޮކެއްކަނޑައިފައި އަހަރެން ބުނީމެވެ.
"މަ ވެސް ނުވެޔޭ ލޯތްބެއް،" އާޝިޔާ ބުންޏެވެ. "ލޯބި ނުވިޔަސް އިނދެވިދާނެތާ!"
އަހަރެން ފޯނު ކަނޑައިލީމެވެ. އެ ކަހަލަ ބޭކާރު ވާހަކަ އަޑުއަހާކަށް އަހަންނަކަށް ވަގުތެއް ނެތެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ހެއްޔެވެ؟ ނުވަތަ އަހަރެންގެ ދިރިއުޅުމަކީ ކުޅޭ ފިލްމެއް ހެއްޔެވެ؟ ވާހަކައެއް ހެއްޔެވެ؟ ކައިވެނީގެ ވާހަކަ އާޝިޔާ ދައްކާއިރު، އަލަތު ކައިވެނި ރޫޅުނު ގޮތް އާޝިޔާ ހަނދާނެއް ނެތްބާއެވެ؟ ފިރިމީހާ ލޯމަތިން ގެއްލޭއިރަށް ހިލޭފިރިހެނުންގެ ކުރިމަތީގައި ހަލުވިކޮށް އެސްފިޔަޖަހަމުން ހިނގާ އަންހެނަކަށް ކައިވެންޏަކީ ކިހާ މަތިވެރި ގުޅުމެއްކަން އެނގޭނެ ހެއްޔެވެ؟ އައި ރުޅިން އާޝިޔާގެ ނަންބަރު ފޯނުން ފުހެލީމެވެ. ދަރިންގެ މަންމަ ކަމުގައި ވިޔަސް، އޭނަޔާ ވާހަކަދައްކާނެ ވަރަށް ދައްކައި ނިމުނީއެވެ.
ހަވީރު ވަގުތެވެ. ރައްޓެއްސަކާ އެކުގައި ސައިބޯން އިންދައި ދޮށީ ދަރިފުޅު ގުޅިއެވެ. ލިބުނު ޚަބަރަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ތެޅެމުންފޮޅެމުން ގެއަށް އައީމެވެ. އޭރު މަންމަ ހޮސްޕިޓަލަށް ގެންގޮއްސިއެވެ. އަނެއްކާ އެ ދިމާއަށް މިސްރާބުޖެހީމެވެ. އެ ތަނަށް ވަދެވުނުއިރު ގޭގެ އެންމެން ތިބީ އެ ތަނުގައެވެ. ބައްޕަ ވެސް ހުއްޓެވެ. އިމަޖެންސީ ރޫމަށް ވެއްދި ގޮތަކަށް މަންމައެއް ނުނެރެއެވެ. އަހަރެން ފެނުމުން ކޮންމެ މީހަކު ވެސް ކަޅިއަޅަން ފެށީ އަހަންނަށެވެ. ހީވަނީ އަހަންނަކީ ކުށްވެރިއެއް ހެންނެވެ.
"ކިހިނެއްވީ؟" އަހަރެން ބައްޕަޔާ ސުވާލުކުރީމެވެ.
"ނުވޭ މާ ބޮޑު ކަމެއް،" ވަރަށް ހަމަޖެހިލައިފައި ބައްޕަ ބުންޏެވެ. "ހާޓްއެޓޭކެއް ޖެހުނީ ކަންނޭނގެ."
"އޭނ؟" އަހަންނަށް ބުނެވުނެވެ. "އެއީ ބޮޑުކަމެއް ނޫން؟ ދެން އެ އަށް ވުރެ ބޮޑުކަމެއް ކޮބާ؟"
"ދަރިފުޅު ތިހެން ބުނާ އަޑުއަހަން ބައްޕައަކަށް އެހާ ފަސޭހައެއް ނޫން،" ބައްޕަގެ އަޑުގައި ވަނީ ހިތްދަތިކަމެވެ. "އެއީ ބޮޑުކަމެއް ނަމަ އެ ކަން ނުހުއްޓުވާ ދެ އަތް އުރާލައިގެން ދަރިފުޅު ތި ހުންނަނީ ކީއްވެގެންބާ؟ ކިހާ އާދޭހެއް ކުރެވިއްޖެ އޭނ؟"
ބައްޕަ ބުނި އެއްޗެއް އަހަންނަށް ވިސްނުނީ އެ ހިސާބުންނެވެ. އެކަމަކު ލޯބިނުވާ މީހަކާ އިންނާނީ ކިހިނެއް ހެއްޔެވެ؟ ރުޅިއައިސްފައި އަހަރެން ހިނގައިގަތީމެވެ. މައިވަންތަ ލޯބި ބޭނުންކޮށްގެން ބުލެކުމޭލު ކުރުމުގެ ޙައްޤެއް އެކަކަށް ވެސް ނޯންނާނެއެވެ. ބައްޕަކަމުގައި ވިޔަސް ވެހެވެ. އެ ވަގުތު ޑޮކްޓަރު ނުކުތެވެ. އަހަންނަށް ހުއްޓެވުނެވެ. ޑޮކްޓަރު ބުނާ އެއްޗެއް އަޑުއަހައިލީމެވެ. މަންމައަށް ޖެހުނީ ހާޓުއެޓޭކެކެވެ. އެކަމަކު ފުރާނައަށް ނުރައްކަލެއް ނެތެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ ކަން ތަކުރާރުވެއްޖެ ނަމަ، ވަރަށް ސީރިޔަސް ވެދާނެކަން ޑޮކްޓަރު ހަނދާންކޮށްދިނެވެ.
"ޚަލީލު ތި އުޅެނީ މަންމަ މަރާލަންތަ؟" ޑޮކްޓަރު ދިޔުމުން ދައްތަ ސުވާލުކުރިއެވެ.
ކައިވެނި ނުކުރަން އަހަރެން ވިއްދައިގެންހުރި ގަދަފައި މެދުން ބިންދައިގެންދިޔަ ކަހަލައެވެ. މަންމަގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި އަޅާކަށް ނެތީމެވެ. ހޮސްޕިޓަލުން ނުކުމެ މަގުމަތީގައި ހުރެގެން އާޝިޔާއަށް އަހަރެން ގުޅީމެވެ. ނަންބަރު ހަނދާންހުރިކަން ނަސީބެކެވެ.
"ހިނގާ އިންނަމާ!" އަހަރެން ބުނީމެވެ. "ވީ އެންމެ އަވަހަކަށް."
"އޯކޭ!" ވިސްނައިލައިފައި އާޝިޔާ ބުންޏެވެ. "މަ ހަމަ ރެޑީ!"
އެއީ، މުޅި ހަޔާތުގައި ވެސް އަހަންނަށް ނިންމުނު އެންމެ ސުންޕާ ނިންމުމެވެ.
ނުނިމޭ