ޑިސްޕްލޭ "ބާން-އިން": ކޮންމެ ފޯނެއްގެ ޑިސްޕްލޭ ވެސް އަނދައިފާނެ
ޑިސްޕްލޭ "ބާން-އިން": ކޮންމެ ފޯނެއްގެ ޑިސްޕްލޭ ވެސް އަނދައިފާނެ

"ޑިސްޕްލޭ ބާން-އިން" މާނަކުރަނި އޭގައި ހުޅުހިފުމަކަށް ނޫނެވެ. މި ގޮތަށް ހުންނަ ލަފުޒުތައް ދިވެހި ބަހަށް ތަރުޖަމާކުރުމުން، ދޭހަވާ މާނަ، ބުނެދޭން އުޅޭ އެއްޗަކާ ތަފާތުވެ އެވެ. މި ލިޔުމުގައި އެ ފަދަ ލަފުޒުތައް މަސްރަހުގައި ބޭނުންކުރާ ގޮތަށް ދޫކޮށްލަމެވެ.

ޑިސްޕްލޭ "ބާން-އިން": ކޮންމެ ފޯނެއްގެ ޑިސްޕްލޭ ވެސް އަނދައިފާނެ
ޑިސްޕްލޭ "ބާން-އިން": ކޮންމެ ފޯނެއްގެ ޑިސްޕްލޭ ވެސް އަނދައިފާނެ

އައިފޯން 10ގެ ޑިސްޕްލޭ އުފައްދާފައި ފަނީ "އޯލެޑް"އިން ނެވެ. ގޫގުލް "ޕިކްސެލް 2 އެކްސްއެލް"ގައި ވެސް އިންނަނީ އޯލެޑް ޑިސްޕްލޭއެކެވެ. "ޕިކްސެލް 2 އެކްސްއެލް" އަށް މެދުވެރިވި ހާލަތަކާ ގުޅިގެން، އޯލެޑް ޑިސްޕްލޭއެއް އިންނަ ކޮންމެ ފޯނަކަށް ވެސް އެ ހާލަތު މެދުވެރިވެދާނެ ކަމަށް ވާހަކަދެކެވޭތީ ބުނަމެވެ. އައިފޯން 10ގެ ސްކްރީން ވެސް "އަނދައި"ފާނެ އެވެ. ބުނެދޭން މި އުޅެނީ "ޑިސްޕްލޭ ބާން-އިން" އަކީ ކޮބައި ކަމެވެ.

ވިންޑޯޒް ކޮމްޕިއުޓަރުތައް ރާއްޖެ އަށް ތައާފުރުވެގެން ދިއައިރު، ސްކްރީންއަކަށް ބޭނުންކުރީ ފޮށި-ޓީވީ އެވެ. އެއީ ކޮމްޕިއުޓަރު މޮނީޓަރެވެ. އޭގެ އަސްލަކީ "ކެތޯޑް ރޭ ޓިއުބް" އެވެ.

ކެތޯޑް ރޭ ޓިއުބް ނުވަތަ ކޮމްޕިއުޓަރު މޮނީޓަރުގެ ސްކްރީންގެ އެތެރެ ފަރާތުގައި "ފޮސްފޮރެސެންޓް" ފަށަލައެއް ކާއްތާފައި ހުރެ އެވެ. ފޮޓޯ އަދި މަންޒަރުތައް ފެންނަ ގޮތަށް ދިއްލައިދެނީ މި މާއްދާގެ ސަބަބުންނެވެ. ނަމަވެސް ގިނައިރު ވަންދެން މޮނީޓަރު ދިއްލާފައި ބެހެއްޓުމުން "ފޮސްފޮރެސެންޓް" ފަށަލަ އަނދާ ގޮތް ވެ އެވެ. ކެތޯޑް ރޭ މޮނީޓަރު ނިއްވާލާފައި ހުންނައިރު، ވިންޑޯޒް "އައިކަން"ތަކުގެ ހިޔަނި ފެންނަހެއް ހީވަނީ އެހެންވެ އެވެ. "ޑިސްޕްލޭ ބާން-އިން" އަކީ މި އެވެ. މުސްކުޅި ޓީވީ ތަކަށް ވެސް މި ގޮތް މެދުވެރިވި އެވެ. އެއާޕޯޓްތަކުގައި ހުންން ފްލައިޓް ޑިސްޕްލޭތަކުގައި ގޮޅިގޮޅި އަށް ހިޔަނިތަކެއް ހުންނާތީ ވާނީ ފެނިފަ އެވެ.

ޒަމާނީ ސްމާޓްފޯނުތަކުގެ ޑިސްޕްލޭ އުފައްދަނީ "އޯލެޑް"އިންނެވެ. އޯލެޑްގެ އަސްލަކީ ވަރަށް ކުދި "ޕިކްސެލް"ތަކެެކެވެ. ސްކްރީންނަށް މަންޒަރުތައް އަރުވަނީ މި ޕިކްސެލްތައް ގުޅިގެންނެވެ. ނަމަވެސް، ގިނަ ދުވަސްވުމުން، ނުވަތަ މާ ގިނައިރު ސްކްރީން ދިއްލާފައި ބެހެއްޓުމުން، އެކަތިގަނޑެއް ގޮތުގައި މަސައްކަތްކުރި ޕިކްސެލްތަކުން ބައެއް ޕިކްސެލް ދިއްލޭ މިންވަރު ދަށްވާން ފަށަ އެވެ. އަދި ސްކްރީނުން ފެންނަ މަންޒަރުގައި ހިޔަނި ހުންނަ ކަހަލަ ގޮތެއް ދިމާވެ އެވެ. ފޯނު ނިއްވާލާފައި އިރުގަނޑެއް ވަންދެން ބޭއްވުމުން ރަނގަޅުވާ ފަހަރު ވެސް އާދެ އެވެ. އެކަމަކު ބިގަރެއްހެއްނ ދިއްލާފައި ބެހެއްޓުމުން ސްކްރީނަށް ބޮޑު ގެއްލުމެއް ލިބިދާނެ އެވެ.

އޯލެޑް ސްމާޓްފޯނުތަކަށް "އިމޭޖް ރިޓެންޝަން" އަދި "ޑިސްޕްލޭ ބާން-އިން" ހާލަތު މެދުވެރިވަނީ ވަރަށް މަދުންނެވެ. މި މައްސަލަ އަށް މިހާ ބޮޑު ސަމާލުކަމެއް މިހާރު ދީގެން އުޅެނީ އަގު ބޮޑު ފޯނަކަށް، ގޫގުލް "ޕިކްސެލް 2 އެކްސްއެލް" އަށް މި މައްސަލަ ދިމާވުމުންނެވެ. ގޫގުލް ކަހަލަ ހައިބަތު ބޮޑު ކުންފުންޏެއްގެ އުފެއްދުމަކަށް ކަމެއް ދިމާވުމުން ދައްކަން ލައްކަ ވާހަކަ ހުންނާނެ އެވެ.

ސްމާޓްފޯން މާކެޓްގައި މި ވަގުތު އެންމެ ބާރަށް ހިނގަނީ އައިފޯން 10 އެކެވެ. އައިފޯން 10ގެ ސްކްރީން އަކީ ވެސް އޯލެޑް އެވެ. މިއީ އެޕަލްގެ ފޯނެއްގައި އޯލެޑް ޑިސްޕްލޭއެއް ހަރުކުރި ފުރަތަމަ ފަހަރެވެ.