08 ނޮވެމްބަރ 2017 - 09:23

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ އިމްރާން މުހައްމަދާ ހަވާލުކޮށްގެން، ކުރިމަގަށް ވިސްނާލުމެއް ނެތި އަހަރެމެން އެންމެން ގަދަ ނިންޖެއްގައި އެތައް އަހަރަކު ތިބުމަށް ފަހު ހޭލި އިރު މިއޮތީ ކީޕަރުންގެ މައްސަލަ ނޭވާ ހޮޅިއަށް އެޅިފަ އެވެ. އިމްރާނަށް ފަހު އަރަން ހުރި ށ. މިލަންދޫގެ މުހައްމަދު އިމްރާން (ކުޑަ އިންމަ) ކުޅުން ހުއްޓާލާފައިވާއިރު ގައުމީ ސްކޮޑަށް ދެން ނެގި ނިއު ރޭޑިއަންޓުގެ މުހައްމަދު ފައިސަލް އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މެޗެއް ނުކުޅެ އެވެ. ދެން ހިމެނޭ ނިއުގެ އަބްދުﷲ ޒިޔަޒަން އަދި މާޒިޔާގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް އަދި ލީގުގައި އެންމެ މެޗެއް ވެސް ނުކުޅެ އެވެ.

މައްސަލަ އެއް ނެތެވެ. މެޗެއް ކުޅެފައި ނެތަސް އިތުރު ގޮތެއް ނެތިއްޔާ ސްކޮޑަށް ނަގަންވީ އެވެ. އެކަމަކު މެޗުތައް ކުޅެފައިވާ ކީޕަރުންނަށް ސްކޮޑުން ވެސް ފުރުސަތެއް ނުދިނުމަކީ އެ ކުޅުންތެރިން ކުރި މަލާމާތެއް ނޫން ހެއްޔެވެ؟ ކީޕަރުންގެ މައްސަލަ ހައްލުކުރުމަށްޓަކައި އަރަމުން އަންނަ ކުޅުންތެރިންނަށް ހިތްވަރުދޭންވީ މި ދަނޑިވަޅުގައި ވެސް ގައުމީ ކޯޗު ޑަރެން ސްޓެވާޓް މި ކުރީ ކީއްހެޔެވެ؟

އއ. މާޅޮހުގެ ކީޕަރު އިބްރާހިމް ޒަމީރު (އިބޫ) އާއި ދ. ކުޑަހުވަދޫގެ ކީޕަރު އަބްދުﷲ ޔަޒީދު އަންނަނީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ކުޅެފައިވާ ގްރީން ސްޓްރީޓްސްގެ ގޯލު އަހުމަދު ފައިރޫޒް ވެސް ވަނީ ދެ ވަނަ ބުރުގެ ބައެއް މެޗުތައް ކުޅެފަ އެވެ. މީގެން އެއްވެސް ކުޅުންތެރިއަކަށް ސްކޮޑުން ވެސް ޖާގައެއް ނެތެވެ. ލީގުގައި އެންމެ ފޯމުގައި ކުޅެމުން އަންނަ އެއް ކީޕަރު މިލަންދޫގެ ކުޑަ އިންމަ ވެސް ގައުމީ ޓީމާ ހަގީގަތުގައި ދުރަށް ދިޔައީ ފުރުސަތު ނުލިބޭތީ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް އިންމަގެ ބަދަލުގައި ފުރުސަތު ދިނީ ފައިސަލަށެވެ. ނަތީޖާއަކަށްވީ ކުޑަ އިންމަ މާޔޫސްވެ ގައުމީ ޓީމަށް ދުރަށް ދިއުމެވެ.
ގައުމީ ކޯޗު ސްޓެވާޓް މީގެ ކުރިން ބުނީ އޭނާ ސްކޮޑަށް ކުޅުންތެރިން ނަގަނީ އެ ވަގުތަކު އެ ކުޅުންތެރިއަކު ދައްކާ ކުޅުމަށް ބަލައިގެން ކަމަށެވެ. ކުރިން ކުޅެފައިހުރި ކުޅުމާއި ހޯދާފައިވާ މަޝްހޫރުކަމަކަށް ނުބަލާ ކަމަށެވެ. އެކަމަކު ފެންނަނީ އެހެން މަންޒަރެކެވެ. ދައްކާ ވާހަކަ ދިމަލެއް ނުވެ އެވެ.
ލީގުގެ ދެ ވަނަ ބުރުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ އޭނާގެ ޓީމުގައި ވާދަވެރި ކީޕަރުން ތިބި ކަމަށާއި ކުޅުންތެރިންނަށް ފުރުސަތުދޭނީ ޕްރެކްޓިހުގައި ކުރާ ހިތްހަވަރަށް ބަލައިގެން ކަމަށެވެ. ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ފައިސަލް ޓީމުގައި ހުރި ނަމަވެސް އޭނާ އަށް ވެސް ފުރުސަތު ދޭނީ ފެންވަރު ސާބިތު ކޮށްދިނުމުން ކަމަށް ބުންޏެވެ.
"ފައިސަލަކީ ގައުމީ ޓީމުގެ އެއް ވަނަ ކީޕަރުކަން އަހަންނަށް އެނގޭ. ގައުމީ ޓީމު ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޭނާ އަށް ކުޅުމުގެ ފުރުސަތުދޭން އަހަރެން ބޭނުން. އެކަމަކު މީގެ ވަރަށް ވިސްނަން ޖެހޭ ކަންތައްތައް އެބަހުރި. އެއީ އިމްރާނަކީ ލީޑަރެއް. ފައިސަލް އެބަޖެހޭ ސާބިތުކޮށްދޭން އޭނާ އަށް ވެސް ޖާގަދޭން ޖެހޭކަން،" އޮސްކާ ބުންޏެވެ.
ލީގުގައި އެންމެ ފަހުން ނިއު އަތުން ދ. ކުޑަހުވަދޫ ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގާތުގައި އެ ޓީމުގައި ގައުމީ ޓީމު ސްކޮޑުގައި ހިމެނޭ ފެންވަރު ކުޅުންތެރިއަކު ހުރިތޯ ސުވާލުކުރުމުން އޭނާ ވަނީ އެ ސުވާލަށް ޖަވާބު ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް ބުނެފަ އެވެ.
ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިވުމުގެ އަމިއްލަ ބާރު މިހާރު ނެތެވެ. ރާއްޖެ އަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ގައުމީ ކޯޗު ސްޓެވާޓް ބުނަމުން އަންނަނީ ކިތަންމެ ހަނި ފުރުސަތެއް އޮތް ނަމަވެސް އޭނާ މަސައްކަތް ކުރާނީ އެކަން ހާސިލްކުރުމަށް ކަމަށެވެ.
ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ރާއްޖެ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ރާއްޖެ އަށް ދެން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗަކު "މިހާރަ"ށް ބުނީ އޭޝިއަން ކަޕަށް ކޮލިފައިވުމަކީ ޓާގެޓެއް ކަމަށް ވިޔަސް މިހާރު އޮތް ގޮތުން ރާއްޖެ އަށް އެކަން ހާސިލްވާން ނެތް ކަމަށާއި މިއީ އާ ކުޅުންތެރިންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް ރާއްޖެ އަށް އޮތީ ފަޅި ފުރުސަތަކަށް ވުރެ ވެސް ކުޑަ ފުރުސަތެއް. މިހާރު ވެސް މިކިޔަނީ ކުޅުންތެރިންނަށް ތަޖުރިބާ ނުލިބެޔޭ. އަސްލު މި ފުރުސަތުގައި އާ ކުޅުންތެރިންނަށް ފުރުސަތު ދިނުން ބުއްދިވެރީ. އެ ނޫނީ ތިބި ކުޅުންތެރިން ބޭނުން ކޮށްގެން ކުޅެން ތިބޭހާ ވާނީ. އާ ބަޔަކު އަރަން ފުރުސަތެއް ނުލިބޭނެ،" އޭނާ ބުންޏެވެ.