07 ނޮވެމްބަރ 2017 - 19:12

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ ބަޔަކާ މާރާމާރީ ހިންގި ކަމަށް ބުނެ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އަލީ ނިޒާރު "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ މާދަމާ މެންދުރު ފަހު ދޭއް ޖަހާ އިރަށެވެ. އެކަމަކު، ފުލުހުން ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރެއްވި އެވެ.
ފުލުސް އޮފީހަށް ހާޒިރު ކުރަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިން، މިދިޔަ ޖުލައި 31 ގައި މަޖިލީހުގެ ޗެމްބަރުގައި ތިބި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، ސިފައިންނާ މާރާމާރީ ހިންގި ކަމަށް ބުނެ، އެ މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް ކަމަށް ވެސް އަލީ ނިޒާރު ވިދާޅުވި އެވެ.
ނަމަވެސް އަލީ ނިޒާރު ވިދާޅުވީ އެ ދުވަހުގެ ޖަލްސާގައި މެމްބަރުން އަދާކުރެއްވީ އެ މެމްބަރުން ގާނޫނީ ވާޖިބު ކަމަށެވެ. އަދި އެ މަސައްކަތަށް ހުރަސް އެޅުއްވީ ސިފައިން ކަމަށާއި ޗެމްބަރުގައި ތިބި ސިފައިންނަށް ހަމަލާދީ މާރާމާރީ ހިންގާފައި ނުވާނެ ކަމަށް ވެސް އަލީ ނިޒާރު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގި ހުރި ކަމެއް ވެސް ނޫން އެއީކީ. ސެކިއުރިޓީ ބަލަހައްޓަން ތިބި ބަޔަކަށް ހުރަސް އަޅާފައެއް ނުވާނެ. އަޅުގަނޑުމެން އަދާކުރީ ގާނޫނީ ވާޖިބު،" އަލީ ނިޒާރު ވިދާޅުވި އެވެ.
އެ ދުވަހު މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އަދި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފްގެ މައްޗަށް ވެސް ވަނީ މާރާމާރީ ހިންގުމުގެ ތުހުމަތުކޮށްފަ އެވެ. އެކަމަކު އެ ބޭފުޅުން ވެސް އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ.
ދެވަނަ ދައުރުގެ ގިނަ ޖަލްސާތަކެއް ބާއްވާފައިވަނީ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ. އަދި އިދިކޮޅު މެމްބަރުންނާއި ސިފައިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.
މި މައްސަލާގައި މަހްލޫފާއި އަރީފާއި އާޒިމްގެ ޕާސްޕޯޓު ވަނީ ތިން މަސް ދުވަހަށް ހިފަހައްޓައިފަ އެވެ. އޭގެ ތެރެއިން މަހްލޫފްގެ ޕާސްޕޯޓު ހިފެހެއްޓީ ބޭސްފަރުވާއަށް ސްރީ ލަންކާގައި ވަޑައިގެން ހުންނަވަނިކޮށެވެ.