07 ނޮވެމްބަރ 2017 - 17:32

މޮންރޯވިއާ (ނޮވެމްބަރު 7) - ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ބާއްވަން އެއް ދުވަހަށްވެފައި ވަނިކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން އިންތިޚާބު ހުއްޓުވައިފި އެވެ.
ސުޕްރީމް ކޯޓުން ބުނީ ވޯޓުގައި މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކެއް ހައްލެއް ހޯދައިގެން ނޫނީ އިންތިޚާބު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންވެ އިންތިޚާބުގެ ދެ ވަނަ ބުރު މިއަދު ބޭއްވުމުގެ ބަދަލުގައި ނޭޝަނަލް އިލެކްޝަން ކޮމިޝަނަށް ޖެހިފައި ވަނީ ވޯޓު އޮޅުވާލި ކަމަށް ބުނާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށެވެ. އެ ތަހުގީގު ނިންމަން މި މަހު 22 އާ ހަމައަށް އިލެކްޝަން ކޮމިޝަނަށް ވަނީ ފުރުސަތު ލިބިފަ އެވެ.
އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޖޯޖް ވިއާ އާއި ނައިބް ރައީސް ޖޯސެފް ބޯކައި އެވެ.
ލައިބީރިއާގައި އިންތިޚާބު ބާއްވަނީ 12 އަހަރަށް ފަހު ރައީސް އެލެން ޖޯންސަން ސިރްލީފް މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވުމުންނެވެ. މިއީ 1944 ވަނަ އަހަރަށް ފަހު އިންތިޚާބީ ރައީސަކު އިންތިޚާބަކުން ވެރިކަން ހަވާލު ކުރަން ނިންމި ފުރަތަމަ ފަހަރެވެ.
އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި 20 ކެންޑިޑޭޓުން ވާދަކުރި ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯދިފައެއް ނުވެ އެވެ.