ޔަމަނުގެ ރައީސް ސައުދީގައި ގޭބަންދުކޮށްފި
ޔަމަނުގެ ރައީސް ސައުދީގައި ގޭބަންދުކޮށްފި

ރިޔާޒް (ނޮވެމްބަރު 7) - ޔަމަނުގެ ރައީސް އަބްދުއް ރައްބޫ މަންސޫރު ހާދީ ސައުދީ އަރަބިއާ އިން "ގޭބަންދުކޮށްފި" އެވެ.

ޔަމަނުގައި ހިނގާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސައުދީ އަރަބިއާ އިން ވަނީ ހާދީ އަށް ހިމާޔަތް ދީފަ އެވެ. ހާދީގެ ސަރުކާރު ހިންގަނީ ވެސް ސައުދީގަ އެވެ. އެކަމަކު ސައުދީ ހިތްހަމަނުޖެހިފައި ވަނީ ޔަމަނުގައި ހަނގުރާމަ ކުރާ ހޫތީންނާ ދެކޮޅަށް ސައުދީ އިސްވެ އުފައްދާފައިވާ ކޯލީޝަނުގެ ބައިވެރިއެއް ކަމަށްވާ ޔޫއޭއީ އާއި ހާދީއާ ދެމެދު ދެބަސްވުންތަކެއް އުފެދުމުންނެވެ. ހާދީއާ އެކު އޭނާގެ ފިރިހެން ބޭފުޅުންނާއި ޔަމަނުގެ މިނިސްޓަރުންނާއި އަސްކަރީ އޮފިޝަލުން ސައުދީން ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ތެރޭ ސައުދީން ވަނީ ޝިއައީ ހޫތީންނާ ދެކޮޅަށް ހަމަލާދީ ހާދީގެ ސަރުކާރު ދިފާއުކޮށްދީފަ އެވެ. ސައުދީން ދަނީ 2015 ވަނަ އަހަރުން ފެށިގެން ހޫތީންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ. މި ހަނގުރާމައިގައި ސައުދީގެ އެންމެ ގާތް ބައިވެރިއަކީ ޔޫއޭއީ އެވެ.

ޔަމަނުގެ ސަލާމަތީ ކޮމާންޑަރަކު ވިދާޅުވީ ފެބްރުއަރީ މަހު ހާދީ ޔަމަން ދޫކޮށް ސައުދީ އަށް ވަޑައިގެންނެވި ފަހުން އެނބުރި ޔަމަނަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ސައުދީ ރަސްގެފާނަށް އެތައް ފަހަރަކު ސިޓީ ފޮނުވި ނަމަވެސް ޖަވާބުދީފައި ނުވާ ކަމަށެވެ. މިދިޔަ އޮގަސްޓް މަހު ހާދީ ވަނީ ޔަމަނުގެ ދެކުނުގައި އޭނާ އަށް ވަފާތެރި ސިފައިންގެ ބާރު އޮންނަ އަދަނަށް ވަޑައިގަތުމަށް ޓަކައި ރިޔާޒުގެ އެއާޕޯޓަށް ވެސް ވަޑައިގެންފަ އެވެ. ނަމަވެސް އޭނާ ފުރުމުގެ ހުއްދަ ސައުދީ އޮފިޝަލުން ދީފައެއް ނުވެ އެވެ.

"ސައުދީން ވަނީ ފާޑަކަށް ހާދީ ގޭ ބަންދުކޮށްފައި،" ކޮމާންޑަރު ވިދާޅުވި އެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ވަނީ 10،000 އަށް ވުރެ ގިނަ މީހުން މަރުވެ ތިން މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ.