07 ނޮވެމްބަރ 2017 - 15:53

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިންތިހާ ދަރަޖަ އަށް މަލާމާތާއި ފުރައްސާރަކޮށް ޗެނަލް 13 އިން ލަވައެއް ދެއްކުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައަކަށް ނުވި އެވެ.

ސޯޝަލް މީޑިއާގައި ކުރިން ޕްރޮމޯޓްކޮށް "ނަނާ ހުވަފެން"ގެ ނަމުގައި ޗެނަލް 13 އިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ގެނެސްދިން ޕްރޮގްރާމްގައި ވަނީ، މައުމޫނު، ބުދު ދީނުގެ ކަލާނގެއަކާ އެއްވަރުކޮށްފަ އެވެ. އަދި އެ މަނިކުފާނުގެ ފޮޓޯތަކެއް ހަޑިހުތުރު ގޮތްގޮތަށް އެޑިޓްކޮށް، ހަޖޫ ޖަހައި ލިއުންތައް ލިއެފައި ވެސް ވެ އެވެ.
މި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އަމިއްލަ އިސް ނެގުމަށް ބެލުމަށް ފަހު މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ، އެއީ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފު ކޮންޓެންޓެއް ނޫން ކަމަށެވެ. މި ގޮތަށް ކަނޑައެޅުމާއެކު ޗެނަލް 13 މިވަނީ ބޮޑު ޖޫރިމަނާއަކުން ސަލާމަތްވެފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ނަނާ ހުވަފެން ޕްރޮގްރާމްގައި ދެއްކި ކޮންޓެންޓުގައި، އެއީ ސީދާ މައުމޫން ކަމަށް ބުނެފައި ނުވާނެ ކަމަށް މައްސަލައިގެ ތަހުގީގަށް ޗެނަލް 13 ގެ ސީއީއޯ ހަސަން ޣައްސާން ބަޔާން ދެއްވާފައިވާ ކަމަށެވެ. މުޅި ކޮންޓެންޓަށް ބަލާއިރު، އޭގައި ވަނީ ބަޔަކު ކުރި ކަމެއްގެ މައްޗަށް ފާހަގަކޮށްފައި ހުރި ކަންތައްތަކެއް ކަމަށާއި އޭގައި ހިމަނާފައިވާ ފޮޓޯތައް ހުރި ވެބްސައިޓަށް މިއަދު ވެސް އެކްސެސްވެވޭ ކަމަށް ޗެނަލް 13 އިން ފާހަގަކޮށްފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ޗެނަލް 13 އިން އެ ރޭ ދެއްކި ފޮޓޯތަކަކީ، ކުރިން މައުމޫންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ކުރަހާފައިވާ އެއްޗިއްސެވެ.
އެ ކޮންޓެންޓް ދައްކާފައި ވަނީ، ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ގޮތުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ތެދު ބަޔާންކުރުމުގެ ގޮތުން ކަމަށާއި އެ ކޮންޓެންޓަކީ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ އެއްގޮތްވާ ގޮތުގެ މަތިން ދެއްކި ތެދު ހަގީގަތެއް ކަން ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަންގެ ތަހުގީގަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިގޮތަށް ނިންމި ނަމަވެސް ޗެނަލް 13 އިން މައުމޫނާ ދެކޮޅަށް ގެނެސްދިން ޕްރޮގްރާމް، ސަރުކާރުން ފާސް ކުރި ޚިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ގާނޫނާ ސީދާ ކަނޑައެޅިގެން ޚިލާފު ކަމަށް މީޑިއާގެ ގިނަ ބަޔަކު ދެކެ އެވެ. އެ ގާނޫނަކީ މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވުމަށް ފާސްކުރި ގާނޫނެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ސަރުކާރާ ދެކޮޅު ކޮންޓެންޓް ނުވަތަ އަބުރުގެ ގާނޫނާ ޚިލާފު ކަމަށް ބުނެ، ރާއްޖެ ޓީވީ އާއި މީޑިއާ ނެޓު ވެސް މީގެ ކުރިން ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފަ އެވެ. އަދި ބައެއް ނޫސްވެރިންގެ މައްސަލަ އާއި ބައެއް ޓީވީތަކުން ބްރޯޑްކާސްޓުކޮށްފައިވާ ކޮންޓެންޓްތަކުގެ މައްސަލަ ވެސް ކޮމިޝަނުން ބަލައި ޖޫރިމަނާކޮށްފައިވެ އެވެ.
މި މައްސަލަ ކޮމިޝަނުން ބަލަން ފެށުމުގެ ކުރިން ވެސް، އިންސާފުވެރިކަމާ އެކު ނުނިންމާނެ ކަމަށް ބުނެ ބްރޯޑްކޮމް އަށް ފާޑުކިއުން އަމާޒުކުރި އެވެ.