07 ނޮވެމްބަރ 2017 - 14:26

ޓެކްސަސް (ނޮވެމްބަރު 7) - އެމެރިކާގެ ޓެކްސަސްގެ ފައްޅިއެއްގައި އާދިއްތަ ދުވަހު ދިން ބަޑީގެ ހަމަލާގައި އެއް އާއިލާއަކުން އަށް މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޓެކްސަސްގެ ސަދަލޭންޑް ސްޕްރިންސްގައި ދިން ހަމަލާގައި 26 މީހުން މަރުވި އެވެ. އޭގެ ތެރޭގައި 18 މަހުން ފެށިގެން 77 އަހަރާ ދެމެދުގެ މީހުން ހިމެނެ އެވެ. އޭބީސީ ނިއުސް އިން ބުނި ގޮތުގައި މަރުވި އަށް މީހުން ނިސްބަތް ވަނީ ފައްޅީގެ އިންޗާޖް ބްރިއަން ހޮލްކޯމްބެގެ އާއިލާއަށެވެ. ބަޑީގެ ހަމަލާގައި ވަނީ ބްރިއަން 40 އަހަރު ދުވަހު އިނދގެން އުޅުނު ކަރްލާ ހޮލްކޯމްބެ މަރުވެފަ އެވެ. ބްރިއަން އާއި ކަރްލާގެ 36 އަހަރުގެ ފިރިހެން ދަރިފުޅު މާކް ޑެނިއަލް އާއި އޭނާގެ އެއް އަހަރުވީ ދަރިފުޅު ނޮއާހު ވެސް ވަނީ މަރުވެފަ އެވެ.
ބްރިއަން އާއި ކަރްނާގެ އެހެން ދަރިއެއް ކަމަށްވާ ޖޯން ހޮލްކޯމްބެގެ އަންހެނުން ކްރިސްޓަލް ހޮލްކޯމްބެ މަރުވި އިރު އޭނާ އިނީ ބަލި އެވެ. އޭނާގެ ފަސް ކުދިންގެ ތެރޭން ތިން ކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ. ކްރިސްޓަލްގެ ފިރިމީހާ ޖޯން އާއި އެ މީހުންގެ ދެ ދަރިން ވަނީ ސަލާމަތްވެފަ އެވެ.
ހަމަލާދީފައި ވަނީ ދޮން ނަސްލުގެ 26 އަހަރުގެ މީހެއް ކަމަށްވާ ޑެވިން ޕެޓްރިކް ކެލީ އެވެ. އޭނާ ކުރިން ވަނީ އެމެރިކާގެ އެއާ ފޯސްގައި މަސައްކަތް ކޮށްފަ އެވެ. ފައްޅީގައި އޭނާ ހަމަލާ ދިން ބަޑި ގަނެފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ޓެކްސަސްގެ ފިހާރައަކުންނެވެ.
ބަޑިޖެހި މީހާ ވަނީ ވެހިކަލްތެރޭގައި މަރުވެފައި އޮއްވާ ފެނިފަ އެވެ. އޭނާ މަރާލީ ކަމެއް ނުވަތަ އަމިއްލަ އަށް މަރުވީ ކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެ އެވެ.