07 ނޮވެމްބަރ 2017 - 12:00

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާގެ މިއަދުގެ އަޑުއެހުން އޭނާގެ އެދިވަޑައިގަތުމަކަށް ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސް އަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ފެށުމަށް ފަހު، ކުރިއަށް ނުގެންގޮސް ހުއްޓާލީ ކުރިން ލިބިފައި ނުވާ ލިޔުމެއް އޭނާގެ ވަކީލުންނަށް ލިބިފައިވާތީ އެ ލިޔުމާ ބެހޭގޮތުން ވަކީލުންނާ މަޝްވަރާކޮށް، އެ އަޑުއެހުން ކުރިއަށް ގެންދަން ފާރިސް އެދިވަޑައިގަތުމުންނެވެ.
އާ ލިޔުމެއްގެ ގޮތުގައި ފާރިސްގެ ވަކީލުންނަށް ލިބުނީ އޭނާ ދިރިއުޅުއްވި ގެ ފުލުހުން ފާސްކުރި ގޮތުގެ ޓައިމްލައިން އެވެ.
ފާރިސް ވިދާޅުވީ އެ ލިޔުން ވަކީލުންނަށް ލިބުނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އޭގެ ފަހުން ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަކީލުންނާ ބައްދަލު ނުކުރެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށާއި އެކަމަކު އަންނަ ބުރާސްފަތި ދުވަހު ވަކީލުންނާ ބައްދަލު ކުރެވޭނެ ކަން ކަރެކްޝަންސް އިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާރިސްގެ ފަރާތުން އެދުނީ ބުރާސްފަތި ދުވަހުގެ ފަހުގެ ތާރީޚެއްގައި އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ އެ ފުރުސަތު ދެއްވުމަށް ފަހު އަންނަ ހަފުތާގައި އަޑުއެހުން ބޭއްވުމަށެވެ.
އެ ލިޔުން ކުރިން ދީފައި ނުވަނީ އެއީ ތަހުގީގު ބޭނުމަށް އޮންނަ ލިޔުމެއް ކަމަށް ވެފައި އަދި އެއީ ފާރިސްއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރާ ލިޔުމެއް ކަމަށް ނުވާތީ ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވި އެވެ. އެކަމަކު އެ ލިޔުމާ ގުޅޭ ހުށަހެޅުމެއް ފާރިސްގެ ވަކީލުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފާހަގަ ކުރުމުން އެ ލިޔުން ފޯރުކޮށް ދިނީ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އެ މައްސަލާގައި މިހާރު ކުރިއަށް ގެންދަނީ ފާރިސްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާއި އެ ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމެވެ. ފާރިސްގެ ފަރާތުން 23 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު ފާއިތުވި ތިން އަޑުއެހުމުގައި ވެސް ކުރިއަށް ގެންދިޔައީ އެ ހުށަހެޅުންތައް ހުށަހެޅުމެވެ.
އެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.