05 ޖުލައި 2016 - 00:01

ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ 11 ޕޮއިންޓާ އެކު ކްލަބް ވެލެންސިއާ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.
ވެލެންސިއާ 11 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އެރި ނަމަވެސް ފަސް ވަނައިގައި 10 ޕޮޮއިންޓާ އެކު އޮތް ޓީސީ މި ހަފުތާގައި ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ފުރަތަމަ ބުރު އެ ޓީމު ނިންމާލާނީ ވެލެންސިއާ އަށް ވުރެ ކުރީގައި އޮވެގެންނެވެ.
އެއް ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ދެ ވަނައިގައި 12 ޕޮއިންޓާ އެކު ކްލަބް އީގަލްސް އޮތްއިރު މާދަމާރޭ އީގަލްސް އާއި މާޒިޔާ ކުޅޭ މެޗުގެ ނަތީޖާ އިން އެއް ވަނަ އަށް ބަދަލު އައިސްދާނެ އެވެ. ބާރަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. ވިކްޓަރީ އޮތީ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ވެލެންސިއާ އިން މޮޅަށް ކުޅެ ގޯލް ޖަހާނެ ގިނަ ފުރުސަތު މިރޭގެ މެޗުގައި ހޯދިއިރު އެ ޓީމަށް ލަނޑު ޖަހައިދިނީ ހަންސީ އަވީލޯ އަދި ހަސަން އަދުހަމް (ސަޑޭ) އެވެ.
ވެލެންސިއާ އަށް 10 ވަނަ މިނެޓުގައި އަވީލޯ ލީޑު ނަގައިދިނީ އަދުހަމް ނަގައިދިން ހުރަހަކުންނެވެ. އޭގެ ފަހުން ވެސް އަދުހަމް ރަނގަޅު ދެ ބޯޅަ އަވީލޯ އަށް ދިން އިރު އޭނާ އަތުން އެ ބޯޅަތައް ވަނީ ބޭކާރުވެފަ އެވެ. އެގޮތުން 21 ވަނަ މިނެޓުގައި އަދުހަމް ދިން ބޯޅަ އަށް އަރައި އަވީލޯ ވިކްޓަރީގެ ގޯލްކީޕަރު ހަސަން ތޮލާލް ކައިރިން ނައްޓާލަން އުޅުމުގެ ތެރޭ ތޮލާލް ވަނީ އެ ބޯޅަ އަތުލައިފަ އެވެ. އަދި ފުރަތަމަ ހާފުގެ ފަހުކޮޅު އަދުހަމް ނަގައިދިން ހުރަހެއް އަވީލޯ ހުހަށް ހުރެ ބޮލުން ޖެހުމުން ގޯލާ ސީދަލެއް ނުވި އެވެ.
މެޗުގައި ވިކްޓަރީން ގޯލް ޖެހުމާ އެންމެ ގާތަށް ދިޔައީ ޒުވާން ކުޅުންތެރިޔާ އަލީ ހަމްދާނެވެ. ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާއެއް ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރިއިރު ދެ ވަނަ ހާފުގެ ކުރީކޮޅު އޭނާ ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލް ދަނޑިއަށެވެ.
ވެލެންސިއާގެ ދެ ވަނަ ލަނޑު 71 ވަނަ މިނެޓުގައި އަދުހަމް ޖެހީ އަވީލޯ ނަގައިދިން ހުރަހަކުންނެވެ. އޭގެ ދެ މިނެޓު ފަހުން އަވީލޯ އަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އަކްރަމް އަބްދުލްގަނީ މެދުތެރެއިން ވައްޓާލި ބޯޅައަށް އަރައި އަވީލޯ ވިކްޓަރީ ކީޕަރު ކައިރިން ނައްޓާލާފައި ޖެހުމުން އަމާޒުވީ ގޯލް ދަނޑިއަށެވެ.
ލީގުގައި މާދަމާރޭ ކުޅޭނީ އީގަލްސް އާއި މާޒިޔާ އެވެ.