ސައުދީގައި މީހުން ހައްޔަރުކުރުން: ކޮރަޕްޝަނާ ދެކޮޅު ފެށުމެއް
ސައުދީގައި މީހުން ހައްޔަރުކުރުން: ކޮރަޕްޝަނާ ދެކޮޅު ފެށުމެއް

ރިޔާޒް (ނޮވެމްބަރު 7) - ސައުދީ އަރަބިއާގެ ޕްރިންސުންނާއި އެހާރާއި މިހާރުގެ ވަޒީރުން ހައްޔަރު ކުރަން ފެށުމަކީ ކޮރަޕްޝަނާ ދެކޮޅު ހަނގުރާމައިގެ ފެށުމެއް ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ޝެއިޚް ސައުދު އަލް މުޖީބު ވިދާޅުވީ މީހުން ހައްޔަރު ކުރުމަކީ ކޮންމެ ދިމާލަކުން ވިޔަސް ކޮރަޕްޝަނުގެ މޫ ފޮހެލުމަށް މުހިންމު ފެށުމެއް ކަމަށެވެ. ސައުދީގައި ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އާދިއްތަ ދުވަހު އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ވަލީ އަހުދު މުހައްމަދުގެ ބާރު އިތުރަށް ގަދަކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

ޝެއިޚް މުޖީބު ވިދާޅުވީ ހައްޔަރު ކުރި މީހުންނާ ދެކޮޅަށް ހެކި ހޯދާފައިވާ ކަމަށާއި އެ މީހުންނަށް މިހާރު ސުވާލު ކުރަން ފަށާފައިވާ ކަމަށެވެ.

"ކޮރަޕްޝަނުގެ ތުހުމަތު ކުރި އެންމެންނަށް ގާނޫނީ ހުރިހާ ކަމެއް ފަހިކޮށްދެވޭނެ. އަދި ޝަރީއަތްތައް ކުރިއަށް ދާނީ ވީހާވެސް ބޮޑަށް ހުޅުވާލައިގެން،" ޝެއިޚް މުޖީބު ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ރަސްގެފާން ސަލްމާން އުފެއްދެވި ކޮމިޝަނުގެ ވެރިއަކީ މުހައްމަދެވެ. ފުރަތަމަ ދުވަހު ވެސް ވަނީ 11 ޕްރިންސުންނާއި ހަތަރު ވަޒީރަކާއި ކުރީގެ އެތައް ވަޒީރުންނެއް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު އަލް ވަލީދު ބިން ތަލާލް ހިމެނެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސައުދީގައި މީހުން ހައްޔަރު ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތާއީދު ކުރައްވައިފަ އެވެ.

"ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދަށް ވަރަށް ބޮޑަށް އިތުބާރު އެބައޮތް. އެ ކުރައްވާ ކަންތައް އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ޓްރަމްޕް ޓްވީޓް ކުރެއްވި އެވެ.