ކާޖޮލްއާ އެކު މަސައްކަތްކުރަން އަޖޭ ބޭނުމެއް ނޫން
ކާޖޮލްއާ އެކު މަސައްކަތްކުރަން އަޖޭ ބޭނުމެއް ނޫން

އަޖޭ ދޭވްގަން މިހާރު ހުރީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ދެ މީހަކާ ގުޅިގެން އެއްވެސް ކަމެއް ކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އެތަނުން އެކަކީ ފިލްމު ޑައިރެކްޓަރެކެވެ. ދެ ވަނަ މީހަކީ އޭނާގެ އަންހެނުން އަދި މަޝްހޫރު ފިލްމީ ބަތަލާ ކާޖޮލް އެވެ.

ކާޖޮލް އަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ނަމަވެސް އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ކާޖޮލްއާ އެކު މަސައްކަތް ކުރާކަށް ބޭނުމެއް ނޫނެވެ. އެހެންވެ ދާދިފަހުން ކާޖޮލްއާ އެކު ކުޅެން ލިބުނު ފިލްމެއް ވެސް އަޖޭ ވަނީ ދޫކޮށްލައިފަ އެވެ.

އަޖޭ އެންމެ ފަހުން ކާޖޮލްއާ އެކު ކުޅުނު ފިލްމަކީ 2008 ގައި އޭނާ އަމިއްލައަށް ޑައިރެކްޓް ވެސް ކުރި "ޔޫ މީ އައުރު ހަމް" އެވެ. އޭގެ ފަހުން "ޓޫންޕޫރް ކާ ސުޕަހީރޯ" ކިޔާ ފިލްމެއް ވެސް ދެ މީހުން ކުޅުނެވެ. ނަސީބު ދިމާކުރި ގޮތުން ދެ ފިލްމު ވެސް ވީ ނާކާމިޔާބެވެ. އެހެންވެ ކާޖޮލްއާ އެކު އޭނާގެ ޖޯޑަކީ ފިލްމީ ރޮނގުން ކާމިޔާބު ޖޯޑެއް ކަމަކަށް އަޖޭ ގަބޫލެއް ނުކުރެ އެވެ.

ދާދިފަހުން ރިލީޒްކުރި އަޖޭގެ "ގޯލްމާލް އެގެއިން" އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. "ބަހޫބަލީ 2" ފިޔަވައި މިއަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމަކަށް މި ފިލްމު ވަނީ ވެފަ އެވެ. މިހާރު ލަފާކުރެވޭ ގޮތުން މި ހަފުތާ ނިމޭއިރު ފިލްމަށް 200 ކްރޯޑު (20 ބިލިއަން) ރުޕިސް އަށް ވުރެ ގިނައިން ލިބޭނެ އެވެ.

އެހެންވެ މިހާރު އަޖޭ ބޭނުންވަނީ "ގޯލްމާލް އެގެއިން" ކަހަލަ މަޖާ ފިލްމުތަކެއް މިދުވަސްކޮޅު އަދި ކުޅޭށެވެ. ކާޖޮލްއާ އެކު ކުޅެން އުޅުނު ފަދަ ސީރިއަސް ފިލްމުތައް ކުޅުން އަދި ފަހަތަށް ޖައްސާލަން އަޖޭ މިހާރު ވަނީ ގަސްތުކޮށްފަ އެވެ.

އަޖޭ ނޫނެކޭ ބުނި ޑައިރެކްޓަރަކީ "ގަންގާޖަލް"އިން އަޖޭ އަށް ނެޝަނަލް އެވޯޑު ހޯދައިދިން ޕްރަކާޝް ޖާ އެވެ. ޕްރަކާޝް އަކީ އަޖޭގެ ވަރަށް ގާތް އެކުވެރިއެއް ވެސް މެ އެވެ. ޕްރަކާޝްއާ އެކު ފިލްމު ކުޅުމާ ވެސް އަޖޭ ދެކޮޅު ހެދީ އޭނާ ކުޅޭ ކަހަލަ ސީރިއަސް ފިލްމުތައް މިދުވަސްކޮޅު ކުޅެން ބޭނުން ނުވާތީ އެވެ.

އަޖޭ މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކުރާ "ރެއިޑް" ގަ އެވެ.