މުގާބޭގެ "ބޭވަފާތެރި" ނައިބް ރައީސް ވަކިކޮށްފި
މުގާބޭގެ "ބޭވަފާތެރި" ނައިބް ރައީސް ވަކިކޮށްފި

ހަރާރޭ (ނޮވެމްބަރު 7) - ޒިމްބާބުވޭގެ ނައިބް ރައީސް އެމާސަން މަންގަގްވާ މަގާމުން ދުރުކޮށްފި އެވެ.

އިންފޮމޭޝަން މިނިސްޓަރު ސިމޮން ކާޔާ މޯޔޯ ވިދާޅުވީ މަންގަގްވާ، 75، މަގާމުން ދުރުކުރީ ސަރުކާރަށް ބޭވަފާތެރިވުމުން ކަމަށެވެ. މަންގަގްވާ މަގާމުން ދުރުކުރުމުގެ ފަހަތުގައި ވަނީ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މަންގަގްވާ އާއި ގްރޭސްއާ ދެމެދު މައްސަލަ އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މަންގަގްވާ އަކީ ސަރުކާރުގައި ބަހައްޓަން ޖެހޭވަރުގެ މީހެއް ނޫން ކަމަށާއި އޭނާ އުޅުއްވަނީ ބަޣާވާތެއް ކުރަން ކަމަށް ވެސް ގްރޭސް މިދިޔަ މަހު ވިދާޅުވި އެވެ.

ޒިމްބާބުވޭގެ ކުރީގެ ޖާސޫސީ ވެރިޔާ މަންގަގްވާ އަކީ މުގާބޭ، 93، އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ބޭފުޅާ އެވެ. މަންގަގްވާ ވަނީ މުގާބޭއާ އެކު 40 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ 1977 ވަނަ އަހަރު މަސައްކަތް ކުރެއްވީ މުގާބޭގެ ސްޕެޝަލް އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އެކަމަކު މަންގަގްވާ ސަރުކާރުން ވަކިކުރުމުން އަންނަ މަހު ބާއްވާ ޕާޓީގެ ކޮންގްރެސްގައި ނައިބް ރައީސް ކަމަށް ގެންނާނީ ގްރޭސް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މަންގަގްވާ މަގާމުން ދުރުކުރުމުގެ ކުރިން އޭނާ އިއްޔެ ވަނީ ރައީސް މުގާބޭއާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް މުގާބޭ ގެންދަވަނީ 1980 ވަނަ އަހަރުން ފެށިގެން ޒިމްބާބުވޭގައި ވެރިކަން ކުރައްވަމުންނެވެ. އަންނަ އަހަރު އޮންނަ އިންތިޚާބުގައި ވެސް މުގާބޭ ވާދަކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.