ފިލްމް ކުޅޭ ވަރަށް ވުރެ މިހާރު އުމުރުން ދުވަސްވެއްޖެ: ޖޯޖް ކްލޫނީ
ފިލްމް ކުޅޭ ވަރަށް ވުރެ މިހާރު އުމުރުން ދުވަސްވެއްޖެ: ޖޯޖް ކްލޫނީ

ވަރަށް ދުވަސް ވަންދެން ފިލްމް ކުޅެ، އެކްޓަރެއްގެ ގޮތުން ހިތްހަމަޖެހޭ ކަހަލަ މަސައްކަތްތަކެއް ކުރެވިފައިވާތީ، ފިލްމް ކުޅުމުގެ ޝައުގުވެރިކަން އެހާ ބޮޑަށް ނެތް ކަމަށާއި ބޭނުން ވަނީ މިހާރު ފިލްމް އުފެއްދުމުގެ މަސައްކަތް ކުރަން ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ބުނެފި އެވެ.

މި ފަހުން އޭނާ ސްކްރީނުން ފެނުން ވަރަށް ބޮޑަށް މަދުވެފައި ވިޔަސް އޭނާ އަންނަނީ ފިލްމްތައް ޑައިިރެކްޓް ކުރަމުންނެވެ. އޭނާގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ މިދިޔަ މަހު ރިލީޒް ކުރި "ސަބާބިންކޮން" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕެރަމައުންޓްގެ އެ ފިލްމް ކްލޫނީ ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށްފައި ވަނީ 50،000 ޑޮލަރުގެ އާމްދަނީއަކަށެވެ.

ކްލޫނީ ބުނީ ފިލްމް ކުޅުނު މައިގަނޑު އެއް ބޭނުމަކީ ފައިސާ ހޯދުން ކަމަށް ވިޔަސް، ފިލްމް ކުޅެގެން މިހާރު ފައިސާ ހޯދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެކަމަކު ހޮލީވުޑްގެ އެންމެ ފިރިހެންވަންތަ ބަތަލުންގެ ތެރޭގައި ހިމެނޭ އެކްޓަރު ފިލްމް ކުޅުން ހުއްޓާލަން ނިންމި ކަމެއް ނުބުނެ އެވެ.

"އަހަންނަށް މިހާރު ފައިސާއެއް މުހިއްމެއް ނޫން. އަހަރެންގެ އަތުގައި ފައިސާ އެބަހުރި. އެހެންވީމާ އެކަމާ ފިކުރު ކުރާކަށް ނުޖެހޭ،" ދާދި ދަހުން އެއްމާނޑު ދެ ކުދިން ވެސް ލިބުނު، 56 ގެ އަހަރުގެ އެކްޓަރު ބުންޏެވެ. "އަހަރެން ހަދަން ބޭނުން ފިލްމެއް ނަމަ، ހެދުމުގެ ގާބިލްކަން މިހާރު އެބަހުރި. އެހެންވެ އެކްޓިން އަށް ވުރެ ބޮޑަށް މިހާރު ބޭނުން ވަނީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރަން."

ކްލޫނީ ބުނި ގޮތުގައި ފިލްމް ކުޅޭ ވަރަށް ވުރެ އޭނާގެ އުމުރުން މިހާރު މާ ދުވަސްވެއްޖެ އެވެ. އެހެންވެ އުމުރުން ޒުވާން ބަތަލާއިންނާ އެކު ފިލްމް ކުޅުމުގެ މާނައެއް މިހާރަކު ނެތް ކަމަށް ބުންޏެވެ.

ދެ ފަހަރެއްގެ މަތިން އޮސްކާ ވެސް ހޯދާފައިވާ ހުނަރުވެރި އެކްޓަރު ބުނީ ފިލްމީ ކެރިއަރަށް ބަލާ އިރު، އޭނާ ނުކުޅުނު ނަމަ، ބެލުންތެރިންނާ ހަމައަށް ނައުން އެކަށީގެންވާ ފިލްމްތަކެއް ވެސް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ގުޑް ނައިޓް އެންޑް ގުޑްލަކް (2005)، މައިކަލް ކްލޭޓަން (2007) އަދި އަޕް އިން ދަ އެއާ (2009) ހިމެނެ އެވެ.

މެޓް ޑޭމަން އާއި ޖޫލިއަން މޯ މުހިއްމު ރޯލްތައް ކުޅުނު "ސަބާބިކޮން" އަކީ ކްލޫނީގެ ހަ ވަނަ ޑައިރެކްޝަނެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ މިދިޔަ އަހަރު ރިލީޒް ކުރި "މަނީ މޮންސްޓާ" އިންނެވެ.