10 ނޮވެމްބަރ 2017 - 07:51

މީގެ ތިން އަހަރު ކުރިން ކިޑްނީއަށް ކެންސަރު ޖެހި ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ކަލްޕަނާ ލަޖްމީ އަށް ބޮލީވުޑްގެ ތަރިން އެހީވަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.
ގިނަ ދުވަސް ތަކަކު ބަލިވެ އުޅެން ޖެހުމުގެ ސަބަބުން ކަލްޕަނާގެ މާލީ ހާލަތު ވަނީ ވަރަށް ދަށްވެފަ އެވެ.
ކަލްޕަނާ ބުނެފައިވާ ގޮތުގައި އޭނާގެ ބައްޔަށް ބޭސް ކުރުމުގައި އާމިރު ޚާން، ސަލްމާން ޚާން، އާލިއާ ބަޓް، ކަރަން ޖޯހަރް، ރޯހިތު ޝެޓީ، ސޯނީ ރާޒްދާން އަދި ނީނާ ގުޕްތާގެ އިތުރުން އެހެން ބައެއް ތަރިން ވެސް އަންނަނީ އެހީވަމުންނެވެ.
އޭނާ ބުނި ގޮތުގައި މުޅި އުމުރަށް ވެސް އޭނާއަށް ޑައިލެސިސް ހަދަން ޖެހެ އެވެ. އެހެންވެ އަތްމަތި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ބުންޏެވެ.
ކަލްޕަނާ އަށް މަޝްހޫރުކަން ލިބުނީ 1993 ގައި ޑައިރެކްޓްކުރި "ރުޑާލީ" އިންނެވެ. މި ފިލްމުގައި ޑިމްޕަލް ކަޕާޑިއާ އަދާކޮށްފައިވާ ރޯލަށް ނެޝަނަލް އެވޯޑް ލިބުނެވެ.
ކަލްޕަނާގެ ހުރިހާ ފިލްމެއްގައި ވެސް ފެންނަނީ އަންހެނުންނަށް ދިމާވާ ބޮޑެތި މައްސަލަ ތަކެވެ. "ރުޑާލީ"ގެ ފަހުން 1996 ގައި "ދަރްމިޔާން"، އަދި "ދަމަން" ފަދަ ފިލްމުތައް ކަލްޕަނާ ވަނީ ޑައިރެކްޓްކޮށްފަ އެވެ. އޭނާ އެންމެ ފަހުން އުފެއްދީ 2006 ގައި ނުކުތް "ޗިންގާރީ" އެވެ. ސުޝްމިތާ ސެން ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމަށް ބޮކްސް އޮފީހުގައި ފުދޭ ވަރެއްގެ ކާމިޔާބެއް ހޯދުނެވެ.