ސަލާހު ގެނައީ ބޮޑު ލިސްޓެއް ފުރާނާލައިގެން: ކްލޮޕް
ސަލާހު ގެނައީ ބޮޑު ލިސްޓެއް ފުރާނާލައިގެން: ކްލޮޕް

ލިވަޕޫލް (ނޮވެމްބަރު 7) - މި ފަހަރުގެ ޓްރާންސްފާފައި މިިސްރުގެ ވިންގް މުހައްމަދު ސަލާހު ގެނައީ ޓްރާންސްފާ މާކެޓަށް ލިވަޕޫލުން ބޮޑު ލިސްްޓެއް ހަދާފައި އޮއްވައި ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން އުމުރުން 25 އަހަރުގެ ސަލާހު ގަތީ ރޯމާ އަށް 35 މިލިއަން ޕައުންޑް ދައްކައިފަ އެވެ. ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 17 މެޗުން 12 ލަނޑު ޖަހައިފަ އެވެ. ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ސަލާހުއާ މެދު ކުރިން ވެސް ޔަގީންކަން އޮތް ކަމަށެވެ.

"ސަލާހު ގަތްއިރު އޮތް ޓްރާންސްފާގެ ބޮޑު ލިސްޓެއް. އޭގެ ތެރޭގައި 20 ފޯވާޑުން ވެސް ތިބި. އެކަމަކު އަހަރެމެންނަށް ޔަގީންކަން އެންމެ ބޮޑަށް އޮތީ ސަލާހާ މެދު. އަހަރެމެންގެ ސްކައުޓުން މައިކަލް އެޑްވާޑްސް، ޑޭވް ފެލޯސް، ބެރީ ހަންޓާ ވެސް އަހަރެން ގާތުގައި ބުނި ލިވަޕޫލަށް އެންމެ ބޭނުމީ ސަލާހު ކަމަށް،" ކްލޮޕް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނު ސަލާހަށް ވުރެ ގިނަ ލަނޑު ޖަހާފައިވަނީ ޓޮޓެންހަމްގެ ހެރީ ކޭން އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ އެވެ. ކްލޮޕް ބުނީ މި ދެ ކުޅުންތެރިންނަށް ވުރެ މި ވަގުތު ސަލާހުގެ ގޯލުގެ އަދަދު މަދުވި ނަމަވެސް އޭނާ އަށް އަދި ފުރުސަތު އެބައޮތް ކަމަށެވެ.

"އަހަރެން ހިއެއް ނުކުރަން 17 މެޗުން ސަލާހު 12 ގޯލު ޖަހާނެ ކަމަށް. އަހަރެންގެ އުއްމީދަކީ މިއީ ނިމުމެއް ނޫނޭ. ވަރަށް ރަނގަޅުވާނެ ކަމެއް ކަންނޭނގެ އެއީ ސީޒަން ނިމުމުން ސަލާހުގެ ޖުމްލަ އަދަދު ބަލާލުމަކީ،" ކްލޮޕް ބުންޏެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު ލީގުތަކުގެ ކުޅުން ވަނީ ގައުމީ ޓީމުތަކުގެ މެޗުތަކަށް މެދުކަނޑާލައިފަ އެވެ. އަދި ކުރިއަށް އޮތް މަހުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ގިނަ މެޗުތަކެއް ހުރުމުން ކްލޮޕް ވަނީ ލިވަޕޫލް ކުޅުންތެރިންނަށް އަންނަ ހުކުރު ދުވަހާ ހަމައަށް ޗުއްޓީ ދީފަ އެވެ.

ވޯލްޑް ކަޕުން މިސްރަށް ޖާގަ ލިބިފައިވާއިރު މި ފަހަރު ގާނާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ސަލާހު ވަނީ ބާކީ ކޮށްފަ އެވެ. މިސްރުގެ ކޯޗު ހެކްޓަ ކޫޕަ ބުނީ ސަލާހު ބާކީ ކުރީ އޭނާ އެދިގެން ކަމަށެވެ.