ޕެރަޑައިސް ޕޭޕާސް: ޓްރަމްޕުގެ ވަޒީރު ވިދާޅުވަނީ ވަގު ވިޔަފާރި ނުކުރައްވާ ކަމަށް
ޕެރަޑައިސް ޕޭޕާސް: ޓްރަމްޕުގެ ވަޒީރު ވިދާޅުވަނީ ވަގު ވިޔަފާރި ނުކުރައްވާ ކަމަށް

ވޮޝިންޓަން (ނޮވެމްބަރު 6) - އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ ކުންފުންޏަކާ އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިލްބާ ރޮސް ވިޔަފާރީގެ ގުޅުން އޮންނަ ކަމަށް ޕެރަޑައިސް ޕޭޕާސް އިން ލީކުކޮށްލި ނަމަވެސް އޭގައި ގޯހެއް ނެތް ކަމަށް ރޮސް ވިދާޅުވެއްޖެ އެވެ.

ލީކުކޮށްލާފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ރޮސް ވަނީ ސެނެޓަރުންނަށް އޮޅުވާލައްވައިފަ އެވެ. ޕެރަޑައިސް ޕޭޕާސްގައި ބުނެފައިވާ ގޮތުގައި ކްރެމްލިންއާ ގުޅުން އޮންނަ ކުންފުންޏެއްގެ ހިއްސާދާރުންނާ އެކު ރޮސް ވިޔަފާރި ކުރައްވަ އެވެ. އެކަމަކު ބީބީސީ އަށް ރޮސް ވިދާޅުވީ އޭނާއާ ވިޔަފާރީގެ ގުޅުން އޮންނަ ރަޝިޔާގެ ސިބުރް ކުންފުންޏާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އެހެންވެ އެ ކުންފުންޏާ އެކު ވިޔަފާރި ކުރުމުގައި ގޯހެއް ނެތް ވިދާޅުވި އެވެ.

ވިޔަފާރިއާ ބެހޭ އެތައް މައުލޫމާތެއް ހިމެނޭ ޑޮކިއުމެންޓްތައް ޕެރަޑައިސް ޕޭޕާސް އިން ލީކުކޮށްލި އިރު ދުނިޔޭގެ ވަރަށް ގިނަ މުއްސަނދިންނާ ބެހޭ މައުލޫމާތު އޭގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ރާނީ ގައުމުން ބޭރުގައި ކުރައްވާފައިވާ އިންވެސްޓްތަކުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.

ޕެރަޑައިސް ޕޭޕާސް އިން ބުނެފައި ވަނީ ޝިޕިން ކުންފުންޏެއް ކަމަށްވާ ނެވިގޭޓާ ހޯލްޑިންސްގައި ރޮސްގެ ހިއްސާ އޮންނަ ކަމަށެވެ. ނެވިގޭޓާ ކުންފުނިން ދަނީ ރަޝިޔާގެ ސިބޫރް ކުންފުންޏަށް ތެލާއި ގޭސް ސަޕްލައި ކޮށްދެމުންނެވެ. ސިބޫރުގެ އެންމެ ބޮޑު ދެ ހިއްސާދާރުންނާ ދެކޮޅަށް އެމެރިކާ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ސިބޫރުގެ އަނެއް ހިއްސާދާރަކީ ރައީސް ލަޑިމިއާ ޕުޓިންގެ ދަނބިދަރިކަލެކެވެ.

ޕެރަޑައިސް ޕޭޕާސްގައިވާ މައުލޫމާތު ރޮސް ދޮގު ކުރައްވައިފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ނޭވިގޭޓާ އިން ސިބޫރް ކުންފުންޏާ ވިޔަފާރި ކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ނޫން ކަމަށެވެ. އެ މައުލޫމާތު އެމެރިކާގެ ކަމާބެހޭ އޮފީސްތަކަށް ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

ރޮސް އާއި ރައީސް ޑޮނަލްޑް ޓްރަމްޕަކީ ގާތް ދެ ރަހުމަތްތެރިންނެވެ.

ޕެރަޑައިސް ޕޭޕާސް އިން 13.4 މިލިއަން ޑޮކިއުމެންޓް ލީކުކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ޕެނަމާ ޕޭޕާސް އިން ސިޔާސީ މީހުން ގައުމުން ބޭރުގައި ހިންގާ ވިޔަފާރީގެ އެތައް މިލިއަން ޑޮކިއުމެންޓެއް އާއްމުކޮށްފައި ވަނިކޮށެވެ. ޕެރަޑައިސް ޕޭޕާސް އިން ވަނީ ސިޔާސީ 120 މީހަކާ ބެހޭ މައުލޫމާތު އާއްމުކޮށްފަ އެވެ.