މަސްޖިދުއްނަބަވީގެ ބޭރުގައި ބޮމެއް ގޮއްވާލާ ހަތަރު މީހުން މަރާލައިފި
މަސްޖިދުއްނަބަވީގެ ބޭރުގައި ބޮމެއް ގޮއްވާލާ ހަތަރު މީހުން މަރާލައިފި

މަދީނާ (ޖުލައި 4) - ސައުދީ އަރަބިއާގެ މަދީނާގެ މާތްވެގެންވާ މަސްޖިދުއްނަބަވީގެ ބޭރުގައި މިރޭ ބޮމެއް ގޮއްވާލައިފި އެވެ. މި ހަމަލާގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން މިރޭ ބުންޏެވެ.

މަސްޖިދުއްނަބަވީގެ ބޭރުގައި ބޮމެއް ގޮއްވާލާ ހަތަރު މީހުން މަރާލައިފި
މަސްޖިދުއްނަބަވީގެ ބޭރުގައި ބޮމެއް ގޮއްވާލާ ހަތަރު މީހުން މަރާލައިފި

ކީރިތި ރަސޫލާގެ މިސްކިތްކޮޅުގެ ބޭރުގައި ގޮއްވާލި ބާރުގަދަ ބޮމުގެ ސަބަބުން އަނދަމުންދިޔަ ވެހިކަލެއް އަލް އަރަބިއްޔާ ޓީވީން ދައްކާފައިވެ އެވެ. ސޯޝަލް މީޑިއާގެ ފޮޓޯތަކުން ފެންނަ ގޮތުގައި މިސްކިތުގެ ކާރު ޕާކިން އޭރިޔާގައި އަނދަމުންދިޔަ ވެހިކަލް ކައިރީގައި ސަލާމަތީ ދެ އޮފިޝަލުން ވެސް ވެއްޓިފައި އޮތެވެ. ބައެއް ޗެނަލްތަކުން ބުނީ ބޮމުގެ ހަމަލާގައި ސަލާމަތީ ދެ އޮފިސަރަކު މަރުވެފައިވާ ކަމަށެވެ.

މަސްޖިދުއްނަބަވީގެ ބޭރުގައި ބޮމެއް ގޮއްވާލާ ހަތަރު މީހުން މަރާލައިފި
މަސްޖިދުއްނަބަވީގެ ބޭރުގައި ބޮމެއް ގޮއްވާލާ ހަތަރު މީހުން މަރާލައިފި

އޮކާޒް ނޫހުން ބުނީ ހަމަލާ ދީފައި ވަނީ ރޯދަ ވީއްލަން ތައްޔާރުވަމުން ދިޔަ ވަގުތު ކަމަށެވެ. އަދި ހަމަލާ އަމާޒުކޮށްފައި ވަނީ ސަލާމަތީ އޮފިޝަލުންނަށް ކަމަށް ބެލެވޭ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އެންމެ ފަހުގެ ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

މި ހަމަލާ ދީފައި މި ވަނީ މި އަހަރުގެ މާތްވެގެންވާ ރޯދަ މަހުގެ އަޅުކަން ނިމުމަކަށް ކައިރިވެފައި ވަނިކޮށެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މުސްލިމުންގެ ދެ ވަނަ އަށް އެންމެ މުގައްދަސް މިސްކިތުގެ ބޭރުގައި ގޮއްވާލައިފައި ވަނީ ކާރު ބޮމެކެެވެ. ބޮން ގޮއްވާލުމާ އެކު ދުން ގަނޑު ވަރަށް ދުރަށް ފެތުރިގެން ދިޔަ ކަމަށް ވެސް މަންޒަރު ދުއް މީހުން ބުނެ އެވެ. ބައެއް މީހުން ބުނި ގޮތުގައި ތިން ގޮވުމެއްގެ އަޑު އިވިފައިވެ އެވެ.

މަސްޖިދުއް ނަބަވީގެ ބޭރުގައި މިރޭ ބޮމެއް ގޮއްވާލި އިރު ޖިއްދާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓުގެ ބޭރުގަ އާއި އިރުމަތީގެ ގާތިފްގެ ޝިއައީ މިސްކިތެއްގެ ބޭރުގައި ވެސް ވަނީ މިއަދު ބޮން ގޮއްވައިފަ އެވެ.

ޖިއްދާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ކައިރީގައި ޖާނުންފިދާވެގެން ބޮމުގެ ހަމަލާ ދޭން އުޅުނު މީހާ ހުއްޓުވުމުގެ ތެރޭގައި ސަލާމަތީ ދެ އޮފިޝަލަކަށް ވަނީ ކުޑަކޮށް އަނިޔާވެފަ އެވެ. އިތުރު މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ހަނގުރާމަވެރިންގެ ބަޔަކު 2004 ވަނަ އަހަރު ވެސް ވަނީ ޖިއްދާ ކޮންސިއުލޭޓަށް ހަމަލާދީ ނުވަ މީހުން މަރާލައިފަ އެވެ.

ގާތިފްގެ ޝިއައީ މިސްކިތުގެ ބޭރުގައި ވެސް އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި އިތުރު މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މި ދެ ހަމަލާގެ ޒިންމާ ވެސް އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން ސައުދީގައި ދިން ގިނަ ހަމަލާތަކުގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ. އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާ ދޭ ލަޝްކަރުގައި ސައުދީ އަރަބިއާ ހިމެނެ އެވެ.

ސައުދީގައި ގިނަ ހަމަލާތައް ދީފައި ވަނީ ޝިއައީންގެ ބޮޑު އާބާދީއެއް އޮންނަ އީސްޓަން ޕްރޮވިންސްގަ އެވެ. މިދިޔަ ޖެނުއަރީ މަހު ވަނީ އަލް އަހުސާގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުން ހަތަރު މީހުން މަރުވެފަ އެވެ. ގާތިފްގައި އާޝޫރާ ދުވަސް ފާހަގަކުރަނިކޮށް މިދިޔަ އޮކްޓޯބަރު މަހު ދިން ބަޑީގެ ހަމަލާއެއްގައި ފަސް މީހުން މަރުވެފައިވެ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އާޝޫރާ ދުވަހު ވެސް ވަނީ ބަޑީގެ ހަމަލާއެއްގައި ޝިއައީންގެ ހަތް މީހުން މަރާލައިފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ވަނީ ދައްމާމުގެ މިސްކިތަކަށް ޖާނުންފިދާވުމުގެ ހަމަލާ ދޭ މީހަކު ވަންނަން އުޅެނިކޮށް ހުއްޓުވި ޝިއައީންގެ މީހަކު މަރުވެފަ އެވެ. އޭގެ ކުރިން އީސްޓަން ޕްރޮވިންސްގެ ޝިއައީ މިސްކިތެއްގައި ބޮން ގޮއްވާލުމުން ވަނީ 21 މީހުން މަރުވެފަ އެވެ.

މި ހަމަލާތަކުގެ ފަހަތުގައި ވަނީ އައިއެސް ޖަމާއަތް ކަމަށް ސައުދީ ސަރުކާރުން ތުހުމަތު ކުރެ އެވެ.