ބެލްޖިއަމްގެ ފަނޑިޔާރު ޕުޖްޑެމޮން ދޫކޮށްލައިފި
ބެލްޖިއަމްގެ ފަނޑިޔާރު ޕުޖްޑެމޮން ދޫކޮށްލައިފި

ބްރެސަލްސް (ނޮވެމްބަރު 6) - ބެލްޖިއަމްގެ ފުލުހުންނާއި ރޭ އަމިއްލަ އަށް ހަވާލުވި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން އާއި ހަތަރު ވަޒީރުން ޝަރުތުތަކަކާ އެކު ދޫކޮށްލަން ފަނޑިޔާރު އަންގައިފި އެވެ.

ޕުޖްޑެމޮން އާއި އޭނާގެ ސަރުކާރުގެ ހަތަރު ވަޒީރުން ބެލްޖިއަމް ފުލުހުންނާ އަމިއްލަ އަށް ހަވާލުވީ ސްޕޭނުގެ ފަނޑިޔާރަކު އެ މީހުން ހައްޔަރު ކުރަން ޔޫރަޕިއަން އެރެސްޓް ވޮރެންޓް ނެރުމުންނެވެ. ޕުޖްޑެމޮން އާއި އޭނާގެ ޓީމު މިއަދު ވަނީ ބެލްޖިއަމްގެ ކޯޓަށް ހާޒިރު ކޮށްފަ އެވެ. ފަނޑިޔާރު އެ މީހުން ދޫކޮށްލީ ބެލްޖިއަމުން ބޭރަށް ނުދިއުމަށާއި އެ މީހުން ދިރިއުޅޭ ތަންތަނުގެ މައުލޫމާތު ދިނުމަށް ޝަރުތުކޮށްފަ އެވެ.

ޕުޖްޑެމޮން ބެލްޖިއަމް އަށް ވަޑައިގެންނެވީ ސްޕޭނުން ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގުމުންނެވެ. ޕުޖްޑެމޮން ވިދާޅުވެފައި ވަނީ ސްޕޭނަށް އެނބުރި ވަޑައިގަންނަވާނީ އިންސާފުވެރި ޝަރީއަތެއް ކުރާނެކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ.

ޕުޖްޑެމޮންގެ ޕާޓީން ބުނެފައި ވަނީ ބެލްޖިއަމް ފުލުހުންނަށް އޭނާ ހަވާލުވުމަކީ ޝަރީއަތަށް ފިލަން ނޫޅެނެކަމުގެ ހެއްކެއް ކަމަށެވެ.

ކެޓަލޯނިއާގެ ސަރުކާރާއި ޕާލަމެންޓް އުވާލުމަށް ފަހު އަންނަ މަހު 21 ވަނަ ދުވަހު އާ އިންތިޚާބެއް ބޭއްވުމަށް ސްޕޭނުން ވަނީ ނިންމައިފަ އެވެ.