ދައުލަތުގެ ހަރަދުގައި ވަކީލަކު ހޯދޭނެކަން ނޭންގުމުން، ޑްރަގް ދައުވާއެއް ބާތިލްކޮށްފި
ދައުލަތުގެ ހަރަދުގައި ވަކީލަކު ހޯދޭނެކަން ނޭންގުމުން، ޑްރަގް ދައުވާއެއް ބާތިލްކޮށްފި

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް، ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖެއްސުމުގެ ހައްގު ލިބިގެންވާ ކަން ބުނެ ނުދީ އޮތުމުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވުނު މީހަކަށް ކުރި ދައުވާއެއް މެޖިސްޓްރޭޓް ކޯޓަކުން މިއަދު ބާތިލްކޮށްފި އެވެ.

ޑައިމޯފިން ޓްރެފިކް ކުރި ކަމަށް ބުނެ މީހަކަށް ކުރި އެ ދައުވާ ބާތިލްކޮށް، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ މިނިވަން ކުރީ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން އެދުމުގެ ހައްގު އެ މީހާ އަށް އޮތްކަން ނާންގާ އޮތުމުންނެވެ. އެ މީހާ އަށް ވަކީލަކު ހަމަޖެއްސުމުގެ ހައްގު އޮތްކަން ފުލުހުން އޭނާ އަށް އެންގިޔަސް، ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އޮތްކަން ފުލުހުން އޭނާއަކަށް ނާންގަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 44 ވަނަ މާއްދާ ބުނާ ގޮތުން ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ މައްސަލައެއް ނަމަ އަދި ތުހުމަތު ކުރެވޭ މީހަކީ އަމިއްލަ އަށް ވަކީލަކު ހަމަޖެއްސޭ ފަދަ ތަނަވަސްކަން ނެތް މީހެއް ނަމަ، ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން އެދުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަން، ހައްޔަރު ކުރުމަށް ފަހު ދޭންޖެހޭ ގާނޫނީ އިންޒާރުގައި އެ މީހަކަށް އަންގަން ވާނެ އެވެ.

އެ މާއްދާގެ ދަށުން ފުލުހުން ދޭ ގާނޫނީ އިންޒާރުގައި ހަ ކަމެއް އެ މީހަކަށް އަންގަން ޖެހޭ އިރު، އެ ހުރިހާ ކަމެއް އެންގުމުން ނޫނީ އެ ގާނޫނީ އިންޒާރު ފުރިހަމަ ނުވާނެ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އިޖްރާއާތު ފުރިހަމަ ނުކޮށް، ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލަން މީގެ ކުރިން ކޯޓުތަކުން ވަނީ އަމުރު ކޮށްފަ އެވެ. އަދި އެ ގާނޫނުގައި ބުނާ އިޖްރާއާތާ ޚިލާފަށް ތަހުގީގު ހިންގާފައިވާތީ ބައެއް ދައުވާތައް ވެސް ކޯޓުތަކުން ވަނީ ބާތިލްކޮށްފަ އެވެ.