ސިއްރުން ނަގާފައިވާ ޝާފިއުގެ އޯޑިއޯ: ހެެއްކެއްގެ ގޮތުގައި ބޭނުން ކުރުމުގެ ބަހުސް
ސިއްރުން ނަގާފައިވާ ޝާފިއުގެ އޯޑިއޯ: ހެެއްކެއްގެ ގޮތުގައި ބޭނުން ކުރުމުގެ ބަހުސް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގައި، މީހަކު ދެއްކި ވާހަކައެއްގެ އޯޑިއޯއެއްގެ މައްސަލަ ފާރިސްގެ ވަކީލުން މިވަނީ ފެންމަތިކޮށްފަ އެވެ. ރިޝްވަތުގެ އެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ އަހުމަދު ޝާފިއު އެހެން މީހަކާ ދެއްކި ވާހަކައިގެ އެ އޯޑިއޯ ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާތީ، އެއީ ޖާސޫސް ކޮށްގެން ހޯދި ހެއްކެއް ކަމަށް ބުނެ އެ މައްސަލަ ފާރިސްގެ ވަކީލުން ފެންމަތި ކުރުމުން ގާނޫނީ ބައެއް ބޭފުޅުން ވެސް ގެންދަވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ސިއްރުން ނަގާފައިވާ ޝާފިއުގެ އޯޑިއޯ: ހެެއްކެއްގެ ގޮތުގައި ބޭނުން ކުރުމުގެ ބަހުސް
ސިއްރުން ނަގާފައިވާ ޝާފިއުގެ އޯޑިއޯ: ހެެއްކެއްގެ ގޮތުގައި ބޭނުން ކުރުމުގެ ބަހުސް

އެއީ ކުރިން ޝަރީއަތަށް ހުށަހަޅާފައި އޮތް އެއްޗެއް ނަމަވެސް އެކަން އާންމުންނާ ހަމައަށް ތިލަވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި، ފާރިސްގެ ވަކީލުން އެކަން ފާހަގަކުރުމުންނެވެ. އެކަމަކު އެ އޯޑިއޯގައި އިވެނީ ޝާފިއުގެ ކޮން ވާހަކަތަކެއް ކަމެއް އަދި އާންމެއް ނުކުރެ އެވެ. އެ އޯޑިއޯ ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅަން ފާރިސްގެ ވަކީލުން ވަނީ ހުށަހެޅުމެއް ވެސް ހުށަހަޅައިފަ އެވެ.

ފާރިސްގެ ވަކީލުން ބުނާ ގޮތުން އެއީ ޝާފިއުއަށް "ޖާސޫސް" ކޮށްގެން މީހަކު ހޯދި އެއްޗެކެވެ. މީހުންގެ ހުއްދަ ނެތި އެ މީހުންގެ ވާހަކަ ރެކޯޑް ކުރުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަން ފާހަގަކޮށް، ފާރިސްގެ ވަކީލުންގެ ޓީމުން ބުނަނީ އެއީ ކުށެއް ކޮށްގެން މީހަކު ހޯދި އެއްޗެއް ކަމަށާއި އެހެންވެ އެ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ.

މި އޯޑިއޯގެ ވާހަކަ ފެންމަތިވުމާ އެކު، އެކަން ވީ ގާނޫނީ އެހެން ބައެއް ބޭފުޅުންގެ ވެސް ކަންބޮޑުވުމަކަށެވެ. ޖާސޫސް ކޮށްގެން ހޯދާ ހެކިތަކަކީ ގާނޫނާ ޚިލާފް ހެކިތަކެއް ކަމަށް ބުނެ، އެފަދަ ހެކި ބަލައިނުގަނެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވި އެވެ.

"ގާނޫނާ އެއްގޮތަށް ހެކި ހޯދަން ނުޖެހޭ ގޮތަށް އިންޓެލިޖެންސަށް ފުރުސަތު ދެވިގެން ނުވާނެ. އެކަން ކޮށްފި ނަމަ މަދަނީ ހައްގުތަކާއި އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ނެތި ދިޔައީ،" ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައިވެ އެވެ.

އެ ރެކޯޑިންއާ ބެހޭ ގޮތުން ދައުލަތުން ކޯޓުގައި ބުނެފައިވަނީ އެ ލިބުނީ ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ކަމަށާއި އިންޓެލިޖެންސަށް ލިބޭ މައުލޫމާތުތަކަކީ އާންމުކޮށް، ހާމަކުރާ އެއްޗެއް ނޫން ކަމަށެވެ. އެކަމަކު އެއީ ފުލުހުން ރެކޯޑް ކޮށްފައިވާ އެއްޗެއް ނޫން ކަމަށް ދައުލަތުން ވެސް ކޯޓުގައި އެއްބަސްވެ އެވެ.

އެހެންވެ މިހާރު އުފެދިފައި މި އޮތީ ޝާފިއު ދެއްކި ކަމަށް ބުނާ އެ ވާހަކައިގެ ރެކޯޑިންއަކީ ގާނޫނާ ޚިލާފަށް ހޯދި ހެއްކަކަށް ވާނެތޯ ނުވަތަ ނޫންތޯ ބަހުސެވެ. ހައި ކޯޓުން 2014 ގައި ނިންމާފައިވަނީ މީހުންގެ ޒާތީ މުއާމަލާތްތައް އަޑުއެހޭނީ ކޯޓު އަމުރެއް ލިބިގެން ކަމަށެވެ. އެ ނޫން ގޮތަކަށް ހޯދާފައިވާ އެފަދަ މުއާމަލާތްތައް ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް އެ ކޯޓުން އޭރު ކުރި ހުކުމެއްގައިވެ އެވެ.

"އެއްވެސް ބައެއްގެ މެދުގައި ހިނގާފައިވާ ޒާތީ މުވާސަލާތެއް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނީ އެ މުވާސަލާތެއް ހޯދައި ގަނެވިފައިވަނީ ކަމާ ބެހޭ ޝަރުއީ ކޯޓެއްގެ ހުއްދަ އޮވެގެން ކަމަށްވާ ނަމަ ކަމާއި އަދި ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅަނީސް އެ ނޫން ގޮތަކަށް ހޯދިފައިވާ، ދެ މީހެއްގެ ދެމެދުގައި ފޯނަކުން ކުރެވިފައިވާ މުއާމަލާތެއް ފަދަ އެއްވެސް ޒާތީ މުވާސަލާތެއް ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިގަތުމަކީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފް ކަމެއް..." ކަމަށް ހައި ކޯޓުގެ އެ ހުކުމުގައިވެ އެވެ.

ދެން ބަލަންވީ މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތެވެ. ގާނޫނުލް އުގޫބާތު ބުނާ ގޮތުން މީހަކު ދައްކާ ވާހަކައެއް އެ މީހަކަށް ނޭނގި ނުވަތަ އެ މީހެއްގެ ހުއްދަ ނެތި ރެކޯޑް ކުރުމަކީ ޖިނާއީ ކުށެކެވެ. ނަމަވެސް މި ކުށުން އިސްތިސްނާވާ ހާލަތްތަކެއް ގާނޫނުލް އުގޫބާތުގައިވެ އެވެ. އޭގެ ތެރެއިން އެއް ހާލަތަކީ ކުށެއްގެ ހެކި ހޯދުމުގެ ނިޔަތުގައި ސިއްރުން ރެކޯޑްކުރާ ކުރުމެވެ. އެހެންވެ، އެ ހާލަތުގައި އެއީ ކުށެއް ކަމަށް އެ ގާނޫނުގެ ދަށަކުން ނުބެލެވެ އެވެ.

ޝާފިއުގެ އެ ވާހަކަތައް ރެކޯޑްކުރި މީހާ އެކަން ކުރީ ކުށެއް ކުރާކަމުގެ ހެކި އޭނާގެ ވާހަކައިން ލިބޭ ކަމަށް ގަބޫލުކުރެވިގެން، އެ ހެކި ހޯދުމުގެ ގޮތުން ކަމަށް ބެލެވިދާނެ އެވެ. އެހެން ކަމަށްވާ ނަމަ، ޝާފިއުގެ އެ ވާހަކަ ރެކޯޑްކުރި މީހާ އެ ކުރީ ޖިނާއީ ކުށެއް ނޫން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް، ބައެއް ވަކީލުން ދެކެ އެވެ. ނަމަވެސް އެ ރެކޯޑިން އިން ލިބޭ ހެކި ފާރިސްއާ ދެކޮޅަށް ބޭނުން ކުރެވިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ކުށެއްގެ ހެކި ހޯދުމުގެ ގޮތުން އަނެކާގެ ވާހަކަތައް ސިއްރުން ރެކޯޑް ކުރުން ގާނޫނުލް އުގޫބާތުގައި ހުއްދަ ކޮށްފައި އޮތުމަކީ، އެގޮތަށް ސިއްރުން ރެކޯޑް ކޮށްގެން ހޯދާ ހެކިތައް ޝަރީއަތަށް ބަލައިގަނެވޭނެ ސަބަބެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތަކީ އިޖްރާއާތު ބަޔާންކުރާ ގާނޫނަކަށް ނުވާތީ އެވެ.

"އެ ރެކޯޑިންއަކީ ކުށެއް ކޮށްގެން އެ މީހާ ހޯދި އެއްޗެކޭ ނޫން މިދަންނަވަނީ. އެހެން ނަމަވެސް އެއީ ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ. ސަބަބަކީ ހެކި ހޯދަން ޖެހޭ ގޮތްތައް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ކަނޑައަޅާފައި އޮތީމަ. ގާނޫނުލް އުގޫބާތަކީ ކުށާއި އަދަބު ބަޔާންކުރާ ގާނޫނެއް. އެ ގާނޫނަކު ނޯންނާނެ އިޖްރާއާތެއް ބަޔާން ކޮށްފައެއް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށެއްގެ ހެކި ހޯދުމުގެ ގޮތުން، މީހަކު ދައްކާ ވާހަކަ ސިއްރުން ރެކޯޑް ކުރުން ގާނޫނުލް އުގޫބާތުގައި ހުއްދަ ކުރަނީ އެފަދަ ހާލަތެއް އޮވެގެން އެފަދަ މުއާމަލާތެއް ރެކޯޑްކުރާ މީހާއަށް ލިބިދޭ ދިފާއެއްގެ ގޮތުންނެވެ. އެއީ ހެކީގެ ގޮތުގައި އެފަދަ އެއްޗެއް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް، މީހަކު ދެއްކި ވާހަކައެއް ރެކޯޑް ކޮށްގެން އެކަން އެނގޭ ހާލަތުގައި ރެކޯޑްކުރި މީހާ އެކަން ކުރީ އަނެއް މީހާ ކުށެއް ކުރާ ކަމަށް ބެލެވިގެން ކަމަށްވާ ނަމަ، އެކަމަށް އޮންނަ ދިިފާއެއް އެއީ. އަދި އެ ދިފާއެއް ސާބިތުކޮށްދޭން ޖެހޭނީ ވެސް އެ މީހަކު އަމިއްލައަށް. އެކަމަކު އަދިވެސް އާންމު އުސޫލަކީ މީހުން ދައްކާ ވާހަކަ ސިއްރުން ރެކޯޑެއް ކުރުމަކީ މަނާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 52 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނާ ޚިލާފް ގޮތަކަށް ހޯދާ ހެކިތައް ޝަރީއަތަށް ބަލައެއް ނުގަނެވޭނެ އެވެ. އެހެންވެ، ކޮންމެ ފަދަ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ މައްޗަށް ވެސް ކުށް ސާބިތު ކުރަން ބޭނުން ކުރެވޭނީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިތަކެވެ. ގާނޫނު އަސާސީގެ އެ މާއްދާގެ އިތުރުން ސުޕްރީމް ކޯޓުން 2012 ގައި ކުރި ހުކުމެއްގައި ވެސް އެކަން ވަނީ ފާހަގަކޮށްފަ އެވެ.

"ގާނޫނީ ގޮތުން ބާތިލް ދަލީލެއްގެ މައްޗަށް ބިނާކޮށް މުއްތަހަމެއްގެ މައްޗަށް ކުށެއް ސާބިތު ކުރުމަކީ މުޅި މުޖްތަމައުގެ މަސްލަހަތަށްޓަކައި ކަމަށް ބުނެ އިސްތިސްނާ ކުރެވޭނެ ކަމެއް ނޫން ކަމާއި، އެއީ އިސްލާމީ ޝަރީއަތާއި އަދި އެހެން އެއްވެސް ގާނޫނީ ނިޒާމެއްގެ މަގްސަދެއް ވެސް ނޫން" ކަމަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ބުނެފައިވެ އެވެ.

އޭގެ މާނައަކީ މީހަކު ކުށެއް ކުރިކަން ސާބިތު ކޮށްދެވޭނެ ފަދަ ކިތަންމެ ވަރުގަދަ ހެއްކަކަށް ވިޔަސް، އެއީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއް ނަމަ ޝަރީއަތުން އެއަށް ބުރަދަނެއް ނުދެވޭނެ ކަމެވެ. ރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ މައްސަލަތަކަށް ބެލިޔަސް އެކަން ވަރަށް ސާފެވެ.

ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އޮފީހެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި ޖަލަށް ލާފައި ހުރި މީހަކު 2014 ގައި ހައި ކޯޓުން މިނިވަންކުރީ އެ މަސްތުވާތަކެތި ފެނުނު އޮފީހަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށް ވާތީ އެވެ. އޭގެ ފަހުން މަސްތުވާތަކެތީގެ ބޮޑު އެހެން މައްސަލައެއްގައި ޖަލަށް ލާފައި ހުރި މީހަކު 2014 ގައި ހައި ކޯޓުން މިނިވަންކުރީ އޭނާގެ މައްޗަށް ކުށް ސާބިތުކުރަން ހެއްކެއްގެ ގޮތުގައި ބޭނުންކުރި ފޯން ކޯލް ރިކޯޑިން ހޯދީ ކޯޓު އަމުރެއް ނެތި ކަމަށް ވުމުންނެވެ.

ކޮންމެއަކަސް، ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ޝާފިއުގެ އެ އޯޑިއޯއަކީ ގާނޫނާ ޚިލާފް ހެއްކަކަށް ވާނެތޯ ނުވަތަ ނޫންތޯ މިހާރު މިއޮތީ ބަހުސެއްގެ ތެރޭގަ އެވެ. ގާނޫނީ އަދި ޝަރުއީ ގޮތުން ވެސް ވަރަށް ބޮޑު ބަހުސެކެވެ.