06 ނޮވެމްބަރ 2017 - 13:53

މައްކާ (ނޮވެމްބަރު 6) - ޒަމްޒަމް ވަޅު މަރާމާތު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތް އަންނަ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ހަރަމްފުޅުގެ ކަންކަން ބަލަހައްޓަވާ އޮފީހުގެ ޗެއާމަން ޝެއިޚް އަބްދުއްރަހްމާން އަލް ސުދައިސް ވިދާޅުވެއްޖެ އެވެ.

ހަރަމްފުޅާ 20 މީޓަރު ދުރުގައިވާ ޒަމްޒަމް ވަޅުގެ މަރާމާތުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހު އެވެ. ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަސައްކަތުގެ ފުރަތަމަ ބައިގައި ތަވާފް ކުރާ ސަރަހައްދުގެ އިރުމަތިން ޒަމްޒަމް ވަޅާ ގުޅާލުމަށް ފަސް ސާވިސް ބްރިޖް ހަދާނެ އެވެ. މި ފާލަންތަކުގެ ފުޅާ މިނުގައި އަށް މީޓަރު އަދި ދިގު މިނުގައި 120 މީޓަރު ހުރެ އެވެ. މަސައްކަތުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ޒަމްޒަމް ވަޅު ހިމެނޭ ސަރަހައްދުގައި ހުރި ކޮންކްރީޓުގެ ބައިތަކާއި ދަގަނޑުތައް ނަގާ އެ ހިސާބުގައި އެއްވެސް ބާވަތެއްގެ ޖަރާސީމެއް އަށަނުގަތުމަށް ސްޓެރިލައިޒް ހުރުން ހިމެނެ އެވެ.
ދުނިޔޭގައިވާ އެންމެ ގަދީމީ ވަޅުން ފެން ބޭނުން ކުރާތާ 5،000 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ޒަމްޒަމް ވަޅުން ސިކުންތަކު 18.5 ލީޓަރުގެ ފެން ޕަންޕް ކުރެ އެވެ. ވަޅުގެ ފުން މިނަކީ 30 މީޓަރެވެ.
މަދީނާގައިވާ މަސްޖިދުއް ނަބަވީ އަށް ދުވާލަކު 120 ޓަނުގެ ޒަމްޒަމް ފެން ސަޕްލައި ކުރެ އެވެ. ފެން އުފުލަނީ ޚާއްސަ ޓޭންކްތަކެއްގަ އެވެ.
ސައުދީ ޖިއޮލޮޖިކަލް ސާވޭގައި ވަނީ ޒަމްޒަމް ސްޓަޑީޒް އެންޑް ރީސާޗް ސެންޓަރެއް ގާއިމްކޮށްފަ އެވެ. ޒަމްޒަމް ވަޅުގެ ޓެކްނިކަލް ތަފްސީލްތައް އެ ތަނުން ބަލަހައްޓަ އެވެ. އޭގެ ތެރޭގައި ޑިޖިޓަލް ހައިޑްރޯގްރާފުން ފެނުގެ ލެވެލް ބެލުމާއި އިލެކްޓްރިކް ކޮންޑަކްޓިވިޓީ އާއި ޕީއެޗް، އީއެޗް ލެވެލް އާއި ޓެމްޕަރޭޗަ މޮނިޓާ ކުރުން ހިމެނެ އެވެ.