07 ނޮވެމްބަރ 2017 - 06:09

އެތައް ބްލޮކްބަސްޓާ ފިލްމެއް ކުޅެގެން އާމިރު ޚާނަކީ ބޮލީވުޑްގައި ނެތްވަރުގެ އަލިގަދަ ތަރިއަކަށް ވިޔަސް އޭނާގެ މަޝްހޫރުކަމުން ފިލްމުތަކަށް ނޭދެވޭ އަސަރުތައް ކުރޭތޯ ބައެއް ފަހަރު ބަލަންޖެހޭ ކަމަށް އާމިރު ބުނެފި އެވެ.
އާމިރު، 52، ބުނި ގޮތުގައި އޭނާ އަކީ ތަރިއެއް ކަމަށް އެއް އިރެއްގައި ވެސް ގަބޫލެއް ނުކުރެ އެވެ. އޭނާ ގަބޫލުކުރަނީ އޭނާއަކީ އޭނާ އެންމެ ހިތްހަމަޖެހޭ އުފާވާ މަސައްކަތް ކުރުމުގައި ދެމިހުރި މީހެއް ކަމަށެވެ.
"އަހަރެން އަސްލުގައި ވެސް ސްޕަސްޓާޑަމް ސީރިއަސް ކޮށެއް ނުނަގަން،" އާމިރު ބުންޏެވެ.
އާމިރު ބުނި ގޮތުގައި އޭނާގެ އަންހެނުން ކިރަން ރާއޯގެ "ދޯބީ ގާޓު"ގައި އޭނާ ބައިވެރިކުރަން ކިރަން ވަރަަށް ފަސް ޖެހުނެވެ. ފިލްމީ ރޮނގުން އޭނާއަށް ލިބިފައިވާ މަޝްހޫރުކަމުގެ ސަބަބުންނެވެ.
"ކިރަންގެ ދޯބީ ގާޓްގައި އަހަރެން ބައިވެރިނުކުރަން ވަރަށް އުޅުނު. އެއީ ވަރަށް ކުޑަ ބަޖެޓަކުން އުފައްދާ އާދައިގެ ފިލްމަކަށް ވާތީ. އޭނާ ބުނި އެންމެ ނުވަ މީހުންގެ ކުރޫއެއް ގޮވައިގެން އުޅޭއިރު ކިހިނެއްހޭ އަހަރެން ގޮވައިގެން ޝޫޓް ކުރާނީ. އަހަރެން އަންނަންޏާ އަހަރެންގެ 15 ބޮޑީ ގާޑުން ވެސް އަންނާނޭ،" އާމިރު ބުންޏެވެ.
ކިރަންގެ ފިލްމުގައި އާމިރު އެންމެ ފަހުން ބައިވެރިވީ ވަރަށް މޮޅު ރޭވުމެއްގެ ދަށުންނެވެ. ފިލްމުގައި އާމިރު އުޅޭ ގެ ކަމަކަށް ދައްކާ ގެއަކީ މުމްބާއީގެ ބާޒާރުމަތީގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބުގައި ހުރި ވަރަށް އާދައިގެ ކުޑަކުޑަ ގެއެކެވެ. އެހެންވެ އާމިރު ކުރި ކަމަކީ އެއް ރޭ ދަންވަރު 3:30 ހާއިރު އެތަނަށް ގޮސް އެއްވެސް މީހަކު ފެންނަން ނެތް ވަގުތެއް ބަލާފައި އެގެއަށް ވަނީ އެވެ. އަދި ފިލްމުގެ ޝޫޓިން ނިމެންދެން ތިން ހަފުތާ ވަންދެން އޭނާ އެ ގެއިން ނުނިކުމެ އުޅުނު ކަމަށް އާމިރު ބުންޏެވެ.
"އެއްވެސް ބޮޑީ ގާޑަކު ނެތީމަ އެއްވެސް މީހަކަށް ނޭނގުނު އަހަރެން އެގޭގައި އުޅުނު ކަމެއް،" އާމިރު ބުންޏެވެ.
އަދި "ދޯބީ ގާޓު"ގެ ޝޫޓިންގް ތެރޭގައި އެ ގޭގައި ހުރެގެން އާމިރު ވަނީ އޭނާ ކުޅުނު ދެ ބްލޮކްބަސްޓާ ފިލްމު "ގަޖްނީ" އާއި "3 އިޑިއަޓްސް"ގެ ބައްދަލުވުން ތަކެއް ވެސް ބާއްވާފަ އެވެ.
އެ ގޭގައި ހުންނަނީ އެންމެ ކޮޓަރިއެކެވެ. ޝޫޓިން ހިނގަމުން ދިޔައީ އެ ކޮޓަރީގަ އެވެ. އެހެންވެ "ތްރީ އިޑިއަޓްސް"ގެ މީޓިންގްތައް ބާއްވަން ފިލްމުގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އާއި އެހެން ވެސް ބައެއް މީހުން އައުމުން އެ ބައްދަލުވުން ބޭއްވީ އެ ގޭގެ ފާޚާނާ ތެރޭގައި ކަމަށް އާމިރު ބުންޏެވެ. އަދި "ގަޖްނީ"ގެ ޑައިރެކްޓަރު އޭ. އާރް. މުރުގަދޯސް އާއެކު ވެސް ހަމަ އެ ގޭގެ ފާޚާނާ ތެރޭގައި ބައްދަލުވުން ބޭއްވި ކަމަށް އާމިރު ބުންޏެވެ.
"އެންމެން ތިބެނީ ފާޚާނާ ތެރޭގައި ރަނގަޅަށް އެތުރިގެން. އަހަރެން ކުޑަ ދޮރެއްގެ ކައިރިއަށް ވެސް ގޮސްލަނީ ރޭގަނޑު ވީމަ ބޮކިތައް ވެސް ނިއްވާލާފައި،" އާމިރު ބުންޏެވެ.
އާމިރުގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ނުކުތް "ސީކްރެޓް ސުޕަސްޓާ" އަކީ އޭނާ ވަރަށް ކުޑަކުޑަ ބަޖެޓަކުން 16 އަހަރުގެ އަންހެންކުއްޖަކު ލީޑް ރޯލަށް ލައިގެން އުފެެއްދި ފިލްމެެކެވެ. ނަަމަވެސް އެ ފިލްމަށް ވެސް ވަނީ ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. މިހާތަނަށް 41 ކްރޯޑު (4.1 ބިލިއަން) ރުޕީސް މި ފިލްމަށް ލިބި ސުޕަހިޓަކަށް ފިލްމު ވަނީ ވެފަ އެވެ.
މިހާރު އޭނާ މަސައްކަތް ކުރަނީ ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ތަގްސް އޮފް ހިންދުސްތާން" ގައެވެ. މިއީ އަމީތާބު ބައްޗަން އާއެކު އޭނާ ކުޅޭ ފުރަތަމަ ފިލްމެވެ.